ސިއްހީ ހޭލުންތެރިކަމުގެ ހަރަކާތެއް ރަސްފަންނުގައި، ކާއްޓޭއާއި މަޓޭ ވެސް ފެންނާނެ

މާލެ ސިޓީގެ ރަސްފަންނު ސަރަހައްދުގައި ކޮމީޑިއަން ނާޒިރު ޝިހާމް (ކާއްޓޭ) އާއި ހުސެން ޝާދު (މަޓޭ) ގެ ހެއްވާ މަޖާ ޝޯތަކާއެކު ސިއްހީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތަކެއް ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ހަމަޖައްސައިފި އެވެ.
މިއަދު އޭގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވި އެވެ. އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ) އާއި މާލެ ސިޓި ކައުންސިލް އަދި މާލެ ސިޓީ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އިންނެވެ.
މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި އެ ހަރަކާތްތައް އޮންނާނީ މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހުގަ އެވެ.
ސިއްހީ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމުގެ ހަރަކާތްތައް ގެންދާނީ ސަގާފީ ހަރަކާތްތަކަކާ އެކު ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.
ރަސްފަންނުގައި ހިންގާ އިތުރު ހަރަކާތްތަކަކީ:
- އަތްތެރި މަސައްކަތް ދައްކުވައިދޭ ސްޓޯލްތައް
- ކުޑަކުދިންގެ ހުނަރު ދައްކުވައިދޭ އަތްތެރި މަސައްކަތުގެ ސްޓޯލްތައް
- އަންނައުނު ވިއްކާ ސްޓޯލްތައް
- ކުޑަކުދިން ކުޅޭ ތަކެތި ވިއްކާ ސްޓޯލްތައް
- ދިވެހިން ތައްޔާރުކުރާ ޕޭސްޓްރީގެ އެކި ބާވަތްތައް ވިއްކާ ސްޓޯލްތައް
- އެކި ބާވަތްތަކުގެ ކާ ބޯތަކެތި ވިއްކާ ސްޓޯލްތައް
- ފޯރިގަދަ ސްޓޭޖް ޝޯތަކާއި ބޮޑުބެރު ހަރަކާތްތައް
މި ހަރަކާތައް ކުރިއަށް ގެންދަން ނިންމާފައިވާ ތާރީޚުތަކާއި ގަޑިތައް:
- ބުރާސްފަތި ދުވަހު – 16:00 އިން 18:00 އަށް އަދި 20:00 އިން 23:00 އަށް
- ހުކުރު ދުވަހު – 16:00 އިން 18:00 އަށް އަދި 20:00 އިން 23:00 އަށް