ޚަބަރު

ކޮފީ ޝޮޕްތަކުން 5 ބިދޭސީއަކު އަތުލައިގެންފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން
އިމިގްރޭޝަނުން އިއްޔެ ހިންގި ރެއިޑުގެ ތެރެއިން/ ފޮޓޯ: އިމިގްރޭޝަން

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދަ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކޮފީ ޝޮޕްތަކަކުން 5 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

Ads by MWSC

"އެކްސް" ގައި ކުރި ޕޯސްޓެއްގައި އިމިގްރޭޝަނުން ބުނީ އެ މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޓާސްކުފޯހުން މާލޭގެ ކޮފީ ޝޮޕްތަކަށް ހާއްސަކޮށްގެން އިއްޔެ ހިންގި ރެއިޑު އޮޕަރޭޝަން ގައި ކަމަށެވެ.

އިއްޔެ އޮޕަރޭޝަނުން ކޮފީޝޮޕް ހިންގަމުންދާ 6 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަންގެ ޕޯސްޓުގައި ބުންޏެވެ.

ކޮފީޝޮޕްތަކުން ބަޔަކު ހައްޔަރުކޮށްފައިވާއިރު، އިމިގްރޭޝަންގެ ރެއިޑް މި ދުވަސްކޮޅު ބޮޑަށް އަމާޒުކުރަނީ ބިދޭސީންގެ ބޮޑު ނުފޫޒެއް އޮންނަ ސަރަހައްދުތަކަށެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް, މަސައްކަތް ކުރުމަށް އުފައްދާފައިވާ ޓާސްކްފޯހުން ގިނަ އޮޕަރޭޝަންތަކެއް ހުއްޓުމެއް ނެތި ކުރިއަށްގެންދާއިރު މާލެ ސަރަހައްދުގެ އޮޕަރޭޝަންތައް ވަރަށް ކާމިޔާބެވެ.

އޮޕަރޭޝަންތަކުގައި 1،300 އަށް ވުރެ ގިނަ ތަންތަން ބަލައި ފާސްކުރިއިރު، ޖުމްލަ 5،012 ބިދޭސީން ވަނީ ފުރުވާލާފައިވާ ކަމަށް އިމިގްރޭޝަނުން އެންމެފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ރާއްޖެއިން ފުރުވާލި ބިދޭސީންގެ ތެރޭގައި ސައްހަ ވިސާ ނެތި އުޅެމުންދިޔަ މީހުންނާއި އެކި ކުށްތަކަށް އަރައިގަންނަމުންދިޔަ ބިދޭސީން ހިމެނެ އެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ އިތުރުން ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު ބިދޭސީން ހިމެނެ އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބިދޭސީންގެ މައުލޫމާތު އެއްކުުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން, ކުރަނގީގެ ދަށުން މިހާތަނަށް 18,000 ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ވެސް ވަނީ ނަގައިފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!