ޚަބަރު

ރާއްޖޭގެ ޖަލުތަކުގައި އިންޑިއާގެ 10 މީހުން އެބަ ތިބި

. ، ދެން އޮންލައިން
މާފުށީ ޖަލުގެ ގޮޅިތަކެއް

ރާއްޖޭގެ ޖަލުތަކުގައި އިންޑިއާގެ 10 ރައްޔިތަކު އެބަތިބި ކަމަށް އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ހާމަކޮށްފި އެވެ.

Ads by STELCO

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ލޮކް ސަބާގައި ކެރެލާ ސްޓޭޓުގެ ޕޮންނަނީ ކޮންސްޓިޓިއުޝަންގެ މެންބަރު މުހައްމަދު ބަޝީރު ވަނީ އެކި ގައުމުތަކުގެ ޖަލުގައި ތިބި އިންޑިއާ މީހުންގެ އަދަދު ހިއްސާކޮށްދެއްވުމަށް އެކްސްޓާނަލް މިނިސްޓްރީގައި އެދިވަޑައިގެންފަ އެވެ.

ބަޝީރުގެ ސުވާލަށް ޖަވާބު ދެއްވަމުން އެކްސްޓާނަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ކިރްތީ ވަރްދާން ވިދާޅުވީ، އެކި ކުށްތަކުގައި ބޭރު ގައުމުތަކުގެ ޖަލުތަކުގައި އިންޑިއާގެ 10،152 މީހަކު ހުކުމް ތަންފީޒުކުރަމުންދާ ކަމަށެވެ.

އެގޮތުން އިންޑިއާ މީހުން އެންމެ ގިނައިން ތިބީ ސައުދި އަރަބިޔާގެ ޖަލުތަކުގައި ކަމަށ ވިދާޅުވި އެވެ. ސައުދީގެ ޖަލުތަކުގައި 2633 އިންޑިއާ މީހުން އެބަތިއްބެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން ޖަލަށްލާފައި ވަނީ އިންޑިއާގެ މަސައްކަތްތެރިންގެ މެޖޯރިޓީ އޮންނާ ޔުނައިޓެޑް އަރަބް އެމިރޭޓްސްގަ އެވެ. ޔޫއޭއީގެ ޖަލުތަކުގައި 2518 އިންޑިއާ މީހުން އެބަތިއްބެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން އިންޑިއާގެ މީހުން ޖަލަށްލާފައިވަނީ ނޭޕަލްގަ އެވެ. އެ ގައުމުގެ ޖަލުތަކުގައި އިންޑިއާގެ 1317 މީހަކު އެބަތިއްބެވެ. ޕާކިސްތާނުގެ ޖަލުތަކުގައި އިންޑިއާގެ 266 މީހުން، ސްރީލަންކާގެ ޖަލުތަކުގައި 98 މީހުން އަދި ބޫޓާންގެ ޖަލުތަކުގައި 69 މީހުން ތިއްބެވެ.

ރާއްޖޭގެ ޖަލުތަކުގައި ތިބީ 10 މީހުންނެވެ. އެ މީހުންނާ ގުޅޭ ތަފްސީލެއް މިނިސްޓްރީން ހިއްސާއެއް ނުކުރެ އެވެ.