މޫނު އަލިކޮށްލާ ރީތި ކޮށްލުމަށް މިވަރެއް ނެތް!
ރީތި ސާފު މޫނެއް ލިބުމަކީ ކޮންމެ މީހަކު ވެސް ވަރަށް ބޭނުން ވާނެ ކަމެކެވެ. އަގު ބޮޑެތި ކްރީމް ތަކާއި ފޭސް ވޮޝްތައް ބޭނުން ކޮށްގެން ވެސް އެދެވޭ ނަތީޖާއެއް ނުލިބޭ ކަމީ ފާހަގަކޮށްލަން ޖެހޭ ކަމެކެވެ.
މޫނު ރީތިކޮށްލުމަށް ކޮންމެހެން އަގުބޮޑެތި ކްރީމްތަކާއި ކެމިކަލް ހުންނަ އުފެއްދުންތައް ބޭނުން ކުރާކަށް ނުޖެހެއެވެ. އޭގެ ބަދަލުގައި މިއީ ގޭގައި ހުންނަ ބައެއް ތަކެތިން ވެސް ކޮށްލެވިދާނެ ކަމެކެވެ. މިފަދަ އެކައްޗަކީ ހަނޑުލެވެ. ފަސޭހައިން ލިބެން ހުންނަ އެއްޗަކަށް ވުމުގެ އިތުރުން ހަނޑުލުގެ ބޭނުން ކޮށްގެން ރީތިކަން ދަމަހައްޓާނަމަ ހަންގަނޑު އޮމާންވެ މަޑުވެ އަލި ވާނެއެވެ.
އާންމު ގޮތެއްގައި ހަނޑޫ ބޭނުން ކުރަނީ ހަނޑޫ ފުށުގެ ގޮތުންނާއި ހަނޑޫ ފެނުގެ ގޮތުގައެވެ. ނުކައްކާ ހުރި ހަނޑޫ މުގުރުމުން ހުންނަނީ ހަނޑޫފުށް ހެދިފައެވެ. ހަނޑޫފުށުގެ ތެރެއަށް ފެން ނުވަތަ ކިރު އެޅުމުން އެހެދުނީ މާސްކް އެކެވެ. ހަނޑޫ ފެނަކީ އެންމެ ފުރަތަމަ ހަނޑޫ ދޮންނައިރު ނަގާ ފެނެއެވެ. އާންމުކޮށް މި ފެނަކީ އުކާލާ ފެނެވެ. ނަމަވެސް މި ފެނަކީ ހަމަށް ވަރަށް ފައިދާ ކުރާ ނިއުޓްރިއަންޓްސް ހިމެނޭ ފެނެކެވެ.
ހަނޑޫ ފެނުން ޓޯނަރ އެއް ހަދާނެ ގޮތް:
ހަނޑޫ ފެނުން މޫނު ދޮވުމުން މޫނު ސާފުވެ އުޖާލާކޮށްދެ އެވެ. މަހެއްހައި ދުވަހުގެ ތެރޭގައި މޫނަށް އަންނަ ބަދަލު އަމިއްލަ އަށް ފާހަގަވެ މޫނުގެ ކުލަ އަލިވާކަން އެނގޭނެ އެވެ.
• ރީތި ތައްޓެއްގެ ތެރެއަށް ހަނޑުލާއި ފެން އަޅާށެވެ. (ބްރައުން ރައިސް ނުވަތަ ބާސްމަތީ ހަނޑޫ ނުވަތަ ހަރު ހަނޑޫ ވެސް ބޭނުން ކުރެވިދާނެއެވެ.)
• އަތުން ހަނޑޫތައް ސާފު ކުރާގޮތަށް ފެނުގައި މޮޑެލާށެވެ.
• ފެން ނުސާފު ވުމުން އެހެން ތައްޓަކަށް ފެންތައް ފުރާނާލާށެވެ.
• ފުރާނާލި ފެނުން މޫނު ދޮވެލާށެވެ. (މޫނު ދޮވުމުގެ ކުރިން ރަނގަޅީ ސްކްރަބް އެއް ބޭނުން ކޮށްގެން މޫނު އެކްސްފޯލިއޭޓް ކޮށްލުމެވެ. އޭރުން ހަނޑޫފެން މޫނަށް ވަންނަން ފަސޭހަވާނެއެވެ). އަދި ބޮޑަށް ރަނގަޅީ ތުވާލިން ފެންތައް ހިއްކުމުގެ ބަދަލުގައި އަމިއްލައަށް ފެންތައް ހިކެންދެން މޫނުގައި ބެހެއްޓުމެވެ.
• މި ގޮތަށް ހަފްތާއަކު އެއްފަހަރު ހަދާނަމަ މަސްދުވަސް ތެރޭގައި ހަމަށް އަންނަ ބަދަލު އަމިއްލަ އަށް ދެނެގަނެވޭނެ އެވެ. ހަމުގެ ކުލަ އަލިވެ ހަންގަނޑު މަޑުވެ ސާފު ވާނެއެވެ. އިތުރު ވެފައި ހުންނަ ފެން ފުޅިއަކަށް އަޅާފައި ފްރިޖްގައި ވެސް ބެހެއްޓިދާނެއެވެ.
ހަނޑޫފުށުން މާސްކެއް ހަދާނެ ގޮތް:
• ހަނޑޫފުށް ހެދުމަށް ހަނޑޫކޮޅެއް މިކްސްޗަރަށް އަޅައި ހިމުންކޮށް ފުނޑާލާށެވެ (މި ގޮތަށް ހަނޑުލުން ޓޯނަރ ހަދަން ބޭނުންކުރި ހަނޑޫތައް ވެސް ބޭނުން ކުރެވިދާނެއެވެ.)
• ހަނޑޫފުށުގެ ތެރެއަށް ކިރުކޮޅެއް އަޅާށެވެ. ޕޭސްޓެއް ހެދޭ ވަރަށެވެ. ހިކި ކިރު އަޅާކަމުގައި ވަނީ ނަމަ "ރޯސްވޯޓަރ" ނުވަތަ އާދައިގެ ފެންފޮދެއް އަޅައިގެން ޕޭސްޓް ހެދިދާނެއެވެ. (އަދި ޔޯގަޓް ނުވަތަ މާމުއި ވެސް ބޭނުން ކުރެވިދާނެއެވެ)
• މޫނާއި ކަރުގައި މި ހެދުނު ޕޭސްޓް ހޭކުމަށްފަހު 20 ނުވަތަ 30 މިނިޓް ބަހައްޓާފައި ތާފަނާ ފެނުން ދޮވެލާށެވެ.
• މި މާސްކް ވެސް ހަފުތާއަކު އެއްފަހަރު ބޭނުން ކުރެވިދާނެއެވެ. އަދި ބޭނުމިއްޔާ ދެރެއިން އެއްރޭ ނުވަތަ ކޮންމެ ދުވަހަކު ފަހެއް ނުވަތަ 10 މިނިޓް ވަންދެން މާސްކް ހާކައިގެން ހުރެފައި ދޮވެލެވިދާނެއެވެ.
މި ޕޭސްޓްގެ ސަބަބުން މޫނުގެ ކުލަ އަލިވެ ދޮންވުމުގެ އިތުރުން ހަންގަނޑު މަޑުވެ ރޫތައް ވެސް ފިލާނެއެވެ.