ޚަބަރު

ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމުގައި އިންޑިއާއިން ވެދޭ އެހީތެރިކަމަށް އެމްޑީޕީން ޝުކުރު އަދާކޮށްފި

ދެން އެމްވީ

ކޮވިޑް19 ގެ ބަލިމަޑުކަމުގެ މިދަތި ދަނޑިވަޅުގައި ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމުގައި އިންޑިޔާ ސަރުކާރުން ވެދޭ އެހީތެރިކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ އިން ޝުކުރު އަދާކޮށްފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެއަކީ ކާޑާއި، އެހެނިހެންވެސް ކާބޯތަކެއްޗާއި، މުދާ އިންޕޯޓުކުރާ ޤައުމަކަށް ވާހިނދު، ކޮވިޑް19 ގެ ސަބަބުން ދުނިޔޭގެ އިޤްތިސާދީ ޙަރަކާތްތެރިކަން މުޅިންހެން ހުއްޓި، މަޑުޖެހިފައިވާ މިދަނޑިވަޅުގައި، ޤަވާޢިދުން ކާބޯތަކެއްޗާއި، މުދާ އެތެރެނުކުރެވިދާނެކަމުގެ ކަންބޮޑުވުން ނުހަނު ބޮޑުވެފައިވަނިކޮށް، ދިވެހިރާއްޖެއަށް ބޭނުންވާ އަސާސީ ބާވަތްތައް މެދުކެނޑުމެއްނެތި ލިބޭނެކަމުގެ ޔަޤީންކަން އިންޑިޔާ ސަރުކާރުންވަނީ ދީފައިވާ ކަމަށެވެ.

އެގޮތުން 500 މެޓްރިކް ޓަނުގެ ހަކުރާއި، 993 މެޓްރިކް ޓަނުގެ ހަނޑޫވަނީ ވޭތިވެދިޔަ ހަފުތާގައި އިންޑިޔާއިން ދިވެހިރާއްޖެއަށް ފޮނުވައިދީފައެވެ. މީގެއިތުރުން، 1500 މެޓްރިކް ޓަނުގެ ހަނޑުލާއި، 500 މެޓްރިކް ޓަނުގެ ހަކުރުގެ ޝިޕްމަންޓެއް މިހާރުވަނީ އިންޑިޔާއިން ދިވެހިރާއްޖެ އައުމުގެ މަގުމަތީގައެވެ.

"މިއީ އިންޑިޔާއިން ޢަމަލުކުރަމުންދާ ނެއިބަރހުޑް ފަރސްޓް ޚާރިޖީ ސިޔާސަތުގެ ދަށުން ޢާންމުކޮށް އަވަށްޓެރި ޤައުމުތަކަށް އަދި ޚާއްސަކޮށް ދިވެހިރާއްޖެއާމެދު ބަހައްޓާ ގާތްކަމާއި، ޢިނާޔަތްތެރިކަމުގެ ރަމްޒެއްކަން ފާހަގަކޮށް، ތަދުކަމާއި، ދަތީގެ ހިލަމެއް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ވިޔަނުދިނުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކުރަމުންގެންދާ މަސައްކަތަށް އިންޑިޔާއިންދޭ އެއްބާރުލުމަށް މިޕާޓީއިން ނުހަނު ޝުކުރު އަދާކުރަމެވެ." އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

އެމްޑީޕީން ބުނީ މިހުރިހާ ޢިނާޔަތަކާއި، ލުއިފަސޭހައެއް އިންޑިޔާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދީފައިމިވަނީ ޚުދު އެޤައުމުގައި 21 ދުވަހުގެ ކާފިއުއެއް އިޢުލާންކޮށް، ވިޔަފާރިތަކާއި، މުދާ ބަރުކުރުމާއި، ކޮމާޝަލް ޕޯޓުތައްވެސް ހިމެނޭގޮތުން ބޮޑުތަޅުއަޅުވާފައިވާ ދަނޑިވަޅެއްގައި ކަމަށާއި އަދި ބޭހާއި، ކާޑުގެ ބާވަތްތައް ހިމެނޭގޮތުން ބައެއް ބާވަތުގެ މުދާ އެޤައުމުން އެކްސްޕޯޓްކުރުން މަނާކޮށްވެސްކޮށްފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.

މިފަދަ ދަތިކަމާއި، ނުރައްކަލުން ފުރިފައިވާ ދަނޑިވަޅެއްގައިވެސް ދިވެހިރާއްޖޭގެ މައްޗަށް އެހީތެރިކަމާއި، ޢިނާޔަތްތެރިކަމުގެ ލޮލަކުން މެނުވީ ބެލުމެއްނެތި، ބޭނުންވާ އެންމެހައި މަދަދެއް ދިވެހިރާއްޖެއަށް ފޯރުކޮށްދިނުމުގައި އިންޑިޔާ ސަރުކާރުގެ ކިބައިގައި ފަސްޖެހުމެއްނެތްކަމީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތްގުޅުމާއި، އެކުވެރިކަން އިހުނަށްވުރެން ވަރުގަދަވެފައިވާކަމުގެ ދަލީލެއްކަމުގައިވެސް އެމްޑީޕީން އުފަލާއެކު ފާހަގަކުރާ ކަމަށް ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!