ޚަބަރު

ބަނދަރު ނިމުމުން ބަންކަރިންގެ ވިޔަފާރި ފުޅާ ވެގެން ދާނެ: މިނިސްޓަރު

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
މިނިސްޓަރު ސައީދު - ފޮޓޯ: ދެން

ހއ. ހޯރަފުށީ ކައިރީގައި އެސްޓީއޯއިން ފަށާފައިވާ ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތުގެ ވިޔަފާރި ކުރިއަށް ދާނެ ކަމުގެ ޔަގީން ކަން އިކޮނޮމިކް މިނިސްޓަރު ސައީދު މިރޭ ދެއްވައިފި އެވެ.

Ads by Hajj Corporation

ރާއްޖޭގެ އުތުރު ހުރަސްކޮށް ދަތުރުކުރާ ބޯޓު ފަހަރުތަކަށް ބަންކަރިންގެ ހިދުމަތް ދެމުން އަންނަ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެ ހިދުމަތް ފޯރުކޮށްދިނުމަށް 4000 ޓަނުގެ ތެޔޮ އުފުލޭ ދެ ބޯޓެއް ރާއްޖެއަަށް ގެނެސް ހިދުމަތް ފެށީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގަ އެވެ.

އެ ހިދުމަތް މާ ބޮޑަށް ނުހިނގާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް ވެސް އަމާޒުވެފައިވަނިކޮށް، ވަޒީރުންނަށް އާންމުން ސުވާލު ކުރެވޭ ގޮތަށް ކުރިއަށް ގެންދާ "އަހާ ފޯރަމް" ގެ މިރޭގެ ސެޝަނުގައި މީހަކު ވަނީ އެ ހިދުމަތް ކުރިއަށްދާނެ ކަމާ މެދު ސުވާލުކޮށްފަ އެވެ.

އޭގެ ޖަވާބުގައި މިނިސްޓަރު ސައީދު ވިދާޅުވީ ތިންވަނަ ބޯޓެއް ގެނައުމުގެ މަސައްކަތް އެސްޓީއޯއިން ކުރަމުން ދާއިރު އިންޓަނޭޝަނަލް ބަންކަރިންގެ ގާނޫނީ އޮނިގަނޑެއް ފަރުމާކުރުމުގެ މަސައްކަތެއް ޓްރާންސްޕޯޓް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

"ޑިފެންސް މިނިސްޓްރީއާއި ޓްރާންސްޕޯޓް މިނިސްޓްރީ ވެސް ބައިވެރިވެގެން ގިނަ މަސައްކަތްތަކެއް ކޮށްފި. އޮފް ބޯޓް އޭރިއާއެއް އަޅައިދިނުމަށް. ބަންކަރިންގެ ހިދުމަތް ދެ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ޗާޓަށް އަރާފައިވޭ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

މި ވަގުތު އެ ހިދުމަތް ދޭން ބަލާއިރު ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށް ވެސް މިނިސްޓަރު ގަބޫލުކުރައްވަ އެވެ. ރާއްޖޭގެ އުތުރުން ބައެއް އަވައްޓެރި ގައުމުތަކުގައި މާ ގިނަ ވަސީލަތްތަކާއެކު އެ ހިދުމަތް ދޭ ކަން ފާހަގަ ކުރެއްވި އެވެ.

"ބައެއް ގައުމުތަކަކީ ވެސް ބަންކަރިންގެ ހިދުމަތް ދޭ ގައުމުތައް. އޮން ޕޯޓް ފެސިލިޓީއާ އެއްކޮށް. މާނައަކީ ބަނދަރާއި އެއްމުގައި ޓޭންކުތައް ހެދިގެން ސްޓޮރޭޖް ޓާމިނަލްތައް ހެދިގެން ވަރަށް ފަސޭހަކަމާއެކީ ބޯޓު ފަހަރުތައް ވަދެގެން ހިދުމަތް ހޯދަމުން ދަނީ،" ސައީދު ވިދާޅުވި އެވެ.

"ހޯރަފުށީ ފަޅުން މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޒޯން ތަރައްގީކުރަން 90 ހެކްޓަރު ބިން ހިއްކުމަށް ފަހު ބަނދަރު އެޅި ޓާމިނަލް އެޅުމުން ބަންކަރިންގެ ހިދުމަތް ވިޔަފާރި ފުޅާ ވެގެން ދާނެ."

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!