ޚަބަރު

ކޮވިޑް-19ގެ މަސައްކަތުގައި ފުލުހުންގެ ހިދުމަތުގެ އަގު ވަޒަންކުރަން: އިމްރާން

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އާއި ގުޅިގެން މުޅި ދުނިޔެއަށް ދިމާވެފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުން ދިވެހި ރައްޔިތުން އަރައިގަތުމަށް ފުލުހުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގު ދިވެހި ސާރުކާރުން ވަޒަންކުރާ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތަށް 87 ފުރުމުގެ މުނާސަބަތުގައި ފުލުހުންނަށް ތަހުނިޔާ އަރިސްކޮށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ޓްވީޓަރ މެދުވެރިކުރައްވާ ދެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވީ ކޮވިޑް-19 އިން ދިވެހި ރައްޔިތުން އަރައިގަތުމަށް ކުރަމުންދާ ބުރަ މަސައްކަތުގެ އެންމެ ކުރީ ސަފުގައިވެސް މަސައްކަތް ކުރަމުން އަންނަ އެއް ބަޔަކީ ފުލުހުންކަމަށެވެ.

އެގޮތުން ފުލުހުންގެ ހުރިހާ ވަސީލަތްތަކާއި ކޮންމެ ފުލުހެއްގެ ހުރިހާ ހަކަތައެއް ކޮވިޑް-19 އިން އަރައިގަތުމަށް ބޭނުންކުރަމުންދާކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ މިދިޔަ އަހަރަކީ ފުލުހުންގެ މަސައްކަތުގައި ވަރަށް ކާމިޔާބު އަހަރެއްކަމަށެވެ. އެގޮތުން މުޅި ރާއްޖޭގެ ކުށުގެ ވެއްޓަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާއި ދާހިލީ ސަލާމަތަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެކު ފުލުހުންގެ ޚިދުމަތަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުންދާކަން މިނިސްޓަރ އިމްރާން ފާހަގަކުރެއްވިއެވެ. މިގޮތުން ފުލުހުން ސްޓްރެޓީޖިކް ޕްލޭން ތަންފީޒުކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސްއާއި ފުލުހުންގެ ލީޑަރ ޝިޕުން މަސައްކަތްކުރައްވަމުން ގެންދަވާކަމަށް އިމްރާން ވިދާޅުވިއެވެ.

"ރާއްޖޭގެ ދާހިލީ ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް އަމާން ވެއްޓެއް ގާއިމްކޮށްދިނުމަށްޓަކައި ރެޔާ ދުވާލު ގޮންޖެހުންތަކާއި ކުރިމަތިލާ ފުލުހުން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކޮށް ފުލުހުންނަށް ޝުކުރު އަދާކުރަން. ފުލުހުންގެ މި މަސައްކަތް އާއިލާތަކުގެ އެއްބާރުމާއި އެކު މެނުވީ ނުކުރެވޭނެ ކަަމަށް އަޅުގަނޑު ގަބޫލުކުރަން. އެހެން ކަމުން ފުލުހުންގެ އަހަރީ ދުވަހުގެ ތަހުނިޔާ އާއިލާތަކަށްވެސް އަރިސްކުރަން. " ހޯމް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަށް 87 އަހަރު ފުރިފައިވާއިރު ސިފައިންނާއި ފުލުހުން ވަކިކޮށް މަދަނީ ޚިދުމަތްދޭ ބަޔަކަށް ފުލުހުން ބަދަލުވީ 2004 ވަނަ އަހަރުގެ ސެޕްޓެމްބަރ 01 ވަނަ ދުވަހު އެވެ. ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ރާއްޖޭގައި ފަށާފައިވަނީ 1933 ވަނަ އަހަރުގެ މާރިޗު 29 ވަނަ ދުވަހުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!