ދުނިޔެ

ވަޒީފާ ގެއްލިފައިވާ މީހަކަށް ފެނުނީ ޑޮލަރާއި ގަހަނާހުރި ދަބަހެއް، އަނބުރާ ރައްދު ކުރުމުން ބަދަލުގައި ލިބުނީ ވަޒީފާއެއް!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ވަޒީފާއެއް ނެތް ނުވަތަ މަސައްކަތެއް ނުކުރާ މީހަކަށް އެތައް ބައިވަރު ފައިސާއަކާ ގަހަނާތަކެއް ފެނިއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ދަތި ހާލުގައި ހުރި އެފަދަ މީހާގެ ބޮލަށް ސައިތާނީ ވަސްވާސް ހާދަ ވަރަކަށް އަންނާނެއެވެ، ނަމަވެސް މިއީ ތަފާތު އިންސާނެކެވެ. ފައިސާއަށް ކިތަންމެ ބޭނުން ވެފައި ހުރި ނަމަވެސް ދުބާއީގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ރިތޭޝް ޖޭމްސް ބޭނުންވީ އެތައް ބައިވަރު ފައިސާއެއް ހުރި ދަބަސް ފުލުހުންނާ ހަވާލު ކުރާށެވެ.

Ads by Sosun Fihaara

ބޭރުގެ މީޑިއާތައް ރިޕޯޓްކޮށްފައިވާ ގޮތުގައި ރިތޭޝްއަށް ފެނުނު ދަބަހުގައި 14 ހާސް ޔޫއެސް ޑޮލަރާއި 50 ހާހަށްވުރެ މަތިން އަގު ކުރެވޭ ގަހަނާ ހުއްޓެވެ. ރިތޭޝްއަށް އެ ދަބަސް ފެނުނީ އަންހެނުންނާއި ދަރިފުޅާއެކު ސެލޫނަކަށް ގޮސްފައި ނިކުތްއިރު ކާރުގެ ބޮނެޓް މަތީގައި އޮއްވައެވެ. އެ ދަބަހުގެ ވެރިމީހާ ދަބަސް ބަލާ އާދޭތޯ ބައިގަޑިއެއްހާއިރު ރިތޭޝް މަޑު ކުރިކަމަށާއި ނަމަވެސް އެއްވެސް މީހަކު ނައުމުން އެ ދަބަސް ފުލުހުންނާ ހަވާލު ކުރީ ކަމަށް މީޑިއާ ޚަބަރުތައް ބުނެފައިވެއެވެ.

ރިތޭޝް ބުނެފައި ވަނީ އެކަން ހިނގީ އޭނާ ވަޒީފާ ގެއްލުނުތާ ހަފްތާއެއްހާ ދުވަސްފަހުން ކަމަށާއި ނަމަވެސް އެންމެ ފަހަރަކު ވެސް އޭގެ ބޭނުން ކުރުމަށް ހިތަކަށް ނާރާކަމަށެވެ. އަދި އެއީ ދަތި ޙާލެއްގައި ކުރިމަތިވި އިމްތިހާނެއް ކަމަށް ބުނެ އަނބިމީހާ ވެސް އެ ދަބަސް އަވަހަށް ފުލުހުންނާ ހަވާލު ކުރުމަށް ބާރު އެޅިކަމަށް ރިތޭޝް ބުނެފައިވެއެވެ.

ދުބާއީ ފުލުހުން ވަނީ ރިތޭޝްގެ މި ތެދުވެރިކަން ބަލައިގަނެ އޭނާއަށް ޝުކުރު އަދާކޮށްފައެވެ. އަދި އެކަމުގެ ލިޔުމެއް ވެސް ފުލުހުން ވަނީ ރިތޭޝްއަށް ދީފައެވެ. ފުލުހުން ވަނީ ދަބަހުގެ ވެރިޔާ ހޯދާ ދަބަސް އޭނާއާ ހަވާލު ކޮށްފައެވެ. އަދި އޭނާ ވެސް ވަނީ ރިތޭޝްއަށް ޝުކުރު އަދާކޮށްފައެވެ.

ރިތޭޝްގެ މި ހެޔޮ އަމަލާއެކު މި ވާހަކަ ނިމެނީ އުފާވެރި ނިމުމަކާއެކުއެވެ. ކުރީން ބޭންކެއްގައި މަސައްކަތް ކުރި ރިތޭޝްއަށް ވަނީ އެހެން ބޭންކަކުން ވަޒީފާއެއް ވެސް ލިބިފައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!