ރިޕޯޓް

ކުލި ކުޑަކޮށްދިނީ މަދުބައެކެވެ. ގިނަ ބަޔަކަށް ހީވެސް ނުވެއެވެ.

ދެން އެމްވީ ، ދެން އޮންލައިން

''މިއަދު ތެދުވިއިރު އޮތް ގޭގެ ވެރިމީހާ ދެތިން ފަހަރަކަށް ގުޅާފައި ، މަ ހީކުރީ ކުލި ލަސްވެގެން ގުޅީ ކަމަށް ، ދެން ބަލާލީ މެސެޖުތަކަށް ، ކަލޯ ކުލިން ފަސް ހާސް ކަނޑައިދީފައި އޮތީ''

Ads by Hajj Corporation

މިއީ އުޅޭ ގޭގެ ކުލި ކުޑަ ކޮށްދިނުމުން ނިކަން އުފާވެފައި ހުރި ރައްޓެއްސަކު ހިއްސާކުރި ވާހަކައެކެވެ.

ތެދެކެވެ. ރާއްޖޭގެ ވެރިރަށް ފުރަމާލޭގެ ދިރިއުޅުމަކީ ފަސޭހަ ދިރިއުޅުމެއް ނޫނެވެ. ތޮއްޖެހުން ބޮޑު މާލޭގައި ގިނަ ބަޔަކަށް ދިރިއުޅެން މަޖުބޫރު ކުރީ އެވެރިންގެ ރަށުގެ ޙާލަތެވެ. ވަޒީފާގެ ފުރުސަތު ނެތުމެވެ. ދަރީންނަށް ފެންވަރު ރަނގަޅު ތައުލީމު އުނގައްނައިދެވެން ނެތުމެވެ. އެހެންނާ ޞިއްޙީ ވަޞީލަތްތައް މަދުވުމެވެ. މިކަންކަމާއެކު ފާގަތި މުސްތަގުބަލަކަށް އެދި ކުރާ އުއްމީދެވެ.

ގިނަ އާއިލާތަކަކީ އެއާއިލާއެއްގައި ވަޒީފާ އަދާކުރެވޭނެ އުމުރުގައި ތިބި ހަމައެންމެން ވަޒީފާއަށް ގޮސްގެން އެ އެންމެންގެ އާމްދަނީއަށް ބަރޯސާ ވެގެން ދިރިއުޅޭ އާއިލާތަކެކެވެ. އާއިލާގެ އެންމެން ވަޒީފާއަށް ގޮސްގެން ބައިލައްކަ ރުފިޔާ ލިބުނަސް ޚަރަދު ބޮޑު މާލޭގައި އެއީ ކުޑަކުޑަ މިންވަރެކެވެ. ކުލީގެ ވާހަކަ ނުދައްކަމާ ހެއްޔެވެ. ދަރީން ކިޔަވަނީ ޕްރައިވެޓް ސުކޫލެއްގައި ނަމަ ސުކޫލު ފީއެވެ. މީގެ އިތުރުން ޓިއުޝަން ފީއާއި ކަރަންޓާ،ފެނާއި ، އިންޓަނެޓާއި ، ކޭބަލް ޓީވީ ފީއާއި ، ކުނިއުކާލުމުގެ ޚިދުމަތާއި ފޯން ބިލްތަކާއި މިހެން ގޮސް ކިތަންމެ ބިލެކެވެ. މަސް ނިމުމުން މި ބިލްތައް އަދާކޮށް ނިންމާއިރު އަދި ވަޒީފާއަށް ދާން ފަސޭހައަކަށް ޓަކައި އިންސްޓޯލްމަންޓަށް ނެގި ސައިކަލަށް ފައިސާ ނުދެއްކެއެވެ. ދުވަސްކޮޅަކުން ފެންނަނީ ސައިކަލް ވިއްކި ކުންފުނިން އަނބުރާ ސައިކަލް ނަގާތަނެވެ.

ހަމަޖެހޭ ދިރިއުޅުމެއް އުޅޭ މީހުންނަށް މިއީ ފިކުރެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް މިއީ ކިތަންމެ ކިތަންމެ އާއިލާއެއްގެ ހާލަތެވެ. ގަބޫލު ކުރަން އުނދަގޫ ވިޔަސް ވެސް މެއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުގައި ކޮވިޑް19ގެ ބަނަވިލާތަކުން ގިނަ ގައުމުތައް އަނދިރިކޮށްލިއިރު އަހަރެމެންގެ ގައުމަށް އަސަރުކުރާނޭ މިންވަރަކާއި މެދު އޭރު ވިސްނާލެވިފައި ނުވިނަމަވެސް މުޅި ދުނިޔެއާއި މިގައުމުގެ ޙާލަތު ވެސް ބަދަލު ވެއްޖެއެވެ. އަހަރެމެން އުޅެމުން އައި ދިރިއުޅުން ބަދަލު ވެއްޖެއެވެ. ކޮވިޑް19ގެ ނުރައްކާ ، ވައިރޯޅިއެއްހެން ފެތުރިދާނެ ކަމުގެ ބިރުއޮތް މާލެއާއި މުޅި ގައުމު ނުރައްކަލުން ރައްކާތެރިކުރުމަށް ސަރުކާރަށް އަޅަންޖެހުނު ފިޔަވަޅުތަކުން މިއަދު އަހަރެމެން މިތިބީ ކުރާނެ ކަމެއް ،ހަނދާނެ ގޮތެއް ނޭނގިފައެވެ. ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތައް ބަންދުވެއްޖެއެވެ. ސުކޫލުތަކާއި ކުޅިވަރު ކުޅޭ ތަންތަނުގެ އިތުރުން މިސްކިތުގެ ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލުމުން ވެސް ކަމުގެ ނުރައްކާތެރިކަން ވަޒަންކޮށްލެވެއެވެ.

ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ދުނިޔޭގެ ގިނަ ގައުމުތައް މިވަގުތު އޮތީ ފުރަބަންދުގެ ޙާލަތުގައެވެ. މިހެންކަމުން ލާމެހިފައިވާ ދުނިޔޭގެ ވިޔަފާރިތައް ވަނީ ހުއްޓިފައެވެ. މަސް އެކްސްޕޯޓްކުރާ މީހުންނަށް އެމަގު ވަނީ ވަރަށް ހަނިވެފައެވެ. ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރާ ގިނަ ބައެއްގެ މަސައްކަތްތައް ވަނީ މަޑު ޖެހިފައެވެ. ގައުމަށް މިއައި އިގްތިޞާދީ ލޮޅުމާއެކު ، ލިބޭ އާމްދަނީއަށް މިވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ފަތުރުވެރިންނެތި ފަޅުވަމުންދާ ރިސޯޓްތަކަށް މަޖުބޫރު ވެފައިވަނީ އަސާސީ މުސާރައާއެކު މުވައްޒަފަށް ޗުއްޓީ ދިނުމެވެ. ނުވަތަ ވަކި މުއްދަތެއް ނެތްގޮތަށް މުސާރަ ނުލިބޭ ޗުއްޓީގައި މުވައްޒަފުން ރަށަށް ފޮނުވާލުމެވެ. މިއެންމެންގެ އާމްދަނީގެ މައްޗަށް ބަރޯސާ ވެގެން މާލޭގައި ކުއްޔަށް އުޅޭ އާއިލާތަކަށް ކުރާނީ ކޮން އަސަރެއްތޯއެވެ. މަހުގެ 5 ނުވަތަ 7 ވަނަ ދުވަހު ގޭގެ ވެރިމީހާ ކުލި ހޯދަން ގުޅާ ކޯލަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟

މިފަދަ ޙާލަތެއްގައި ވެސް ފެނިގެން ދިޔަ އުފާވެރި މަންޒަރަކީ ދަރުމަވެރި އިހްސާންތެރިންތަކެއް ފެނިގެން ދިޔުމެވެ. ގޭގެ އެކި ފްލޯތަކުގައި އުޅޭ މީހުން ދައްކާ ކުލިން ފަސޭހަ ދިރިއުޅުމެއް އުޅުނު ބައެއް މީހުންނަށް މިއީ އިހްސާންތެރިވުމުގެ ވަގުތުކަންވަނީ ވިސްނިފައެވެ. ބައެއް މީހުން ކުލި އެއްކޮށް މާފުކޮށްދިންއިރު އަނެއް ބަޔަކު ވަނީ ކުލި ކުޑަކޮށްދީފައެވެ. އެފަދަ މީހުންނަށް ހައްގު ތައުރީފާއި ހެޔޮ ދުއާތައް ދަނީ އޮހެމުންނެވެ.

ނަމަވެސް ކުލި ކުޑަވެގެން އެކަމުގެ އުފަލުގައި ހުރި ރަހުމަތްތެރިޔާއަށް އަހަރެން ދޭން ޖެހުނު ޖަވާބަކީ މިއެވެ.

ރަހުމަތްތެރިޔާއަށް ޓަކައި އުފާ ކުރަމެވެ. ނަމަވެސް ކުލި ކުޑަކޮށްދިނީ މަދު ބައެކެވެ. ބައެއް މީހުންނަށް ހީވެސް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!