ރިޕޯޓް

ހުކުރު ދުވަސްހެން ހީވެސް ނުވޭދޯ؟

ދެން އެމްވީ ، ދެން އޮންލައިން

މިއަދަކީ އޭޕްރީލް މަހުގެ ފުރަތަމަ ހުކުރު ދުވަހެވެ. އާއިލާ އާއެކު ވަގުތު ހޭދަކުރާ ދުވަހެވެ. ހެނދުނު ހެނދުނާ މޫދަށް ގޮސް މަޖާކޮށްލާ 'ހެޕީ ފްރައިޑޭ' އެވެ. ފެންވަރައި ނަލަ ވެގެން ހުރިހާ ފިރިހެނުން ހުކުރަށްދާ ދުވަހެވެ. ހުކުރު ހުތުބާ ގެ އަޑު މުޅި ރަށުގައި ގުގުމާލާ ދުވަހެވެ. މުޅި އާއިލާ އާއެކު އެއް ސުފުރާ މަތިން ކުކުޅު ކާން ލިބޭ ދުވަހެވެ. އާއިލާ އާއި ރައްޓެހިންނާއި އެކު ބުރުޖަހާލައި މަޖާކޮށްލަން ރަސްފަންނަށް ގޮސް އުޅޭ ދުވަހެވެ. ހުކުރު ދުވަސް ހާއްސަވާ ސަބަބުތައް ގުނައި އަދަދު ނުކުރެވޭނެއެވެ.

Ads by Sosun Fihaara

ނަމަވެސް މިއަދު މިވަނީ ހާލަތު ބަދަލުވެފައެވެ. ކޮވިޑް19 ގެ ބިރުވެރި ހިޔަނި ރާއްޖެއަށް އެޅި ރާއްޖޭގެ ވެރި ރަށް މާލޭގައި ޖަމާއަތުގައި ހުކުރު ނުކުރާތާ މިއަދަށް މިއީ 3 ވަނަ ހުކުރެވެ. 18 މާޗު ވަނަ ދުވަހު މާލެ ސިޓީގެ މިސްކިތަތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމާއި ހުކުރު ކުރުން ހުއްޓާލީ މާރޗު މަހުގެ 28 ދުވަހާއި ހަަމައަށެވެ. ނަމަވެސް ފަހުން ވަނީ އެ މުއްދަތު އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައެވެ. ރާއްޖޭގެ އެހެން ރަށްތަކުގައި ހުކުރު ނަމާދު ކުރިނަމަވެސް ހުކުރު ކުރަނީ ކުރުކޮށެވެ. ހުކުރު ހުތުބާ ވެސް އެހާމެ ކުރެވެ.

ހުކުރު ދުވަސް ނަމަވެސް ގެއިން ބޭރަށް ނިކުތުން ރައްކާތެރިއެއްނޫނެވެ. އެހެން ހުކުރު ދުވަސްތަކާއި ހިލާފަށް އާއިލާއާއި ރައްޓެހިންނާއި ބައްދަލުކުރެވޭކަށް ނެތެވެ. އިރު އޮއްސޭ މަންޒަރު ބަލަން ރަސްފަންނަށް ދާ ގަޑީގައި ބޭރަށް ނިކުތުން މަަނަލެވެ. ކޮންމެ ހުކުރު ދުވަހު ހަވީރު ސައިބޯލަން ދާ ކެފޭތައް ހުރީ ބަންދުކޮށްފައެވެ. ފޫހިވެފައި ގޭގައި އޮތުން ނޫން ގޮތެއް ނެތެވެ.

ގޭގައި އޮވެ މާބޮޑަށް ފޫހިވާނަމަވެސް ކުރެވޭނެ ބައިވަރު ކަންތައް މިހާރު ހުންނާނީ ގިނަ މީހުނަށް ދަސްވެފައެވެ. މީސް މީޑިއާގެ ތަފާތު އެކި އެކި ޗެލެންޖުތަކުގެ އަޖުމަ ވެސް ބަލައިލެވިދާނެއެވެ. އާއިލާ އާއި ރައްޓެހިން މަތިން މާ ބޮޑަށް މިސްވާނަމަ ވީޑިއޯ ކޯލްކޮށްލާށެވެ. ނެޓްފްލިކްސް ޕާޓީއެއް ބާއްވާލާށެވެ.

ނަމަވެސް ހަނދާން ބަހައްޓަންޖެހޭ އެއް ކަމެއް އެބައޮތެވެ.މި ހުރިހާ ކަމެއް ބަދަލުވެގެން ދިޔަނަމަވެސް ހަފްތާގެ ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަހަކީ އެންމެ މާތް ދުވަސް ކަމުގައި ލައްވަވާފައިވާ ދުވަހެވެ. ހުކުރު ދުވަހުގެ ވަގުތެއްގައި ދުޢާ އިޖާބަކުރައްވަވާ ހިނދު މި ހުކުރު ދުވަހު ގޭގައި ތިބެ ކޮވިޑް19 އަިން މިންޖުވުމަށް އެދި ﷲ ގެ ހަޟްރަތުގައި ދުއާ ދަންނަވަން ހިނގާށެވެ. އެއްފަހަރު ނަމަވެސް ކަހުފު ސޫރަތް ކިޔަވާށެވެ.ހުކުރު ދުވަހަކީ ހަފްތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހެވެ. އެ ދުވަހުގައި ދުޢާ އިޖާބަ ކުރައްވާ ވަގުތެއް ވެއެވެ.

ހުކުރު ދުވަހުގެ އެންމެ ޚާއްޞަ ކަމަކީ ހުކުރު ނަމާދެވެ. ކުދިބޮޑު އެންމެން ނަލަވެގެން ﷲގެ ގެކޮޅުތަކަަަށް އެއްވާ ބޮޑު އެއްވުމެވެ. އެހެންކަމުން ހަފްތާއަކު އެއްފަހަރު މުސްލިމުންނާ ބައްދަލުކުރާ މިޢީދު އޭގެ އެންމެ ފުރިހަމަ ގޮތުގައި އެނބުރި އަހަރެމެންނާއި ބައްދަލުކުރާނެ ދުވަހަކަށް އެދި ދުއާ ކުރަން ހިނގާށެވެ.

މާތް ﷲ އަޅަމެންގެ މައްޗަށް ފޮނުއްވާފައި މިވާ މުސީބާތުން އަޅަމެންގެ ރާއްޖެއާއި މުޅި މުސްލިމް އުންމަތް ސަލާމަތްކުރައްވާންދޭވެ. އާމީން!

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!