ދުނިޔެ

ޕަންޖާބުގައި އަނިޔާކޮށްގެން ކުއްޖަކު މަރާލި މީހުން ހައްޔަރުކޮށްފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ޕާކިސްތާނުގެ ޕަންޖާބު ސޫބާގައި އަނިޔާކޮށްގެން ކުޑަކުއްޖަކު މަރާލި މީހުން ހައްޔަރުކޮށްފި އެވެ.

ޕާކިސްތާނު ފުލުހުން ބުނީ 15 އަހަރުގެ މި އަންހެންކުއްޖާ މަރާލާފައިވަނީ ސުބާގައި ހުރި ގެއެއްގައި މަސައްކަތްކުރަން ގޮސްއުޅެނިކޮށް ކަމަށެވެ.

ޗަކް 43 އެސްބީއަށް ނިސްބަތްވާ މި ކުއްޖާގެ ބައްޕަ ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރަމުން ބުނީ ގޭގެ ވެރިމީހާ، ވިޔަފާރިވެރިއެއް ކަމުގައިވާ ރާވަލްޕިންޑީގެ އަބްދުއްރަޝީދު އޭނާގެ އަންހެން ދަރިފުޅު މީގެ ގާތްގަނޑަކަށް ދެ އަހަރު ކުރިން ގޭގެ އެހީތެރިންގެ ގޮތުގައި ވަޒީފާ އަދާކުރަން ގެންގޮސްފައިވާ ކަމަށެެވެ.

ބައްޕަ ބުނީ ކުއްޖާއަށް އަނިޔާކޮށްފައިވަނީ ޗޮކްލެޓްއެއް ވަގަށް ނެގިކަމަށް ތުހުމަތުކޮށް ކަމަށެވެ.
އަދި އަނިޔާކޮށްފައިވަނީ ތޫނު ހަތިޔާރަކުން ކަމަށްވެސް ކުއްޖާގެ ބައްޕަ ބުންޏެވެ.

ގޭގެ ވެރިމީހާ އާއި އޭނާގެ އާއިލާއިން މި ކުއްޖާއަށް އަނިޔާކޮށްފައިވާއިރު، އަތްފައި އަދި މޫނަށް އެކިވަރުގެ އަނިޔާތައް ދީފައިވާކަމަށް ބައްޕަ ބުންޏެވެ. އަދި އޭނާގެ އަންހެން ދަރިފުޅު މަރުވީ އަނިޔާގެ ޝިކާރައަކަށްވެގެން ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ.

މި މައްސަލައާ ގުޅިގެން ވަޒީފާދިން މީހާ އާއި އޭނާގެ އަނބިމީހާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. އަދި މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށާއި، ކުށްވެރިންނަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

މި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި ކުޑަކުދިން ލައްވާ މަސައްކަތް ކުރުވުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ގޮވާލާފައިވެ އެވެ.

ޕާކިސްތާނުގައި ކުޑަކުދިން ލައްވާ މަސައްކަތް ކުރުވުމަކީ މަނާކަމެއް ނަމަވެސް، މިފަދަ ކަންކަން އަދިވެސް ހިނގަމުންދާކަން ފާހަގަކުރެވެ އެވެ. ހާއްސަކޮށް ނިކަމެތި އާއިލާތަކުގެ ކުދިން މިފަދަ ހާލަތްތަކަށް ވެއްޓެމުންދާކަން ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ފާހަގަކޮށްފައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!