ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ފޯރުކޮށްދެމުންދާ ސީ ޓު އެއާ ކާގޯގެ ޓްރާންސްޝިޕްމަންޓް ހިދުމަތުގެ ތެރެއިން އެއްހާސް ޓަނުގެ މުދާ އެކްސްޕޯޓްކޮށްފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނެރުނު ބަޔާނެއްގައި ބުނީ ސީ ޓު އެއާ ކާގޯގެ ހިދުމަތާ ވާޖިން އެއާލައިން ގުޅުމާ އެކު، ހިދުމަތުގައި ޖުމްލަ 12 އެއާލައިނަކުން ބައިވެރިވާ ކަމަށެވެ.
ސީ ޓު އެއާ ކާގޯގެ ހިދުމަތަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މެދުވެރިކޮށް ކަނޑުމަގުން ގެންނަ މުދާ ރައްކާތެރިކަމާ އެކު އަވަހަށް ވައިގެ މަގުން ބޭނުންވާ މަންޒިލަށް ފޯރުކޮށްދިނުމަށް ރާއްޖޭގައި އެ ކުންފުނިން އަލަށް ފެށި ހިދުމަތެއް ކަމަށް އެމްއޭސީއެލުން ބުންޏެވެ.
މި އަހަރުގެ މެއި މަހުގެ ތެރޭގައި ފެށި މި ހިދުމަތުގައި މައިގަނޑު ގޮތެއްގައި އެކްސްޕޯޓުކޮށްފައި ވަނީ ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑުމަގުން އެތެރެކުރާ ގާމެންޓް ޝިޕްމަންޓުތަކެވެ.
އެމްއޭސީއެލުން ބުނި ގޮތުގައި އާ އެއާލައިންތަކުން ހިދުމަތާ ގުޅުމަކީ ވީއައިއޭގެ ކާގޯގެ ހިދުމަތް އިތުރަށް ފުޅާވެގެންދާނެ ކަމެއް ކަމުގަ އެވެ. މިހާރު ވީއައިއޭގައި ސީ ޓު އެއާ ޓްރާންސްޝިޕްމަންޓް ހިދުމަތް ދެމުންދާ އެއާލައިންތަކަކީ:
- ޓާކިޝް އެއާލައިންސް
- ގަތަރު އެއާވޭސް
- އެމިރޭޓްސް އެއާލައިން
- އިއްތިހާދު އެއާވޭސް
- އެރޯފްލޮޓް
- ނިއޯސް
- ގަލްފް އެއާ
- ޑިސްކަވާ އެއާލައިންސް
- އޮސްޓްރިއަން އެއާލައިންސް
- ކޮންޑޯ
- ބްރިޓިޝް އެއާވޭސް
- ވާޖިން އެޓްލާންޓިކް
ސީ ޓު އެއާ ކާގޯގެ ހިދުމަތާ އެކު ވީއައިއޭއިން ދެމުންދާ ކާގޯގެ ހިދުމަތް އިތުރަށް ފުޅާވެގެން ގޮސްފައިވާ ކަމުގަ އެވެ. ދުނިޔޭގެ ކާގޯ ކަނެކްޓިވިޓީ ލޮޖިސްޓިކް ޗެއިންގައި ވީއައިއޭގެ ހިއްސާ އޮތުމަކީ ރާއްޖޭގެ އިގުތިސޯދަށް އެ ކުންފުނިން ވަމުން އަންނަ ހިއްސާ އިތުރަށް ވަރުގަދަވާނެ ކަމެއް ކަމުގައި އެމްއޭސީއެލުން ބުންޏެވެ.
އެ ކުންފުނިން ބުނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ފުރިހަމަ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މި ހިދުމަތަކީ ކުންފުނީގެ އޮޕަރޭޝަންސް ފުޅާކޮށް، ރާއްޖޭގެ އިގުތިސޯދު ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މި އަހަރު މުޅިން އަލަށް ތައާރަފު ކުރެވުނު ހިދުމަތެއް ކަމަށެވެ.
މި އަހަރު ހުޅުވުނު ކާގޯ ޓާމިނަލަކީ މިފަދަ ގިނަ ހިދުމަތްތަކެއް ދެވޭ ފެންވަރަށް ތަރައްގީ ކުރެވިފައިވާ ޓާމިނަލެއް ކަމަށެވެ.
ސީ ޓު އެއާ ކާގޯގެ ހިދުމަތަކީ އެމްޕީއެލް އާ ގުޅިގެން ކުރިއަށް ގެންދާ ހިދުމަތެއް ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.