މަޖިލީހުގެ ކުރީގެ މެންބަރު މެޓްރިކްސް މުހައްމަދުގެ ގެ އަނދައި ހުލިވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މުހައްމަދު) ދިރިއުޅޭ ގޭގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި ގެ އަނދައި ހުލިވެއްޖެ އެވެ.
އައްޑޫ ސިޓީ ހިތަދޫގައި ހުންނަ 'ގާލަންޑް' ނަމަކަށް ކިޔާ ގޭގައި އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް ލިބުނީ ރޭ ފަތިހު ފަހެއް ޖަހާއިރު ކަމަށް ދިވެހި ސިފައިން ބުންޏެވެ. ސިފައިންނަށް އަލިފާން ނިއްވާލެވުނީ ހެނދުނު އަށެއް ޖަހާކަށް ހާއިރެވެ.
މެޓްރިކްސް މުހައްމަދު ފޭސްބުކް ޕޯސްޓެއްގައި ލިޔުއްވި ގޮތުގައި ގޭގައި އުޅޭ އެންމެން ވެސް ސަލާމަތްވެފައިވާ ކަމަށެވެ. ނަމަވެސް ގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.
"މުޅި ގެ އަނދައި ހުލިވެއްޖެ، އެއްވެސް އެއްޗެއް ސަލާމަތެއް ނުވޭ، މީހުން އެކަމަކު ސަލާމަތް ކުރެވުނު،" މުހައްމަދު ވިދާޅުވި އެވެ.
މުހައްމަދު މަޖިލީސް މެންބަރަކަށް އުޅުއްވީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގަ އެެވެ. އެމްޑީޕީގެ މެންބަރެކެވެ.
އޭގެ ފަހުން 19 ވަނަ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތް ފަހުން އަލުން އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވާން ފެށީ މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭންނެވެ.