އެފްޓީއޭ އާއެކު ޗައިނާގެ އެންމެ ޕްރޮވިންސަކުން ކުރާ އެކްސްޕޯޓުން 8 މިލިއަން ޔުއާން ސަލާމަތް ކުރެވޭނެ
ރާއްޖެ އާއި ޗައިނާއާ ދެމެދު މިއަދު އަމަލުކުރަން ފަށާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން، (އެފްޓީއޭ) އާއެކު އެ ގައުމުގެ ޝަންޑޮންގް ޕްރޮވިންސުން ރާއްޖެއަށް ކުރާ އެކްސްޕޯޓުކުރާ މުދަލުން 8 މިލިއަން ޔުއާން (16.8 މިލިއަން ރުފިޔާ) ސަލާމަތް ކުރެވޭނެ ކަމަށް ލަފާކޮށްފި އެވެ.
މި ތާރީހީ އެފްޓީއޭއަށް އަމަލުކުރަން ފަށާފައިވާއިރު، ޗައިނާއިން ރާއްޖެއަށް އިމްޕޯޓްކުރާ 70 އިންސައްތަ އައިޓަމުން ޑިއުޓީ ކަނޑާލެވޭނެ ކަމަށެވެ. އަދި ރާއްޖެއިން ޗައިނާއަށް 95 އިންސައްތަ އައިޓަމެއް ޑިއުޓީއަކާ ނުލައި އެކްސްޕޯޓް ކުރެވޭނެ އެވެ.
އޭގެ ތެރޭގައި ދަގަނޑާއި، ފަރުނީޗަރާއި ތަރުކާރީ އަދި މޭވާގެ ބާވަތްތަކުގެ އިތުރުން ކަނޑުމަހުގެ ބާވަތްތައް ހިމެނެ އެވެ.
ރާއްޖެއަށް އެންމެ ގިނައިން ޗައިނާއިން މުދާ އެތެރެކުރާ ޝަންޑޮންގް ޕްރޮވިންސުގެ ކުންފުންޏަކުން އެ ގައުމުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ އެފްޓީއޭގެ ސަބަބުން އެ ކުންފުނިން މުދާ އެކްސްޕޯޓްކުރާ އަދަދު މި އަހަރުގެ ތެރޭގައި 20 އިންސައްތައަށް އިތުރުވެގެންދާނެ ކަމަށެވެ.
ޝަންޑޮންގް ޕްރޮވިންސުގެ ކަސްޓަމްސްގެ ޓެރިފް ޑިޕާޓްމަންޓުގެ ޑައިރެކްޓަ ބައި ހައިޖުން ވިދާޅުވީ ޑިއުޓީ ކަނޑާލުމުން އެ ޕްރޮވިންސުގެ ކުންފުނިތަކަށް ބޮޑު އަދަދަކުން ފައިސާ ސަލާމަތް ކުރެވޭނެ ކަމަށެވެ.
"... ރާއްޖެއަށް އެކްސްޕޯޓްކުރާ މުދަލުން ޑިއުޓީ ކަނޑާލުމުން ޝަންޑޮންގްގެ ކުންފުނިތަކަށް ގާތްގަނޑަކަށް 8 މިލިއަނެއްހާ ޔުއާން (16.8 މިލިއަން ރުފިޔާ) ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރެވެ އެވެ،"
މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ހިމެނޭ މުހިންމު ބައިތަކުގެ ތެރޭގައި މުދަލާއި ހިދުމަތުގެ ވިޔަފާރި އާއި އިންވެސްޓްމަންޓުތަކަށް ފުރުސަތު ފަހިކޮށްދިނުމާ އަދި އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން ފަދަ މުހިންމު ދާއިރާތައް ހިމެނެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު، ޗައިނާ ފަދަ އުފެއްދުންތެރި ގައުމަކާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރެވި އަމަލު ކުރެވެން ފެށުމުން ހެޔޮ އަގުގައި މުދާ އެތެރެކުރުމަށް މަގުފަހިވެ، އާންމުންނަށް ހެޔޮ އަގުގައި މުދާ ލިބުމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ. އޭގެ އިތުރުން ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ބޭނުންވާ މުދާ އެ ގައުމުން އަގުހެޔޮކޮށް ހޯދުމުގެ މަގުފަހިވާނެ ކަމަށެވެ.
އެއްބަސްވުމަކީ ރާއްޖޭގެ އެކްސްޕޯޓް އަދި އުފެއްދުންތެރިކަން އިތުރު ކުރުމަށް ހުޅުވިގެން ދިޔަ ފުރުސަތެއް ކަމަށެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތަކުން ޗައިނާ ފަދަ ބިޔަ މާކެޓަކާ އެކީ ވިޔަފާރިކުރަން ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުން މުހިންމު ކަމުގައި ވެސް އެ މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.