ދިއްދޫގެ ތަރައްގީ މި އަހަރު ބާރު ދުވެލީގައި ހިނގާނެ، މި އުޅެނީ މާލެއަށް ޖަމާވުން ކުޑަކުރަން: ރައީސް
ހއ. ދިއްދޫގެ ތަރައްގީއަށް ކުރަން ހުރި ގިނަ މަސައްކަތްތައް މި އަހަރު ފަށައި ބާރު ދުވެލީގައި ހިނގާނެ ކަމަށާއި މި އުޅެނީ މާލެއަށް މީހުން ޖަމާވުން ކުޑަކުރަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިރޭ ދިއްދޫގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ރަށުގައި އަޅަން ނިންމާފައިވާ އެއާޕޯޓާއި، ފަޅުން އިތުރުކުރާ ބިމުގެ ސަރަހައްދަކީ މުޅި ރާއްޖޭގެ ތަރައްގީއަށް ރައީސް ގެންގުޅުއްވާ ތަސައްވުރަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"މި އަތޮޅު، މި ސަރަހައްދުގެ ތަރައްގީގެ މެދު ރާސްތާ އަދި ދުރު ރާސްތާގެ ޕްލޭނަށް އެކަންޏެއް ނޫން، މުޅި ރާއްޖޭގެ ތަރައްގީގެ މާސްޓާ ޕްލޭނުގެ މުހިންމު ކަމެއް މި ރަށުގެ އެއާޕޯޓަކީ ވެސް،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ތަސައްވުރަކީ ރާއްޖޭގެ އެންމެ އުތުރު ހަތަރު އަތޮޅުގެ ހުރިހާ ރަށަކާއި ސަރަހައްދެއް ތަރައްގީގެ ބޮޑު އެއް ޒޯނުގެ ގޮތުގައި ތަރައްގީ ކުރުމެވެ. އެންމެ ދެކުނުގެ ހަތަރު އަތޮޅު ވެސް އެފަދަ ޒޯނެއް ގޮތަށް ތަރައްގީ ކުރަން އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.
ދިއްދޫގެ ތަރައްގީއަށް ކުރަން ހުރި ގިނަ މަސައްކަތްތައް މި އަހަރު ފަށައި ބާރު ދުވެލީގައި ހިންގާނެ ކަމުގެ ޔަގީންކަން ދެއްވަމުން އެމަނިކުފާނު ވިދާޅުވީ އުތުރާއި ދެކުނު ތަރައްގީ ކުރަން ގިނަ މަސައްކަތްތަކެއް މި ކުރަނީ މާލެ ސަރަހައްދަށް މުޅި ރާއްޖެ ޖަމާކުރަން އެމަނިކުފާނު ބޭނުންފުޅު ނުވާތީ ކަމަށެވެ.
"މާލޭ ސަރަހައްދާ އެއް ފެންވަރަށް އެންމެ އުތުރު، އެންމެ ދެކުނު، އަދި މެދު ރާއްޖޭން ހަތް އާބަން ސެންޓަރެއް ތަރައްގީ ކުރަން ޖެހޭ. ހުރިހާ އެންމެން މާލެ ސަރަހައްދަކު ނޫން އުޅެން ޖެހޭނީކީ. އެއީ އަޅުގަނޑުގެ ސިޔާސަތު،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ ދިއްދޫގައި މި އަހަރު ތަރައްގީގެ މަަސައްކަތްތައް ހިންގަން ހަމަޖެހިފައިވާ ގޮތުގެ ތަފުސީލުތައް ވެސް ދެއްވައިފަ އެވެ؛
- މި އަހަރު އެމްޓީސީީސީއަށް އެއާޕޯޓުުގެ ބައެއް މަސައްކަތްތައް ހަވާލުކޮށް، ބޭރުގެ ކުންފުންޏަކަށް ގިނަ މަސައްކަތް ހަވާލުކޮށް ބާރު ދުވެލީގައި ހިންގުމަށް
- އާ ހޮސްޕިޓަލެއް އެޅުމުގެ މަަސައްކަތް ވެސް މި އަހަރު ފަށާނެ، އާ ހޮސްޕިޓަލުން ގިނަ ހިދުމަތްތަކެއް ލިބިގެން ދާނެ
- މިހާރު ހުރި ހޮސްޕިޓަލުން ސީސީޓީވީ ސްކޭނުގެ ހިދުމަތާއި ސްޕީޗު ތެރަޕީގެ ހިދުމަތް މި އަހަރު ލިބެން ފަށާނެ
- އަންނަ ބުރާސްފަތި ދުވަހު 200 ހައުސިން ޔުނިޓް އަޅާނެ ކޮންޓްރެކްޓަރަކު ހޯދަން އިއުލާން ކުރާނެ
- ކުނި މެނޭޖު ކުރުމަށް ވެމްކޯއާ ހަވާލުކޮށް އެ ކުންފުނީގެ އޮފީސް މިހާރު ގާއިމުކޮށްފައިވާ އިރު ފެބްރުއަރީ މަސް ނިމުމުގެ ކުރިއަށް ވެމްކޯގެ ހިދުމަތް ފަށާނެ
- މަސްވެރިންނަށް އައިސް ޕްލާންޓެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ