ބަލޫޗް ޒުވާނަކު ބަންދުގައި މަރާލި ސީޓީޑީ އޮފިސަރަކަށް ޕްރޮމޯޝަން ދީފި

ޕާކިސްތާނުގެ ބަލޫޗިސްތާން ސޫބާގައި ބަލޫޗް ޒުވާނަކު ބަންދުގައި މަރާލުމުގެ ކުށުން ކުރިން ކުށްވެރިވެފައިވާ ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓް (ސީޓީޑީ) ގެ އޮފިސަރަކަށް ޕްރޮމޯޝަން ދީފައިވާކަމަށް ރިޕޯޓުތަކުން ބުނެފި އެވެ.
ރިޕޯޓުގައި ބުނީ މި އޮފިސަރު، ޕާކިސްތާނުގެ ސަރުކާރުގެ 18 ވަނަ ގްރޭޑަށް ކުރިއަރުވާފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ބަލޫޗް އެކްޓިވިސްޓުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ބަލޫޗިސްތާނުގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއްގެ ވާހަކަދެއްކި ފަރާތަކުން ބުނީ މިއީ ބަލޫޗް ރައްޔިތުންގެ ހައްގުތަކަށް ސީދާ ގޮންޖެހުމެއް ކަމަށެވެ. އަދި ކުށްވެރިވެފައިވާ މީހަކަށް މިފަދަ ޕްރޮމޯޝަނެއް ދިނުމަކީ އަނިޔާވެރިކަމަށް ހިތްވަރުދިނުން ކަމަށްވެސް އ ފަރާތުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޝަނުން ތަހްގީގްއެއް ފަށާފައިވާކަމަށް ބުނެވެ އެވެ. އަދި މި މައްސަލަ ބެލުމަށް ސަރުކާރުގެ މަތީ ފަންތީގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.
ބަލޫޗިސްތާނުގައި ސަލާމަތީ ބާރުތަކުން ހިންގާ އަނިޔާވެރި އަމަލުތަކާއި ބަންދުގައި މީހުން މަރާލުމުގެ މައްސަލަތައް އިތުރުވަމުންދާކަމަށް ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ޖަމިއްޔާތަކުން ފާހަގަކޮށްފައިވެ އެވެ. މި ޕްރޮމޯޝަނަކީ މިފަދަ އަމަލުތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއްކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.
