މަސްފެންގަނޑު މަރާމާތުކޮށްދިނުމަށް ފަހު އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފި
ރާއްޖޭގެ އެންމެ ބޮޑު މިސްކިތް، އިސްލާމީ މަރުކަޒްގެ މުންނާރު ފެންއަރުވާ ވަޑާން ސްޓެލްކޯއިން މަރާމާތުކޮށްދިނުމަށް ފަހު އެތަން އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.
ސްޓެލްކޯގެ ސީއެސްއާރުގެ ދަށުން ދީލަތު އެހީތެރިކަމާއެކު އެ މަސްފެންގަނޑު މަރާމަތުކޮށްދޭން ފެށީ މިދިޔަ މަހު އެވެ.
އަދި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައި އެ މަސްފެންގަނޑު އަލުން ހުޅުވައިފަ އެވެ.
އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އަދި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން ފަހުމީވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ރަސްމިއްޔާތަށް ފަހު މިނިސްޓަރު ޝަހީމް އެކްސްގައި ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް އިސްލާމީ މަރުކަޒްގެ މުންނާރު ފެންއަރުވާ ވަޑާން ހަލާކުވެފަ ގިނަ އަހަރު ތަކަކަށް ހުރުމަށްފަހު، ސްޓެލްކޯގެ ސީއެސްއާރު ދަށުން ދީލަތު އެހީތެރިކަމާއެކު މަރާމާތުކޮށް އަލުން ހުޅުވުމަށް ސްޓެލްކޯއިން އިސްނެގި ނެގުމަށް ޝުކުރު ދަންނަވާ ކަމަށެވެ.
އިސްލާމީ މަރުކަޒުގެ މުންނާރާއި އިސްލާމީ މަރުކަޒުގެ ސަރަހައްދު މިހާރަށްވުރެ ޒީނަތްތެރިކޮށް އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ކުރަމުންދަނީ އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމުގެ މުނާސަބާތާ ގުޅިގެންނެވެ.
އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރެއްވުމަށް ސަރުކާރުން ނިންމާފައިވެ އެވެ.