ޚަބަރު

ރިޔާސީ ބަޔާން އިއްވާ ދުވަހު މަޖިލިސް ދޮށަށް އެމްޑީޕީން އެއްވަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އެމްޑީޕީން މި ފަހުން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން - ފޮޓޯ: އެމްޑީޕީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެވަނަ ރިޔާސީ ބަޔާން އިއްވަން ހަމަޖެހިފައިވާ ދުވަހު ރައްޔިތުންގެ މަޖިލިސް ދޮށަށް އެއްވާން އިދިކޮޅު އެމްޑީޕީން ނިންމައިފި އެވެ.

Ads by STELCO

މި އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވައި ރައީސްގެ ރިޔާސީ ބަޔާން އިއްވާ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގަ އެވެ.

އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރިޔާސީ ބަޔާން އަޑުއަހަން އެންމެން މަޖިލިސް ދޮށަށް އެއްވަން ވާނެ ކަމަށެވެ.

ރިޔާސީ ބަޔާން އިއްވަން ދެ ދުވަހަށް ވެފައިވާއިރު މި ފަހަރު އެ ދުވަހަށް އެހާ ބޮޑު ޝައުގުވެރިކަމެއް އިދިކޮޅު ފަރާތްތަކުގެ ވެސް އޮތް އެންމެ ބޮޑު ސަބަބަކީ ރައީސް މުއިއްޒާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަރަށް ބޮޑަށް ގުޅުން ގޯސްވެފައިވާ ކަމަށް ބެލެވޭ ދުވަސްވަރެކެވެ.

ރިޔާސީ ބަޔާން އިއްވާ ދުވަހު އިދިކޮޅު ފަރާތްތަކުން މަޖިލިސް ދޮށަށް އެއްވުމަކީ މި ފަހަކަށް އައިސް ވަރަށް އާންމު ކަމެކެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަން ވަޑައިގެންނެވި ފަހަރުތަކުގައި އޭރު އިދިކޮޅުގައި އަދި މިހާރު ސަރުކާރު ހިންގާ ޕީއެންސީގެ އިސް ބޭފުޅުންނާއެކު ސަޕޯޓަރުން މަޖިލީސް ދޮށަށް އެއްވެފައިވެ އެވެ.