ކޮވިޑް-19: ބަލިން ރަނގަޅުވި އިތުރު ދެ މީހަކު ދޫކޮށްލައިފި
ރާއްޖެއިން ކޮވިޑް-19 އަށް ފައްސި ވެގެން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރި ދެ މީހަކު އެ ބަލިން ރަނގަޅުވުމާއެކު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު ވިދާޅުވީ އެ ދެ މީހުންނަކީވެސް ސޭންޑީސް ޠަތަލާ ރިސޯޓުން ފައްސިވި ދެމީހުން ކަމަށެވެ. އެ މީހުން ދޫކޮށްލާފައިވަނީ މިއަދު ފުރައިގެންދާ އެމީހުންގެ ޤައުމަށް ދާގޮތަށް ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރު ޑރ. މުސާ މުރާދު ވިދާޅުވީ މި ދެމީހުންވެސް ދޫކޮށްލާފައިވަނީ ޑަބްލިއުއެޗްއޯ ގެ މިންގަނޑުތަކާ އެއްގޮތަށް ޓެސްޓް ކުރުމަށްފަހު ކަމަށެވެ. އެގޮތުން މިދިޔަ މަހުގެ 18 ވަނަ ދުވަހު އެ ދެމީހުން ބައްޔަށް އަލުން ޓެސްޓު ކޮށްފައިވާކަމަށާއި އަދި މިމަހުގެ 1 ވަނަ ދުވަހުވެސް ޓެސްޓުކޮށް ނަތީޖާ ނައްސިވުމާ ގުޅިގެން ދޫކޮށް ލީކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އައިޖީއެމްޗްގައި ބާއްވާފައިވާ އަނެއް މީހާވެސް ބައްޔަށް ޓެސްކުރުމަށްފަހު ނައްސި ވެއްޖެނަމަ ދޫކޮށްލާނެކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.
ކޮޥިޑް-19އަށް ރާއްޖެއިން 19 މީހަކު ފައްސިވެފައިވާއިރު އޭގެ ތެރެއިން 13 މީހަކު މިހާރު ވަނީ ރަނގަޅުވެފައެވެ. އެންމެ ފަހުން ފައްސިވި ހަތަރު ދިވެއްސަކަށް އަދިވެސް އަންނަނީ ފަރުވާ ދެމުންނެވެ.