ޚަބަރު

ހުސްގަޔާއި، މާސްކެއް އަޅައިގެން ހުރެ ގޭސް ފުޅިއެއް ވަގަށް ނަގައިގެން ފިލަން ދުވި މީހަކު އަތުލައިގެންފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގޭސްފުޅިއެއް ވަގަށް ނަގައިގެން ފިލަން އުޅުނު ފިރިހެނަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެސަރަޙައްދުގައި ހުރި "ދެން" ގެ ރިޕޯޓަރެއް މައުލޫމާތު ދިން ގޮތުގައި އެމީހާ އަތުލައިގެންފައި ވަނީ އޯކިޑު މަގާއި ކާނޭޝަން މަގުގެ ކަންމަތިންނެވެ.

އެތަނުގައި އެވަގުތު ތިބި ބައެއް މީހުން މައުލޫމާތު ދިން ގޮތުގައި، އެމީހާ އަތުލައިގަތީ ގޭސް ފުޅިއެއް ވަގަށް ނަގައިގެން ފިލަން އުޅެނިކޮށް ފެނިގެން އާއްމުންގެ ބައެކެވެ. ނަމަވެސް އެމީހާ އަތުލައިގަތް ހިސާބުގައި އެފުޅިއެއް ނެތެވެ.

ހުސްގަޔާއި އެމީހާ ހުރި ކަމުގައި ވިޔަސް މާސްކެއް އަޅައިގެން ހުރިކަން ފާހަގަ ވެއެވެ. އެމީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ވައްކަމުގެ މައްސަލަތަކާއި ފޭރުމުގެ މައްސަލަތަކަކީ، ޚާއްސަކޮށް މާލޭގައި ވަރަށް ފެންމަތިވަމުން އަންނަ ކުށެކެވެ. މީހުންގެ ގެދޮރު ކައިރީގައި ބަހައްޓާފައި ހުންނަ އެއްޗެހި ވަގަށް ނެގުމާއި، މިސްކިތް ކައިރީގައި ބަހައްޓާފައި ހުންނަ ފައިވާން ވެސް ވަގަށް ނަގާ މީހުން އުޅެއެވެ.

މިފަދައިން އާއްމުކޮށް ވައްކަންކޮށް އުޅެނީ ޒުވާން އުމުރުފުރައިގެ ފިރިހެނުންކަން ވެސް ފާހަގަ ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!