ކޮވިޑް-19: އައްޑޫއިން ޓެސްޓުކުރި 3 މީހުންގެ ނަތީޖާ ނައްސި ވެއްޖެ
އައްޑޫ ސިޓީން ކޮވިޑް-19އަށް ޝައްކު ވެގެން ޓެސްޓުކުރި ތިން މީހުންގެ ނަތީޖާ ނައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އައްޑޫ އިން ޓެސްޓުކުރި ތިން ދިވެހިންގެ ސާމްޕަލްގެ ނަތީޖާ ވެސް ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑަށް 18 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 13 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި ބޭރު އެންމެން ބަލިން ރަނގަޅުވެފައިވާއިރު، މިހާރު ފަރުވާ ދެމުން އަންނަނީ ތިން ދިވެހިންނަށެވެ.
މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި ތިން ދިވެހިންނަކީ ވެސް އިނގިރޭސިވިލާތުން ރާއްޖެ އައި ތިން މީހުންނެވެ.