ޚަބަރު

އުޅަނދުތަކުގެ ނުދެއްކި ހުރި ޖޫރިމަނާ ފައިސާ ބަހާލައިގެން ދައްކަން ފުރުސަތު ދެނީ

ފާރިހާ ޢަދުނާން ، ދެން އޮންލައިން
މަގުމަތިން ދުއްވާފައިދާ އުޅަނދުތަކެއް -- ފޮޓޯ: ދެން އިމޭޖަސް

އެއްގަމާއި ކަނޑު އުޅަނދުފަހަރާ ގުޅޭގޮތުން ދައްކަން ޖެހި، ނުދެއްކި ހުރި އަހަރީފީއާއި ޖޫރިމަނާގެ ފައިސާ އިންސްޓޯލްމެންޓް އުސޫލުން ބަހާލައިގެން ދެއްކޭ ގޮތަށް ހަމަޖައްސައިފި އެވެ.

Ads by Hajj Corporation

ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީއިން މިއަދު ވަނީ "އެއްގަމު އުޅަނދާއި ކަނޑު އުޅަނދު ފަހަރާ ގުޅޭގޮތުން ދައްކަން ޖެހޭ އަހަރީ ފީ އާއި ޖޫރިމަނާގެ ފައިސާ ބަހާލައިގެން ދެއްކުމުގެ ގަވާއިދު" ގެ ނަމުގައި ގަވާއިދެއް ގެޒެޓް ކޮށްފަ އެވެ.

އެ މިނިސްޓްރީން ބުނީ، އެ ގަވާއިދުގެ މަގްސަދަކީ، ނުދެއްކި ހުރި އަހަރީ ފީ އާއި ޖޫރިމަނާ ފައިސާ އެއްފަހަރާ ދައްކަން ދަތިވާ ފަރާތްތަކަށް ލުއިފަސޭހަ ގޮތެއްގައި އެ ފައިސާ ދައުލަތަށް ދައްކަން މަގުފަހި ކޮށްދިނުމަށް ކަމަށެވެ.

އެ ގަވާއިދުގައިވާ ގޮތުން، ނުދެއްކި ހުރި ފައިސާ ބަހާލައިގެން ދެއްކުމަށް ފުރުސަތު ދެވެނީ ފަސް ޝަރުތެއް ހަމަވާ ފަރާތްތަކަށެވެ. އެއީ:

  • ދައުލަތަށް ދައްކަން ޖެހޭ ފައިސާ 10،000 ރުފިޔާއަށް ވުރެ އިތުރުވެފައިވުން
  • ސުންގަޑި ހަމަވެފައިވާ ފައިސާއަކަށް ވުން
  • ގަވާއިދުގެ ދަށުން ފައިސާ ބަހައިގެން ދެއްކުމަށް ހުށަހެޅުން
  • މީގެކުރިން ފައިސާ ބަހާލައިގެން ދައްކަން ފުރުސަތު ދީފައިވާ ފަރާތަކަށް ނުވުން
  • އުޅަނދުގެ ވެރިފަރާތް ކަމުގައި ވުން

ގަވާއިދުގައިވާ ގޮތުން ބަހާލައިގެން ނުދެއްކި ހުރި ފައިސާ ދައްކަން ފުރުސަތު ދެވެނީ ކޮމިޓްމަންޓް ފީއެއް ދެއްކުމުންނެވެ. ކޮމިޓްމަންޓް ފީ ކަނޑައަޅާނީ މިނިސްޓްރީން ކަމަށް އެ ގަވާއިދުގައި ބުނެފައިވެ އެވެ.

ކޮމިޓްމަންޓް ފީ ދައްކަން ގިނަވެގެން ދެވޭނީ 14 ދުވަސް ކަމަށާއި، އެ ދުވަސްތަކުގެ ތެރޭގައި ކޮމިޓްމަންޓް ފީ ނުދެއްކިއްޖެނަމަ، ބަހާލައިގެން ނުދެއްކި ހުރި ފައިސާ ދެއްކުމުގެ ފުރުސަތު އެ ފަރާތަކަށް ގެއްލޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

ކޮމިޓްމަންޓް ފީ ގަވާއިދާ އެއްގޮތަށް ދެއްކުމުން، މިނިސްޓްރީއާ ފައިސާ ދައްކާ ފަރާތާމެދު އެއްބަސްވުމެއް އެކުލަވާލެވެ އެވެ. އެ އެއްބަސްވުމުގައި އިންސްޓޯލްމަންޓްގެ ގޮތުގައި ކޮންމެ މަހަކު ދައްކަން ޖެހޭ އަދަދު ކަނޑައަޅަނީ، އެ އަދަދުން ކޮމިޓްމަންޓް ފީގެ ގޮތުގައި ދެއްކި ބައި އުނިކުރުމަށް ފަހު އެވެ.

ގަވާއިދުގައިވާ ގޮތުން، އެއްބަސްވުން އެކުލަވާލާތާ 30 ދުވަހުގެ ތެރޭގައި ފައިސާ ނުދެއްކިއްޖެ ނަމަ، އެއްބަސްވުން ބާތިލްކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!