ޚަބަރު

ޖެންޑާއިން މަޑުއްވަރީގެ 20 ކުއްޖެއްގެ ހާލު ބަލައިފި

ދެން އެމްވީ ، ދެން އޮންލައިން

ރ. މަޑުއްވަރީގައި ކުރިއަށްގެންދާ "އައްސޭރީ" އޮޕަރޭޝަންގެ ތެރެއިން ޖެންޑާ މިނިސްޓްރީގެ ފަރާތުން މިހާތަނަށް އެރަށުގެ ނުވަ ގޭބިސީއަކަށް ޒިޔާރަތްކޮށް 18 އަހަރުން ދަށުގެ 20 ކުދިންގެ ޙާލަތުބަލައިފިއެވެ.

Ads by MWSC

ޖެންޑާ މިނިސްޓްރީން ވިދާޅުވީ އެ މިނިސްޓްރީގެ ދައުރަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، އަންހެނުންނާއި ކުޑަކުދިން އަދި ނާޒުކު ޙާލަތްތަކުގައިވާ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކުރުމަށް ހެދިފައިވާ ޤާނޫނުތަކުންނާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުއާޙަދާތަކުން ކަށަވަރުކޮށްދީފައިވާ ޙައްޤުތަކުން މަހުރޫމުކޮށްފައިވޭތޯ ބަލައި، އެ ފަދަ ކުދިންނާއި އަންހެނުންގެ ރައްކާތެރިކަމާއި ގުޅޭ ގޮތުން ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ކަމަށެވެ.

އެގޮތުން އެއެ މަސައްކަތުގެ ތެރެއިން މިހާތަނަށް ނުވަ ގޭބިސީއަކަށް ޒިޔާރަތްކޮށް 18 އަހަރުން ދަށުގެ 20 ކުދިންގެ ޙާލަތުބަލައި، އަދި އެ ކުދިންގެ ޢާއިލާއާ މަޝްވަރާކޮށް، އެ ކުދިންނަށް ބޭނުންވާ އަސާސީ ޙައްޤުތައް ކަށަވަރުކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކޮށްފައިވާނެ ކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވިއެވެ.

މިނިސްޓްރީން ވިދާޅުވީ، ޖެންޑާ މިނިސްޓްރީން ކުރި އެ މަސައްކަތުގެ ތެރެއިން ހަތަރު ކުދިންނަށް ޅަފަތުގައި ދޭންޖެހޭ ވެކްސިން ޢާއިލާގެ އެއްބާރުލުމާއެކު ދެވިފައިވާނެ ކަމަށެވެ. މީގެ އިތުރުން މި ޒިޔާރަތުގެ ތެރެއިން އެ ކުއްޖަކު ވާނީ ޢާއިލާ ތެރޭގައި ބަހައްޓައިގެން ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނޭ މާޙައުލެއް ނެތްކަން ފާހަގަވުމާއެކު، މި ފަދަ މައްސަލަތަކުގައި މިނސްޓްރީން ޢަމަލުކުރަމުންދާ އިޖުރާޢަތުގެ ތެރެއިން ކުއްޖާގެ ޢާއިލާގެ ޙާލަތުބަލައި، އެ ކުއްޖާގެ ޢާއިލާގެ ވެށިން މިނިސްޓްރީ މެދުވެރިކޮށް ރައްކާތެރި މާޙައުލެއް ފޯރުކޮށްދީފައިވާނެ ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވިއެވެ.

"މައިންބަފައިންނާއި ޢާއިލާގެ އިހުމާލުން ކުދިންގެ އަސާސީ ޙައްޤުތައް ނިގުޅައިގަނެ، ކުދިންނަށް ޞިއްޙީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ފަދަ ގޮތަކަށް ކުދިންނާ މެދު ޢަމަލުކުރުމުގެ ޖާގަ އެއްވެސް ފަރާތަކަށް ނުދޭނެކަމުގެ ޔަޤީންކަން މިނިސްޓްރީން އަރުވަމެވެ". ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވެއެވެ.

އަދި މައިންބަފައިންގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރަމުން ގެންދޭތޯ މި މިނިސްޓްރީން ބަލަމުން ގެންދާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!