ކޯޕަރޭޓް މޯލްޑިވްސްގެ ބިޒްވީކްއަށް ރަޖިސްޓްރީވާން ހުޅުވާލައިފި

ކޯޕަރޭޓް މޯލްޑިވްސްގެ ފަރާތުން ބާއްވާ ފްލެގްޝިޕް އިވެންޓް ، "ބިޒްވީކް" އަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރަޖިސްޓްރީވާން ޖެހެނީ އޮންލައިންކޮށެވެ.
ކޯޕަރޭޓް މޯލްޑިވްސް އިން އަހަރަކު އެއްފަހަރު ބާއްވާ މި އިވެންޓް މި އަހަރު އޮންނާނީ މޭ މަހުގެ 14 އިން 15 އަށެވެ. މި އިވެންޓަކީ އެއްތަނެއްގައި އެތައް ސަތޭކަ ފިޔަފާރިތަކާއި، ނިންމުންތައް ނިންމާ ފަރާތްތަކާ ދެމެދު ގުޅުންތައް ގާއިމުކޮށްދިނުމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ބާއްވާ އިވެންޓެކެވެ. އިވެންޓް ކުރިއަށްދާނީ ކުރިއާލާ ރެޖިސްޓްރީކޮށް ބައްދަލުވުންތައް ޝެޑިއުލްކުރެވިގެންނެވެ. މި އިވެންޓްގައި 5،000 އަށް ވުރެ ގިނަ ޕްރީ ޝެޑިއުލް ބައްދަލުވުންތައް ކުރިއަށް ދާނެ އެވެ.
ބިޒްވީކްގެ ތެރެއިން "ސީއީއޯ ސަމިޓް" ވެސް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ ބޮޑެތި އަދި ފުންނާބު އުސް ވިޔަފާރިވެރިން އެއްތަނަކުން އެއްވެ، އިޤްތިޞާދީ ކުރިއެރުމާއި، ޤައުމީ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމަށް ޒަމާނީ ސްޓްރެޓެޖީތައް ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޯޕަރޭޓް މޯލްޑިވްސް ބިޒްވީކްގައި 100 އަށްވުރެ ގިނަ ވިޔަފާރިއާއި އެކި ދާއިރާތަކުން 2000 އަށްވުރެ ގިނަ ޕްރޮފެޝަނަލުން ބައިވެރިވެ، ގުޅުންތައް ބަދަހިކުރުމަށް ފުރުސަތު ހުޅުވާލެވިގެންދާ އިރު ވިޔަފާރީގެ އައު ފުރުޞަތުތައް ތަނަވަސްކުރުމަށް ވެސް މިއީ މުހިންމު އިވެންޓެކެވެ.
ބިޒްވީކަކީ ކޯޕަރޭޓް މޯލްޑިވްސްއިން އުފެއްދުންތެރިކަމަށް ދޭ އަހައްމިއްޔަތުކަމާއި، ވިޔަފާރީގެ ހަރުދަނާ އަދި ގުޅިލާމެހިފައިވާ ވިއުގައެއް ބިނާކުރުމަށް ކޯޕަރޭޓް މޯލްޑިވްސްއިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ބާއްވާ ބީޓުބީ ނެޓްވޯކިންގ އިވެންޓެކެވެ. ބިޒްވީކްގެ އާ ސިފަތަކާ އެކު ކޯޕަރޭޓް މޯލްޑިވްސްގެ އަމާޒަކީ ވާދަވެރި މާކެޓް ލޭންޑްސްކޭޕްގައި ވިޔަފާރިތަކަށާއި ޕްރޮފެޝަނަލުންނަށް ކުރިއެރުމަށް ހަރުދަނާ އަދި މުހިންމު ޕްލެޓްފޯމެއް ފޯރުކޮށްދިނުމެވެ. މި އިވެންޓްގެ ތެރެއިން ވިޔާފާރީގެ ގުޅުންތައް ބަދަހިކުރުމާއި މާކެޓް ހޯދުމަށް ފުރުސަތު ތަނަވަސްވެގެންދާނެއެވެ.
ކޯޕަރޭޓް މޯލްޑިވްސް އިން ވަނީ ބިޒްނަސް ނެޓްވޯކިންގ ޕޯޓަލްއެއް ވެސް ތައާރަފްކޮށްފައެވެ. މިއީ ރާއްޖޭގެ ވިޔަފާރިވެރިންގެ ޑައިނަމިކް ހަބެއްގެ ގޮތުގައި މަސައްކަތް ކުރާނެ ޕޯޓަލްއެކެވެ. މިއީ އެކި ކަހަލަ ވިޔަފާރިތައް އެއް ތަނަކުން ފެންނަ ގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލްއެކެވެ.
މިޕޯޓަލް މެދުވެރިކޮށް ވިޔަފާރިތަކުގެ މައުލޫމާތަކުގެ އިތުރުން ވަޒީފާތަކަށް ޕްރޮފެޝަނަލް މީހުން ހޯދުމަށާއި އެފަދަ ވަޒީފާތައް ހޯދުމަށް ވެސް ފުރުސަތު ހުޅުވިފައިވާ ޕޯޓަލްއެކެވެ. ވިޔަފާރިތަކަށާއި ޕްރޮފެޝަނަލް ފަރާތްތަކަށް މި ޕޯޓަލްގައި ހިލޭ ރެޖިސްޓްރީކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.