އައިލެންޑް އެކްސްޕާޓްގެ އުޅަނދުތަކުގެ މައުލޫމާތު މަޖިލީހުން ހޯދައިފި

ހުޅުމާލޭގައި ފުލުހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިން ހިންގި ހައުސިން ޔުނިޓު (ބްލޫ ހައުސިން ޕްރޮޖެކްޓު) ގެ މަސައްކަތަށް އެތެރެކުރި އުޅަނދުތަކެއް ގެއްލުނު މައްސަލައާ ގުޅިގެން، އައިލެންޑް އެކްސްޕާޓް ކުންފުނީގެ އުޅަނދުތަކުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ހޯދައިފި އެވެ.
އެ ސިޓީގެ ކޮޕީއެއް "ދެން" އަށް ލިބިފައިވާއިރު މާލިއްްޔަތުން ކޮމިޓީން އެދުނީ އައިލެންޑް އެކްސްޕާޓްގެ ނަމުގައި ޖެނުއަރީ 01، 2016 އިން ޑިސެމްބަރު 31، 2021 ގެ ނިޔަލަށް ޓްރާންސްޕޯޓު މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ އެއްގަމުގައި ދުއްވާ އުޅަނދުތަކާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ މައުލޫމާތާއި، އެ އުޅަނދުތަކުގެ ރަޖިސްޓްރީތަކުގެ ކޮޕީ ހިއްސާކޮށް ދިނުމަށެވެ.
އެދުނު ލިޔުންތައް މިއަދު ލިބިފައިވާކަން އެ ކޮމިޓީގެ މެންބަރަކު ވަނީ "ދެން" އޮންލައިން އަށް ޔަގީންކޮށްދީފަ އެވެ. އެކަމުގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
ފުލުހުންގެ ފްލެޓް މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 13 ބުރީގެ 3 ޓަވަރުގެ ކޮންސްޓްރަކްޝަން މަސައްކަތް 2013 ވަނަ އަހަރު ހަވާލުކުރީ ނޫމަޑި އާ އެވެ. އެކަމަަކު އޭގެ ފަހުން އައިލެންޑް އެކްސްޕާޓް ހަވާލުކުރި އެވެ.
އައިލެންޑް އެކްސްޕާޓާ އެކުވި އެއްބަސްވުމަށް އެކި ފަހަރުމަތިން ބަދަލުތަކެއް ގެނެސް، އަގަށް ވެސް ބަދަލު ގެނަ އެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ފުރިހަމަ ނުކޮށްގެން 2021 ވަނަ އަހަރު ޕޮލްކޯއިން އެ އެއްބަސްވުން ވެސް އުވާލި އެވެ.
އެ ހުރިހާ އެއްބަސްވުންތަކެއް އުވާލަން ހެދި "ސެޓްލްމަންޓް އެއްބަސްވުންތަކުން" ނުނިމި ހުރި މަސައްކަތްތައް ނިންމަން މަޝްރޫއު ސަރުކާރުގެ ދަށަށް ބަދަލުކުރި އެވެ. އެއަށްފަހު އެ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ހައުސިން މިނިސްޓްރީން އަމީން ކޮންސްޓްރަކްޝަނަށް މަސައްކަތް ހަވާލުކުރި އެވެ.
އޮޑިޓު އޮފީހުން އާންމުކުރި ރިޕޯޓުގައި ބުނި ގޮތުގައި މަޝްރޫއަށް އޮޑިޓު ކުރެވުނު ތާރީހުގެ ނިޔަލަށް 1.06 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމުގަ އެވެ. އެއީ ފިނޭންސް މިނިސްޓްރީގެ ޓެންޑަ އިވެލުއޭޝަން ބޯޑުން ހޯދި މައުލޫމާތުތަކާއި އަމިއްލަ ފަރާތްތަކުގެ ކޮންސްޓްރަކްޝަން މަސައްކަތްތަކުގެ އަގުތަކަށް ބަލާއިރު، މަޝްރޫއަށް 354.7 މިލިއަން ރުފިޔާ އާއި މަދުވެގެން 240.1 މިލިއަން ރުފިޔާގެ އިތުރުވުމެއްކަން ފާހަގަކޮށްފައިވެ އެވެ.