ކާނިވާގެ ސްޓޭޖު ތަޅާލައި އާ ސްޓޭޖެއް އަޅައިދޭނެ ބަޔަކު ހޯދަނީ
ހެންވޭރުގައި ހުންނަ އަލިމަސް ކާނިވަލުގެ ސްޓޭޖު ތަޅާލައި އާ ސްޓޭޖެއް އަޅައިދޭނެ ބަޔަކު ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.
އަލިމަސް ކާނިވަލަކީ މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރުމާ ގުޅިގެން 2004 ވަނަ އަހަރު ހުޅުވި ތަނެކެވެ. އެ ސަރަހައްދު ވަރަށް ބޮޑަށް ބާވުމާ ގުޅިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރަން ސިޓީ ކައުންސިލުން ނިންމާފައި ވަނީ މިދިޔަ ޖުލައި މަހު އެވެ.
މާލެ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ބޭނުން ވަނީ މިހާރު ހުރި ސްޓޭޖު ތަޅާލައި އާ ސްޓޭޖެއް ތަރައްގީ ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ކަމަށެވެ.
އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މާލޭ ސިޓީ ކައުންސިލުގެ ޕްރޮކިއުމަންޓް ސެކްޝަނުން މައުލޫމާތު ސާފުކުރުމަށް ފަހު ބީލަން ހުށަހެޅުމަށް ވަނީ އެދިފަ އެވެ.
މަސައްކަތުގެ މައުލޫމާތު ސާފުކުރުމަށް ދީފައިވާ ދުވަހަކީ މި މަހުގެ 11 ވަނަ ދުވަހު ހެނދުނު 11:00 ގަ އެވެ. އަދި އަގު ހުށަހަޅަން ޖެހެނީ ހިނގަމުން މިދާ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ހެނދުނު 11:00 ގަ އެވެ.
އަގު ހުށަހެޅޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށް ކައުންސިލުގެ އިއުލާނުގައިވެ އެެވެ.
ސިޓީ ކައުންސިލުން ބުނީ މަސައްކަތްކުރާ ފަރާތުން މިހާރު ހުރި ސްޓޭޖް ތަޅާލައި ކުނިތައް އުކާލަން ޖެހޭނެ ކަމަށެވެ. އަދި އަލަށް ތަރައްގީ ކުރުމަށް ހުށަހަޅާ ސްޓޭޖުގެ ކޮންސެޕްޓް ޑިވެލޮޕްކޮށް، އިންޖިނިއަރިން ޑްރޯވިން ތައްޔާރުކުރުމާ އެކު ބޭނުންވާ ހުއްދަތައް ހޯދަން ޖެހޭނެ ކަމަށެވެ. ސްޓޭޖުގެ ސްޓްރަކްޗާ ހަދައި، ފިނިޝިންގެ މަސައްކަތްތަކާ އަދި އިލެކްޓްރިކް އާއި ޕްލަމްބިންގެ ހުރިހާ މަސައްކަތެއް ވެސް ކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.