ނުފޫޒާއި ބާރުން ނަހަމައިން މުދަލުން ތަނަވަސްކަން ހޯދުމަކީ ހަރާމް ކަމެއް، ރައްކާތެރިވޭ: ހުތުބާ
ނުފޫޒާއި ބާރު ބޭނުންކޮށްގެން ނާޖާއިޒު ގޮތުގައި އާންމުންގެ މުދަލުންނާއި ދައުލަތުގެ މުދަލުން ތަނަވަސްކަން ހޯދުމަކީ ހަރާމް ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ބާތިލު ގޮތުގައި މުދާ ކެއުމުގެ މައްޗަށް އަލިއަޅުވާލައި ހުތުބާގައި ބުނީ މުދަލަކީ ﷲ އެކަލާނގެ އަޅުންނަށް ދެއްވާ ބޮޑު ނިއުމަތެއް ކަމަށެވެ. އަދި އެއީ އެކަލާނގެ އަޅުތަކުން އިމްތިހާނު ކުރެއްވުމަށް ލައްވާފައިވާ ސަބަބެއް ކަމަށެވެ.
މުދަލަކީ ދެ މިޔަލީ ކަނޑިއެއް ކަމަށާއި ބިނާކުރުމަށާއި ފަނާކުރުމަށް ބޭނުން ކުރެވިދާނެ ވަސީލަތެއް ކަމަށެވެ. ހަލާލު ގޮތުގައި މުދާ ހޯދައި، ހަލާލު ގޮތުގައި ވުނަކޮށް އަދި ހަލާލު ގޮތުގައި ހޭދަކޮށްފި ނަމަ، އެއީ ބާއްޖަވެރިކަން ގެނެސްދޭނެ އެއްޗެއް ކަމަށެވެ.
ހުކުރު ހުތުބާގައި ބުނި ގޮތުގައި މުދަލަކީ އިންސާނާގެ ހަޔާތުގައި މުހިންމު އެއްޗަކަށްވާއިރު، އެއާ މެދު ނުހަނު ބޮޑަށް ރައްކާތެރިވާން ޖެހޭނެ ކަމުގަ އެވެ. ނޫން ނަމަ ހެޔޮ މަގުން ކަސިޔާރުވެދާނެ ކަމުގަ އެވެ. މުދަލުގެ ފިތުނައިން ރައްކާތެރިވުމަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވި ކަމުގަ އެވެ.
އެކަލޭގެފާނު ހަދީސްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ. "ހަމަކަށަވަރުން ކޮންމެ އުންމަތަކަށްމެ ފިތުނައެއް ވެ އެވެ. އަދި ތިމަންކަލޭގެފާނުގެ އުންމަތުގެ ފިތުނައަކީ މުދަލެވެ."
އިސްލާމްދީނުގައި މުދާ ހޯދުމަށާއި މުދާ ހޭދަކުރުމަށް ހަރުދަނާ ނިޒާމެއް ލައްވާފައިވާކަން ހުތުބާގައި ފާހަގަކުރި އެވެ. އެހެންކަމުން މީހުންގެ މުދަލަށް އަރައިގަތުން ހަރާމްކުރައްވާފައިވާ ކަމުގަ އެވެ. މުދަލަށް ހިޔާނަތްތެރިވުމާއި މުދާ ފޭރުމާއި މުދަލުން ވައްކަން ކުރުމާއި ޓެކުމާއި ރިޝްވަތު ނެގުމާއި ރިބާ ކެއުމުގެ އިތުރުން ޖުވާކުޅުން ފަދަ ކަންކަމުން މުދާ ހޯދުމަކީ މި ދީން މަނާކުރާ ކަންތައްތައް ކަމުގަ އެވެ. އަދި ނުފޫޒާއި ބާރު ބޭނުންކޮށްގެން ނާޖާއިޒު ގޮތުގައި އާންމުންގެ މުދަލުންނާއި ދައުލަތުގެ މުދަލުން ތަނަވަސްކަން ހޯދުމަކީ ހަރާމް ކަމެއް ކަމުގަ އެވެ.
ކީރިތި ރަސޫލާ ހަދީސްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ. "ހަމަކަށަވަރުން ﷲ ގެ މުދަލުން (އެބަހީ: މުސްލިމުންގެ މުދަލުން) ހައްގުނޫން ގޮތުގައި ބޭނުންކޮށް އުޅޭ މީހުންނަށް، ގިޔާމަތް ދުވަހުން ނަރަކަ ހުއްޓެވެ."
މިއަދުގެ ހުތުބާގައި ބުނީ ބާތިލު ގޮތުގައި ދައުލަތުގެ މުދާ ކެއުމުގެ ތެރޭގައި ފައިސާ އާއި ތަކެތި ބަލަހައްޓާ މުވައްޒަފުގެ އަތުގައި ހުންނަ ފައިސާ އާއި ތަކެތީގައި ޖެހުން ހިމެނޭ ކަމަށެވެ. އެއީ ހަރާމް ކަމެއް ކަަމަށެވެ. އެއީ އަމާނާތަށް ހިޔާނަތްތެރިވުމާއި މަކަރާއި ހީލަތް ހެދުން ކަމަށެވެ.
ބާތިލު ގޮތުގައި މުދާ ކެއުމުގެ ތެރޭގައި ކުރަން ޖެހޭ މަސައްކަތް ރަނގަޅަށް ނުކުރުމާއި މަސައްކަތުގެ ގަޑީގައި ވަގުތު ބޭކާރުކުރުން ހިމެނޭ ކަމަށް ހުތުބާގައި ފާހަގަކުރި އެވެ. ކުރަން ޖެހޭ މަސައްކަތްތައް ރަނގަޅަށް ކުރުމަކީ އީމާންކަން ފުރިހަމަކަމުގެ އަލާމާތެއް ކަމަށެވެ. އެފަދަ މީހަކު ނަމަ އޮފީހަށް ގޮސް އެތަނުގެ މަސައްކަތާ ނުގުޅޭ ކަންކަމުގައި މަޝްޣޫލުވެ ނޫޅޭނެ ކަމަށެވެ. އޭނާގެ މަސައްކަތަށް ﷲ ބައްލަވައިވޮޑިގަންނަވާކަން ދަންނަ މީހާ، އޭނާ މަސައްކަތް ކުރޭތޯ ވެރިމީހާ ބެލިޔަސް އަދި ނުބެލިޔަސް ބަރާބަރަށް މަސައްކަތް ކުރާނެ ކަމަށެވެ.
ހުތުބާގައި އިތުރަށް ބުނި ގޮތުގައި ދައުލަތުގެ މުދަލަށް ހިޔާނަތްތެރިވުމުގެ ތެރޭގައި ރިޝްވަތު ނެގުން ހިމެނޭ ކަމުގަ އެވެ. ރިޝްވަތަކީ ވަރަށް ނުބައި ބައްޔެއް ކަމަށާއި އެއީ ކަންކަން ފާސިދުކުރާ ވަބާއެއް ކަމުގަ އެވެ. އަދި އެއީ ހައްގު ބާތިލަށް ހަދައި، އަދި ބާތިލު ހައްގު ކަމަށް ފުރޮޅައިލާ އާލަތެއް ކަމުގަ އެވެ.
ރިޝްވަތަކީ ވަރަށް ތަފާތު ނަންނަމުގައި ވަރަށް ގިނަ ސިފަސިފައިގައި، މީހުން މަޅީގައި ޖެއްސުމަށާއި ބޭއިންސާފުން ކަންތައްތައް ކުރުވުމަށް ބޭނުންކުރާ ތޫނު ހަތިޔާރެއް ކަމުގަ އެވެ. ހަދިޔާއެއް ނުވަތަ ސައެއް ނުވަތަ އެހެން ނަމެއްގައި ދިން ނަމަވެސް އެ ވާނީ ރިޝްވަތަށް ކަމުގަ އެވެ. ދުނިޔެމަތީގައި އެކަމުގެ އުގޫބާތުން ސަލާމަތްވި ނަމަވެސް އާހިރަތުގެ އުގޫބާތުން އެ މީހާ ސަލާމަތް ނުވާނެ ކަމުގައި ވަނީ ފާހަގަކޮށްފަ އެވެ.