ޕާކިސްތާނުގެ ސިންދު ޔުނިވާސިޓީގައި އިހުތިޖާޖުތައް ކުރިއަށްދާތީ ކިޔެވުން މެދުކަނޑާލައިފި

ޕާކިސްތާނުގެ ސިންދު ޔުނިވާސިޓީގައި ދަރިވަރުންގެ އިހުތިޖާޖުތައް ކުރިއަށްދާތީ ޔުނިވާސިޓީގެ އެކަޑަމިކް ހަރަކާތްތައް މެދުކަނޑާލާފައިވާ ކަމަށް އެ ޔުނިވާސިޓީން ހާމަކޮށްފި އެވެ.
ޔުނިވާސިޓީގެ ވައިސް ޗާންސެލަރު މުހައްމަދު ސިދީގް ކަޖްރޯ ވިދާޅުވީ ޔުނިވާސިޓީގެ ހުރިހާ ކެމްޕަސްތަކެއްގައި ކިޔެވުން މެދުކަނޑާލާފައިވަނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ކަމަށެވެ.
ކިޔެވުން މެދު ކަނޑާލާފައި އޮތް ނަމަވެސް އިދާރީ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދަރިވަރުން އިހުތިޖާޖު ކުރަމުންދަނީ ޔުނިވާސިޓީގެ އެޑްމިޝަން ޕޮލިސީއަށް ގެނެވުނު ބަދަލުތަކާ ގުޅިގެންނެވެ. މި ބަދަލުތަކުގެ ސަބަބުން ސިންދު ސޫބާގެ ބައެއް ސަރަހައްދުތަކުގެ ދަރިވަރުންނަށް އެޑްމިޝަން ލިބުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށް ދަރިވަރުން ބުނެ އެވެ.
ޔުނިވާސިޓީގެ އިސްވެރިންނާއި ދަރިވަރުންނާ ދެމެދު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، އަވަހަށް މައްސަލަ ހައްލުކުރެވޭނެ ކަމަށް އުއްމީދުކުރެވޭ ކަމަށް ވައިސް ޗާންސެލަރު ވިދާޅުވި އެވެ. ނަމަވެސް ކިޔެވުން އަލުން ފެށޭނެ ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ.
މި އިހުތިޖާޖުތަކުގެ ސަބަބުން ޔުނިވާސިޓީގެ ގާތްގަނޑަކަށް 30،000 ދަރިވަރުންގެ ކިޔެވުމަށް ހުރަސްއެޅިފައިވާ ކަމަށް ލަފާކުރެވެ އެވެ.
މިކަމާ ގުޅިގެން ސިންދު ސަރުކާރުން އަދި ވަކި ބަޔާނެއް ނެރެފައެއް ނުވެ އެވެ.