އަމީންއަށް ހެދިގޮތް ހަދަން ޖެހޭ ކަމަށް ވިދާޅުވުމުން ކާފަ ދަރިކަނބަލުންގެ ނުރުހުން
ރައްޔިތުންނަށް ދެރަދިނީމަ، ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީ އަނިޔާކޮށް އަަވަހާރަކޮށްލިހެން އަމަލުކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވުމުން އަމީން ދީދީގެ ކާފަ ދަރިކަނބަލުން ޑރ ފަރަހަނާޒް ފައިސަލް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފި އެވެ.
އަމީން ދީދީއަށް ރައްޔިތުން ހެދި ގޮތް ރައީސް ޑރ މުހައްމަދު މުއިއްޒަށްވެސް ހަދަން ޖެހިދާނެ ކަމަށް ބުނެ އެމްޑީޕީން ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައެއް މީހަކު ވާހަކަ ދައްކާފައިވަތީ އެކަމަށް އިޝާރާތްކޮށް ފައްޔާޒު މިއަދު ވިދާޅުވީ އެ މީހާ އެހެން ބުނީ ނަސޭހަތެއްގެ ގޮތުގައި ކަމަށެވެ.
ރާއްޖޭގެ ތާރިހުގައި ހިނގާފައިވާ ކަންކަން ވެރިންނަށް ހަނދާން ކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރެއްވި ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒްގެ ވާހަކަތަކާ ގުޅިގެން އަމީނާ މުހައްމަދު އަމީންގެ ދަރިކަނބަލުން ފަރަހަނާޒް ފައިސަލް އެކްސްގައި ވިދާޅުވީ އިސްލާމީ ޝަރުޢީ ހަމަތަކުން ބޭރުން މީހަކު މަރާލުމަކީ ދުވަހަކުވެސް ގަބޫލްކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި ކޮންމެ ގޮތަކަށް ކަމެއް ކުރިޔަސް ބަޔަކުނިކުމެ މީހަކު މަރާލުމަކީ އަޅުގަނޑުމެންގެ ދީން އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫންކަން ވެސް ފަރަހަނާޒް ފާހަގަކުރެއްވި އެވެ.
"މިއީ އެމްޑީޕީގެ ރަސްމީ ސްޓޭންޑް ތޯޯޯ؟ އެހެންނަމަ މިއީ ދިރިހުރުމުގެ ހައްގު ހިމެނޭ ގޮތަށް މީހުންގެ އަސާސީ ހައްގުތަކަށް ތެދުވި އެމްޑީޕީއެއް ނޫން." ނިމިގެން ދިޔަ އެމްޑީޕީގެ ވެރިކަމުގައި ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުގެ މަގާމުވެސް ފުރުއްވި ފަރަަހަނާޒް އެކްސްގައި ވިދާޅުވި އެވެ.
އަމީންގެ ވެރިކަމުގައި އެމަނިކުފާނު ބޭސްފަރުވާއަކަށް ކޮލަމްބޯގައި ހުންނަވަނިކޮށް ސަރުކާރުގައި އިސްކޮށް ތިބި ބަޔަކު ބަގާވަތްކޮށް, ވެރިކަން ވައްޓާލި އެވެ. އަދި އަމީން ރާއްޖެވަޑައިގަތުމާއެކު ދޫނިދޫގައި ބަންދުކޮށްފައި ބެހެއްޓުމުން އެމަނިކުފާނަށް ތާއީދުކުރައްވާ ރައްޔިތުން ނާސިރު ވެރިކަމަށް ގެނައުމަށް މަސައްކަތްކުރެއްވި އެވެ.
އެ މަސައްކަތުގެ ތެރެއިން ހިނގި ހަމަޖެނުޖެހުމުގައި އަމީނަށް އަނިޔާކުރުމަށްފަހު ފަޅުގައި އޮތް ދޯންޏަކަށް އެއްލާލި އެވެ. އެމަނިކުފާނު އަވަހާރަވީ ކ. ގާފަރަށް އަރުވާލާފައި ހުއްޓާ ސިއްހީ ހާލުކޮޅު ގޯސްވެގެން ކ. ވިހަމަނާފުށްޓަށް ގެންދިޔަ ފަހުންނެވެ.