ރޯދަ މަހަށް ހަނދު ބެލުން މި މަހު 28 ގައި

ކުރިއަށް އޮތް ރޯދަމަހަށް ހަނދު ބެލުން މި މަހުގެ 28 ވަނަ ދުވަހު އޮންނާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.
ޑީޖޭއޭ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ހަނދާ ގުޅޭ ކަންކަމުގައި ވަކި ގޮތެއް ނިމެންދެން މި މަހުގެ 28 ވާ ހުކުރު ދުވަހުގެ ހަވީރު 5:30 އިން ފެށިގެން އެ އިދާރާ އާއި ރަށްރަށުގެ ކޯޓުތަކާއި ރަށު ކައުންސިލުގެ އިދާރާތަކާއި އަތޮޅު ކައުންސިލުގެ އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށެވެ.
ޑީޖޭއޭއިން ބުނީ ހަނދު ފެނިގެން އެ މައުލޫމާތު ދޭއިރު ގާތްގަޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މި ނޫން ވެސް މިފަދަ މުހިންމު މައުލޫމާތު ދޭން ޖެހޭ ކަމަށެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރު ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މާޗު މަހުގެ 1 ވަނަ ދުވަހެވެ.