ލައިފްސްޓައިލް

ސަމާލުވޭ! ބުޅަލުގެ ޒަރީއާއިން މި ބަލިތައް ފެތުރޭ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ބުޅަލަކީ ގިނަ ބަޔަކު ގޭގައި ގެންގުޅުމަށް ލޯބިކުރާ ޖަނަވާރެކެވެ. ނަމަވެސް ގޭގައި ބުޅާ ގެންގުޅުމުގައި ސަމާލުވާން ޖެހޭ ކަންތައްތަކެއް ވެސް ހުރެއެވެ.

Ads by STELCO

އެގޮތުން އެއް ކަމަކީ ބުޅަލުގެ ޒަރީއާއިން ޖެހޭ ބަލިތަކަށް ސަމާލުވުމެވެ. ބުޅަލުގެ ޒަރީޢާއިން ފެތުރޭ ބަލިތައް މާނަކުރެވެނީ ބުޅަލުގައި ނަޖިހުގައި އެކުލެވޭ ޖަރާސީމުތަކުގެ ސަބަބުން ފެތުރޭ ބަލިތަކަށެވެ. ބުޅަލުގެ ނަޖިހަކީ ގައިން ގަަޔަށް އަރާ ބަލިތަކުގެ މަސްދަރަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.
އެގޮތުން ބުޅަލުގެ ޒަރީއާއިން ޖެހޭ ބައެއް ބަލިތައް ހިމަނާލާނަމެވެ.

(ހ) - ޓޮކްސޯޕްލާޒްމޯސިސް : ޓޮކްސޯޕްލާޒްމޯސިސް އަކީ ބުޅާ ފަދަ ޖަނަވާރުގެ ހަށިގަނޑުގައި އުޅޭ ޖަރާސީމަކުން (ޕެރަސައިޓް) ޖެހޭ ބައްޔެކެވެ. ޓޮކްސޯޕްލާޒްމޯސިސް ޖެހެނީ ބަލި ޖައްސާ ޖަރާސީމް ނުވަތަ ފަނީގެ ބިސް ހަށިގަނޑަށް ވަނުމުންނެވެ. މިއީ ބުޅަލުގެ ނަޖިހުގައި ހުންނަ ޖަރާސީމަކަށްވާތީ، މިޖަރާސީމް ބުޅަލުގެ ނަޖިހުގެ ޒަރީޢާއިން އިންސާނުންނަށާއި، އެހެނިހެން ޖަނަވާރުންނަށް ވާޞިލްވާގޮތް މެދުވެރިވެއެވެ.

(ށ) - ރޭބީޒް : ރޭބީޒް އަކީ އާންމު ގޮތެއްގައި ވަލުކުއްތާ ފަދަ ޖަނަވާރުތައް ދަތް އެޅުމުން ޖެހޭ ނުރައްކާތެރި ބައްޔެކެވެ. ނަމަވެސް ރޭބީޒް ވައިރަސް ހުރި ބުޅަލެއް ދަތްއަޅައިފިނަމަ ބުޅާ ދަތްއަޅައިގެން ވެސް ރޭބީޒް ޖެހިދާނެ އެވެ. ދިވެހިރާޢްޖޭގައި އާންމުކޮށް ކުއްތާ ނުގެންގުޅޭތީ، ރާޢްޖެއިން މިބަލި ފެނިފައެއް ނުވެއެވެ. އަދި ދިވެހިރާއްޖޭގައި އުޅޭ ބުޅަލުގެ ހަށިގަނޑުން ވެސް ރޭބީޒް ވައިރަސް ފެނިފައިވާކަން އެނގޭކަން ނެތެވެ. މިއީ ވެކްސިން ދީގެން ދިފާޢުވެވޭނެ ބައްޔެކެވެ.

(ނ) - ކެޓް ސްކްރެޗް ޑިޒީޒް : ކެޓް ސްކްރެޗް ޑިޒީޒް އަކީ ބުޅަ ދަތްއަޅާ ނޫނީ ވަކިއަޅާ ތަނުގައި އުފެދޭ ބައްޔެކެވެ. މިއީ ބުޅަލުގެ ނަޖިހުގައި ހުންނަ ޖަރާސީމަކުން ޖެހޭ ބައްޔެކެވެ.  މިބަލިޖެހެނީ "ބާރޓޮނެލާ ހެންސިލޭ" ކިޔާ ބެކްޓީރިޔާއެއްގެ ސަބަބުންނެވެ. މިހެންވެ މިބައްޔަށް "ބާރޓޮނެލޯސިސް" ކިޔައި އުޅެއެވެ. މިބަލިޖެހުމުން ބުޅާ ދަތް އަޅާ ތަނުގައި ރަތްކުލައިގެ ފޮޅެއް ކަހަލަ އެއްޗެއް ނަގާނެއެވެ. އޭގެ އިތުރުން ހުންއައުން، ބޮލުގައި ރިހުން، އަދި ގޮށްލުން ފަދަ އަލާމާތްތައް ފެނިދާނެ އެވެ.

(ރ) - ސަލްމަނެލޯސިސް : މިއީ ބުޅަލުގެ ސަބަބުން ފެތުރިދާނެ، ބެކްޓީރިޔާއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. ބުޅަލާއި، މީދަލާއި، ހިކަނދި ފަދަ ދިރޭ ތަކެތީގެ ހަށިގަނޑުގައި ސެލްމަނެލޯސިސް ޖައްސާ ޖަރާސީމު ހުރެއެވެ. މިބަލިޖެހެނީ ބުޅަލާއި، ހިކައްޖާއި، މީދާ ފަދަ ޖަނަވާރުގެ ބޮޑުކަމު ނަޖިހާއި، ތަޣައްޔަރުވެފައިވާ ކާބޯތަކެތި ބޭނުން ކުރުމުންނެވެ. އެހެންކަމުން ސެލްމަނެލޯސިސް ގިނައިން ފެތުރެނީ ޖަރާސީމާއި ތަޣައްޔަރުވެފައި ހުންނަ ކާބޯތަކެތި ކެއުމުންނެވެ. އެގޮތުން ބުޅަލުގެ ނަޖިހުގައި ހުންނަ ޖަރާސީމު ކާބޯތަކެއްޗާއި ތަޣައްޔަރުވެގެން ވެސް ސެލްމަނެލޯސިސް ޖެހިދާނެ އެވެ.

(ބ) - ކެމްޕައިލަބެކްޓީރިއޯސިސް : ކެމްޕައިލަބެކްޓީރިއޯސިސް އަކީ (ކާނާވިހަވުމުގެ) ބޭރަށްހިންގުމުގެ ވައްތަރެކެވެ. ބަލިޖެހިފައިވާ ޖަނަވާރު(ބުޅާ، ކުއްތާ)ގެ ބޮޑުކަމުނަޖިހުގައި ބީހި، އަތްލައި ހެދުމަކީ  ކެމްޕައިލަބެކްޓީރިއޯސިސް ބަލިޖެހިދާނެ ކަމެކެވެ. ބަލިޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ބޭރަށްހިންގުން، މޭނުބައިކުރުން، ހޮނޑުލުން، ބަނޑުގައި ރިހުން، އަދި ހުންއައުން ފަދަ ކަންތައްތައް ހިމެނެއެވެ.

(ޅ) - ގިއާރޑިއޭސިސް އަދި ކްރިޕްޓޯސްޕޮރީޑިއޭސިސް : ގިއާރޑިއާ، އަދި ކްރިޕްޓޯސްޕޮރީޑިއަމް ޖަރާސީމު ބުޅަލުގެ ހަށިގަނޑުގައި ހުންނާތީ، ބުޅަލުގައި އަތްލާ ހެދުމަކީ މިދެބަލި ވެސް ޖެހިދާނެ ކަމެކެވެ. އާންމު ގޮތެއްގައި މިބަލި ޖެހިގެނީ ވެސް ބުޅާ ފަދަ ޖަރާސީމު އުފުލާ ޖަނަވާރުތަކުގައި އެއްވެސް ކަހަލަ ހުރަހެއްނެތި ބީހި އަތްލައި ހެދުމުންނެވެ. ބޭރަށްހިންގުމާއި، ބަނޑުގައި ރިއްސުމަކީ އެންމެ އާންމުކޮށް މިބަލިތަކުގައި ފެންނާނެ އަލާމާތްތަކެވެ.

(ކ) - ޓޮކްސޯކޭރިއޭސިސް: ޓޮކްސޯކޭރިއޭސިސް އަކީ ބުޅަލުގެ ހަށިގަނޑުގައި އުޅޭ "ޓޮކްސޯކޭރާ ކޭޓައި" ކިޔާ ދިގުފަނީގެ ވައްތަރަކުން ޖެހޭ ބައްޔެކެވެ. މިއީ އިންސާނުންނަށް ވަރަށް އާންމުކޮށް ޖެހޭ ބައްޔެކެވެ. ބުޅަލުގެ ނަޖިހާއި، ތަޣައްޔަރުވެފައިވާ ފެންބުއިން، ނުވަތަ ކާބޯތަކެތި ބޭނުންކުރުމުން މިބަލިޖެހިދާނެ އެވެ. ނޫނީ މިބަލި ޖައްސާ ޖަރާސީމާއި ތަޣައްޔަރުވެފައިވާ އަތް ( މިސާލަކަށް ވެއްޔަށް އަތްލައިހެދުމަށްފަހު) ނުދޮވެ، އަނގަޔަށް ލައިފިނަމަ ވެސް މިބަލިޖެހިދާނެއެވެ. ބަލީގެ ސަބަބުން ފެނިދާނެ އަލާމާތްތައް އެކިމީހުންނަށް ތަފާތުވެދާނެ އެވެ. އާންމުކޮށް ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ކެއްސުން، ގައިންބިހިނެގުން ފަދަ ކަންތައްތައް ހިމެނެއެވެ. ނިއުމޯނިޔާ ޖެހުން، ފުރަމޭ ބޮޑުވެ ދުޅަވުން ފަދަ ނުރައްކާތައް ދިމާވުމަކީ ވެސް ވެދާނެ ގޮތެކެވެ.

(އ) - ދަދު ނުވަތަ ރިންގްވޯމް: ދަދަކީ ފަންގަސް ގެ ސަބަބުން ޖެހޭ ހަމުގެ ބައްޔެކެވެ. ހަމުގައި ނަގާ ދަދު އާންމުކޮށް ހުންނަނީ ވަށްބުރުގެ ބައްޓަމަށެވެ. ބުޅާ ފަދަ ޖަނަވާރުގެ ގައިގައި އަތްލައިހެދުމުން އެފަދަ ޖަނަވާރުގެ ގައިން، އިންސާނުންގެ ގަޔަށް ދަދު ވާޞިލްވުމަކީ ވެދާނެގޮތެކެވެ.

މި ބަލިތަކުގެ ތެރެއިން ދެ ބައްޔަކީ އޭގެ ސަބަބުން އިންސާނުންގެ ފުރާނަ އަށްވެސް ނުރައްކާ ވާ ވަރުގެ ބަލިތަކެވެ. އެ ދެ ބައްޔަކީ ރޭބީޒް އަދި ޓޮކްސޯޕްލާޒްމޯސިސް އެވެ.

 

މަސްދަރު: ސިއްހަތު ބްލޮގް

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!