މުސާރަ ނުދޭ ކަމަށް ބުނެ މުލިއާގެ ދޮށަށް އެއްވި ބިދޭސީންތަކެއް ހައްޔަރުކޮށްފި

މުސާރަ ނުދޭ ކަމަށް ބުނެ ރައީސްގެ ރަސްމީ ގެކޮޅު މުލިއާގެ ސަރަހައްދު ދޮށަށް އެއްވި މައްސަލާގައި ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.
މީޑީއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ބިދޭސީންތަކެއް މުލިއާގެ ސަރަހައްދުގައި ހިތްހަމަނުޖެހުން ފާޅުކުރި މައްސަލައާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް އެޓެންޑްވެފައިވާ ކަމަށެވެ. މޯލްޑިވްސް އިމިގްރޭޝަންގެ އޮފިޝަލުންވެސް އެ ތަނުގައި ހަރަކާތްތެރިވި އެވެ.
މުލިއާގެ ދޮށަށް އެއްވީ ކޮން ކުންފުންޏެއްގައި މަސައްކަތްކުރާ ބިދޭސީންތަކެއް ކަމެއް ފުލުހުން ނުބުނެ އެވެ.
އެނގިފައިވާ ގޮތުން އެ ބިދޭސީންނަކީ ކޮންސްޓަރަކްޝަން ކުންފުނިތަކުގައި މަސައްކަތްކުރާ ބަޔެކެވެ. އެ މީހުންނަށް މުސާރަ ނުދޭތާ ވީ ކިހާ ދުވަހެއް ކަމެއް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ.
މުސާރަ ނުދޭ މައްސަލާގައި މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ބިދޭސީންތަކެއް މުޒާހަރާކޮށްފައި އެބަހުއްޓެވެ.