ޚަބަރު

9 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހަކު ދައުވާކުރަން ފޮނުވިފަހުން ދޫކޮށްލައިފި

ދެން އެމްވީ ، ދެން އޮންލައިން

ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ނުވަ ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ގދ.ހޯނޑެއްދޫ، އަލޯރާ އަރުޝަދު ޚާލިދު ކޯޓުން ދޫކޮށްލައިފިއެވެ.

Ads by MWSC

ފުލުހުން އޭނާގެ މައްސަލަ ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވީ މިއަހަރުގެ ޖެނުއަރީ މަހުގެ 30ވަނަ ދުވަހުއެވެ. ފުލުހުންގެ ޑްރަގް އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ގދ.ހޯނޑެއްދޫ އަލޯރާ، އަރުޝަދު ޚާލިދު ހައްޔަރުކުރީ އޭނާ އިތުރު ބަޔަކާއި ގުޅިގެން ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް އެތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ޓްރެފިކްކުރާކަމަށް ތުހުމަތުކުރެވޭ މައްސަލާގައެވެ.

މިމައްސަލައިގެ ތަހްޤީގް ނިންމާ ޕީޖީ އޮފީހަށް ފޮނުވުމުން މިމައްސަލާގައި އޭނާގެމައްޗަށް މިއަދުގެ ވަގުތެއްގައި ޑައަމޯފިން ޓްރެފިކްކުރުމުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށައެޅުމަށް ނިންމާފައިވާކަމަށް އެ އޮފީހުން ބުނި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އަރުޝަދު ޚާލިދުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު 12:00ގައި ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން ޝަރުޠުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލާފައިވަކަމަށް ފުލުހުން ހާމަކުރެއެވެ. މިމައްސަލާގައި ހިމެނޭ ގދ.ހޯނޑެއްދޫ، އިރުމަތީގޭ އަޙްމަދު ސުނައިނާއި ގދ.ހޯނޑެއްދޫ، މެޑްރިޓްހައުސް، އަޙްމަދު ޤިޔާސާއި ގދ.ހޯނޑެއްދޫ ގުލޭނޫރަންމާގޭ، ޢަލީ ޒުބައިރު، ރިމާންޑް ޖަލެއްގައި 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!