އިންޑިއާއި އެމެރިކާއާ ދެމެދު ބޮޑު ވިޔަފާރީގެ އެއްބަސްވުމެއް ނިމޭނެ: ޓްރޭޑް އެޑްވައިޒަރު

ޑޮނަލްޑް ޓްރަމްޕް ރައީސްކަމުގެ ދެވަނަ ދައުރުގެ ފުރަތަމަ އަހަރުގައި އިންޑިއާއި އެމެރިކާއާ ދެމެދު ބޮޑު ވިޔަފާރީގެ އެއްބަސްވުމެއް ކަނޑައަޅާނެކަމަށް އެމެރިކާގެ ސީނިއާ އެޑްވައިޒަރު ލަފާކޮށްފި އެވެ.
އެމެރިކާގެ ސީނިއާ އެޑްވައިޒަރު (ޓްރޭޑް) އަދި އެމެރިކާގެ ކުރީގެ އެސިސްޓެންޓް ޓްރޭޑް ރެފެރެޒެންޓޭޓިވި މާކް ލިންސްކޮޓް ވިދާޅުވީ ވިޔަފާރި އެއްބަސްވުންތަކެއް ކަނޑައެޅިގެންދާނެ ކަމަށް ލަފާކުރިނަމަވެސް އެ މަޝްވަރާކަށް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ.
އެމެރިކާގެ ކުރީގެ އެސިސްޓެންޓް ޓްރޭޑް ރެފެރެޒެންޓޭޓިވި މާކް ލިންސްކޮޓް ވިދާޅުވީ މި އެއްބަސްވުމަކީ ދެ ގައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކޮށް، އިގްތިސޯދީ ގޮތުން ދެ ގައުމަށްވެސް ފައިދާ ކުރާނެ އެއްބަސްވުމެއް ކަމުގައި ވެގެންދާނެ ކަމަށެވެ.
"މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ވިޔަފާރީގެ ދާއިރާތަކަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ. އަދި މިހާރު ހުރި ވިޔަފާރީގެ ހުރަސްތައް ނައްތާލުމަށް މަގުފަހިވެގެންދާނެ،"
މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ މެދުގައި މުދާ އަދި ހިދުމަތްތައް އެކްސްޕޯޓް އަދި އިމްޕޯޓް ކުރުމުގެ އިތުރުން، އިންވެސްޓްމަންޓް އަދި ޓެކްނޮލޮޖީ ދާއިރާގައިވެސް އެއްބާރުލުން އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމަށްވެސް މާކް ލިންސްކޮޓް ވިދާޅުވި އެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން އިންޑިއާ އަދި އެމެރިކާގެ ސަރުކާރުން ރަސްމީކޮށް އެއްވެސް ބަޔާނެއް އަދި ނެރެފައެއް ނުވެއެވެ. ނަމަވެސް، ދެ ގައުމުގެ މެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވެ އެވެ.
