ފާކިސްތާނުގައި އިސްލާމްދީނަށް ފުރައްސާރަކުރި 4 މީހަކު ކުށްވެރިކޮށްފި

ޕާކިސްތާނުގައި އޮންލައިން މީޑިއާގައި އިސްލާމްދީނަށް ފުރައްސާރަކުރި 4 މީހަކު ކުށްވެރިކޮށްފި އެވެ.
ޕާކިސްތާނުގެ ޕަންޖާބު ސޫބާގެ ޝެއިކުޕޫރާ ޑިސްޓްރިކްޓް އެންޑް ސެޝަންސް ކޯޓުން ނިންމި ހުކުމެއްގައި ބުނީ މި މައްސަލައިގައި ކުށްވެރިކުރި ފަރާތްތަކަކީ އޮންލައިން މީޑިއާ މެދުވެރިކޮށް އިސްލާމްދީނަށް ފުރައްސާރަކޮށް، ދީނީ ގޮތުން ހުރުމަތްތެރިވެގެންވާ ކަންކަމަށް ނިކަމެތިކޮށް ވާހަކަދައްކާފައިވާ ފަރާތްތައް ކަމަށެވެ.
ކޯޓުން މި މައްސަލަ ނިންމުމުގައި، ކުށްވެރިވި 4 މީހުންގެ ތެރެއިން 3 މީހުންނަށް މަރުގެ ހުކުމް އިއްވާފައިވާއިރު، އަނެއް މީހާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވެ އެވެ. އަދި މި ހަތަރު މީހުންނަށް ޖުމްލަ 800,000 ޕާކިސްތާނީ ރުޕީސް (ގާތްގަނޑަކަށް 2,800 އެމެރިކާ ޑޮލަރު) ގެ ޖޫރިމަނާއެއްވެސް ކޯޓުން ކޮށްފައިވެ އެވެ.
މި މައްސަލައިގައި ކުށްވެރިވި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ މުހައްމަދު ޝަފީޤް، މުހައްމަދު އައްޔޫބް، އަބްދުލް ވަހާބް އަދި އަބްދުލް ރަޝީދު އެވެ. މި ފަރާތްތަކުން އިސްލާމްދީނަށް ފުރައްސާރަކޮށްފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ކަމަށް ކޯޓުން ބުނެފައިވެ އެވެ.
ޕާކިސްތާނުގައި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ވަރަށް ބޮޑު ކުށެއްގެ ގޮތުގައި ބެލެވެ އެވެ.
މިފަދަ ކުށްތަކަށް އެންމެ ހަރުކަށި އަދަބުތައް ކަނޑައެޅިފައިވެ އެވެ. މި މައްސަލައިގައި ކުށްވެރިވި ފަރާތްތަކަށް ލިބުނު އަދަބުތަކުން އެނގިގެންދަނީ، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ޕާކިސްތާނުގެ ޝަރުއީ ނިޒާމުން ބަލައިނުގަންނަ ކަމެއްކަމެވެ.