ރިޕޯޓު

ކޯވިޑް19: ހިތްފަޅައިގެންދާވަރުވޭ، މަންމައަކު އޭނާގެ 6 ދަރިންނަށް އަލްވަދާއު ކީ ވޯކީޓޯކީއަކުން

އެމެރިކާގައި ކޯވިޑް 19 ޖެހިގެން މަރުވި މަންމައަކު އޭނާގެ 6 ދަރިންނަށް އަލްވަދާއު ކިޔަން ޖެހުނީ ވޯކީޓޯކީއަކުންނެވެ.

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންއަންނަ ނުރައްކާތެރި ވައިރަސް ކަމަށްވާ ކޯވިޑް 19 ޖެހިގެން މަރުވާ މީހުންގެ އަދަދު ދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ. ކޯވިޑް 19 ޖެހިގެން މީހުން އުޅޭ ހާލާއި މަރުވުމުގެ ކުރިން އާއިލާއާއި އެއްފަހަރު ނަމަވެސް ފޯނުން ވާހަކަ ދައްކާލުމަށް އެދި ކުރާ އާދޭސް އަޑުއިވޭ މީހެއްގެ ހިތް ފަޅައިގެންދާވަރުވާނެއެވެ.

އެމެރިކާގައި ކޮވިޑް 19 ޖެހިގެން މަރުވި މީހުންގެ އަދަދު 3000 އަށްވުރެ އިތުރުވެފައިވާއިރު، އޭގެ ތެރެއިން އެކަކީ 6 ކުދިންގެ މަންމައަކީ 42 އަހަރުގެ ސުންޑީ ރަޓަރ އެވެ.

ސަންޑީ އަކީ އުރަމަތީގެ ކެންސަރު ކުރިން ޖެހި އެބައްޔަށް ފަރުވާ ހޯދައިފައި ހުރި މީހެކެވެ. ވޮޝިންގްޓަން ސްޓޭޓްގެ ސްނޯހްމިޝް ކައުންޓީގައި ދިރިއުޅެމުންދިޔަ ސަންޑީ ކޮރޯނާ އަށް ފަރުވާ ދެމުން ދަނިކޮށް މަރުވީ މިމަހުގެ 16 ވަނަ ދުވަހެވެ.

މިމަހުގެ 3 ވަނަ ދުވަހު ސަންޑީ ފުރަތަމަ އެޑްމިޓް ކުރެވުނީ ޕްރޮވިޑެންސް ރީޖަނަލް މެޑިކަލް ސެންޓަރުގައެވެ. އެދުވަހު ސަންޑީ އަދި އޭނާގެ 20 އަހަރުގެ ދަރިފުޅު އެލީޖަހް ރޯސްރަޓަރ، ބަންދުކޮށްފައިހުރި ހޮސްޕިޓަލުގެ ކޮޓަރިއެއްގައި 8 ގަޑިއިރު އެއްކޮށް ހޭދަކުރިއެވެ.

ސުންޑީގެ ދަރިފުޅު ރޯސް ބުނީ، މަންމަ އަށް ފަރުވާ ދިން ހޮަސްޕިޓަލުގެ މުވައްޒަފުން ތިބީ ޕްރޮޓެކްޓިވް ސޫޓްތައް ލައިގެން ކަމަށާއި މާސްކެއް އަޅައިގެން މަންމަ ކައިރި ހުންނަން ހުއްދަ ލިބުނުކަމަށެވެ. ރޯސް ބުނީ ހޮސްޕިޓަލުގެ ސްޓާފުން މަންމަ ގައިގަ އަތްލަން ވެސް ބޭނުންނުވި ކަމަށާއި އެދުވަހު ފަރުވާ ދިނުމަށްފަހު މަންމަ ގެޔަށް ދޫކޮށްލި ކަަމަށެވެ. އަދި އޭނާވެސް ހީކުރީ މަންމަ އަށް ޖެހިފައި ހުރީ އާދައިގެ ރޯގާއެއް ކަމަށް ކަމަށް ރޯސް ބުންޏެވެ.

ރޯސް ބުނީ މަންމަ ގެޔަށް ދޫކޮށްލިތާ 4 ދުވަސްފަހުން އަނެއްކާވެސް ޑޮކްޓަރަށް ދައްކަން ދިޔަ ކަމަށާއި، ޓެސްޓް ހެދުމުން މަންމައަށް ކޯވިޑް 19 ޖެހިފައި ހުރިކަން އެނގުނު ކަމަށެވެ. ރޯސް ބުނީ މަންމަ އެޑްމިޓް ކޮށް، އާއިލާ މީހަކަށް ވެސް އެތަނަށް ޒިޔާރަތް ކުރުން މަނާ ކުރި ކަމަށެވެ.

މިމަހުގެ 16 ވަނަ ދުވަހު ޑޮކްޓަރު ގުޅާފައި އާއިލާ ހޮސްޕިޓަލަށް އައުމަށް އެދުނު ކަމަށް ރޯސް ބުންޏެވެ.

އޭނާ އިތުރަށް ބުނީ މަންމަ ކައިރިއަށް ނުވަދެވޭ ކަަމަށާއި، މަންމަ ދިމާ ބަލަން ޖެހުނީ ކުޑަ ބިއްލޫރި ކޮަަޅަކުން ކަމަށެވެ. ރޯސް ބުނީ މަންމަ މަރުވަމުން އޭނާއަށް ހުރިހާ ކުދިން ބެލުމަށް ވަސިއްޔަތް ކުރި ކަމަށެވެ.

ރޯސް ބުނީ މަންމަ އަށް އަލްވަދާއު ކިޔަން ޖެހުނީ ވޯކީޓޯކީ އަކުން ކަމަށާއި، މަންމަ ކައިރިއަށް ގޮސް، ބައްދާލާފައި ލޯބިވާވަރު ބުނެނުދެވުމުން ވަރަށް ދެރަވި ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!