ޚަބަރު

ސްޓޫޑެންޓް ލޯނު ދެއްކުން ފަސްކުރިޔަސް މަހުން މަހަށް ދައްކަމުންދާ އަދަދަށް ބަދަލެއް ނާންނާނެ

ދެން އެމްވީ ، ދެން އޮންލައިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ނަގާފައިވާ ހުރިހާ ނެޝަނަލް ސްޓޫޑަންޓް ލޯނާއި އެޑިއުކޭޝަނަލް އެސިސްޓަންސް ލޯނުތަކަށް ފައިސާ ދެއްކުން ހަ މަހަށް ފަސްކުރިޔަސް މަހުން މަހަށް ދައްކަމުންދާ އަދަދަށް ބަދަލެއް ނާންނާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

Ads by MWSC

ބީއެމްއެލް އިން ބުނީ ކޮވިޑް-19 އާ ގުޅިގެން ފަރުދުންނަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބީއެމްއެލް މެދުވެރިކޮށް، ނެޝަނަލް ސްޓޫޑަންޓް ލޯނު ސްކީމް އާއި އެޑިޔުކޭޝަނަލް އެސިސްޓަންސް ލޯނު ސްކީމުގެ ދަށުން ނަގާފައިވާ ލޯނުތަކަށް އަނބުރާ ދައްކަންޖެހޭ ފައިސާ ދެއްކުން ލަސްކޮށްދޭނެ ކަމަށެވެ.

މި ދަނޑިވަޅުގައި ދަރިވަރުންނަށް ދިމާވެފައިވާ މާލީ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ލޯނަށް ދައްކަންޖެހޭ ފައިސާ މިވަނީ މިމަހުން ފެށިގެން ހަ މަސް ދުވަހަށް ފަސްކޮށްދީފައި ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ. އަދި ލޯނު ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތައް ވެސް ހަ މަސް ދުވަސް އިތުރު ކުރެވިފައިވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ބީއެމްއެލް އިން ބުނީ ލޯނުގެ ބާކީ އޮންނަ މުއްދަތުގައި މަހުން މަހަށް ދައްކަމުންދާ އަދަދަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

އެގޮތަށް އަމަލުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންދާނީ ބޭންކުގެ ފަރާތުން ކަމަށާއި އެގޮތަށް އަމަލުކުރުމަށްޓަކައި ދަރިވަރުން އެކަމަށް އެދި ހުށަހަޅަން ވެސް ނުޖެހޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

އޭގެ އިތުރުން ބީއެމްއެލް އިން ބުނީ މިހާތަނަށް ލޯނަށް ދައްކަންޖެހި، ނުދައްކާ ހުރި އެއްވެސް ފައިސާ އެއް ހުރި ނަމަވެސް ލޯނު އަނބުރާ ދެއްކުން ފަސްކޮށްފައިވާ މުއްދަތުގައި އެ ފައިސާއެއް ބޭންކުން ނުކަނޑާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!