ކުލި ނުދެއްކިގެން ރަށަށް ދާންޖެހުމަކީ ހައްލެއް ނޫން: ޣައްސާން
މާލެ އަކީ އެންމެންގެ ރަށެއް ކަމަށާއި ކުލި ނުދެއްކިގެން ރަށްރަށަށް ދާންޖެހުމަކީ ހައްލެއް ނޫން ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ތ.ގުރައިދޫ ދާއިރާ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާން މިހެން ވިދާޅުވެފައި މިވަނީ މިވަނީ މާލެ އަދި ހުޅުމާލޭގައި ކުއްޔަށް ދިރިއުޅެމުންދާ ރައްޔިތުން ކުލި ނުދެއްކިގެން މަގުމަތި ނުވަނީސް، އެމީހަކު އަމިއްލަ ރަށަށް ދިޔުމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ގޮވާލައްވާފައި ވަނިކޮށެވެ.
އެކަމާ ގުޅިގެން ޣައްސާން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ އަކީ ހުރިހާ ދިވެހިންގެ ރަށެއް ކަމަށާއި، ކުލި ނުދެއްކިގެން ރަށްރަށަށް ދާންޖެހުމަކީ ހައްލެއް ނޫން ކަމަށެވެ.
"ގައުމީ ރޫހުގައި އެންމެން މަސައްކަތްކޮށްގެން ހައްލު ކުރުމުގެ ފެންވަރު ރާއްޖޭގައި އެބަހުރި" ޣައްސާން ވިދާޅުވިއެވެ.
Male’ akee hurihaa dhivehinge rasheh. Kuli nudhekkigen rah rashah dhaan jehumakee halleh noon. Gaumee roohuga enmen masahkaih koggen hallu kurumuge fanvaru Insha Allah mi raajjeyga eba huri.
— Mohamed Ghassan Maumoon (@mgmaumoon) April 3, 2020
މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، މެމްބަރު އީސާ ވިދާޅުވީ، ހާލުގައި ޖެހި އާއިލާ ނުބެލޭ ހިސާބަށް ކަންކަން ދިއުމުގެ ކުރިން ފަރުދީ ޒިންމާ އަދާކޮށް އަމިއްލަ ރަށަށް ބަދަލުވާން ޖެހޭ ކަމަށެވެ. އީސާ އިތުރަށް ވިދާޅުވީ، ކުއްޔަށް އެޕާޓްމެންޓް ދޭ ބައެއް ތަންތަނުގެ ވެރިން ކުލި ކުޑަކޮށްދިން ނަމަވެސް އަދިވެސް ބައެއް މީހުންނަށް ކުލި ދެއްކުމުގައި އުނދަގޫތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.
އީސާގެ މި ވާހަކައަށް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔައި ވާހަކަ ދައްކަމުންނެވެ. އެގޮތުން ގިނަ މީހުން ބުނެފައި ވަނީ އީސަގެ ވާހަކަފުޅަކީ ނިކަމެތި ރައްޔިތުން އިތުރަށް ނިކަމެތި ކޮށްލަން ދެއްކި ވާހަކައެއް ކަމަށާއި މިހާރު ކުރަން ޖެހިފައި އޮތް ކަމަކީ މާލޭގައި ދިރިއުޅެން މަޖުބޫރު ވެފައިވާ މީހުންނަށް ވެސް ރަނގަޅު ގޮތެއް ހޯދައިދިނުން ކަމަށެވެ.