ޚަބަރު ވިޔަފާރި

ރޯދައަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައި އެމްޕީއެލްގެ އޮޕަރޭޝަންތައް ހަލުވި ކުރަނީ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ރޯދަ މަހަށް ހާއްސަކޮށް ބޯޓުތަކުން ގެންނަ މުދާ ހުސްކުރުމުގެ މަސައްކަތް ހަލުވި ކުރުމުގެ ގޮތުން ވަގުތީ ގޮތުން މުވައްޒަފުން ނަގާފައިވާ ކަމަށް މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

Ads by Hajj Corporation

މި ފެށޭ ރޯދަ މަހުގެ މުދާ ދޫކުރުމުގެ މަސައްކަތް ކުރުމަށް ރޭވިފައިވާ ގޮތް ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޯޓް ޑިޕާޓްމެންޓްގެ ހެޑް އިލްޔާސް މުހައްމަދު ވިދާޅުވީ ރޯދަ މަހަށް ހާއްސަކޮށްގެން މަސައްކަތް އަވަސްކުރުމުގެ ގޮތުން ވަގުތީ ގޮތުން 19 މުވައްޒަފުން ކާގޯ ވެސެލްތަކަށް ހާއްސަކޮށް ނަގާފައިވާ ކަމަށެވެ.

އާންމުކޮށް ކޮންޓެއިނާ ވެސެލްތަކާއި ޖެނެރަލް ވެސެލްތައް ޖެއްސި ނަމަވެސް، މިހާރު ދެ ވެސެލް އެއްކޮށް ގާތްގަނޑަކަށް 10 ވަރަކަށް ވެސަލް ޖައްސާކަން އިލްޔާސް ފާހަގަކުރި އެވެ. އިލްޔާސް ވިދާޅުވީ "ޝެޑިއުލް ވައިސް" ނޫން ކޮށް ޝިޕިން އެޖެންޓުން މުދާ ގެންނާތީ ބޯޓުތައް އަންނަނީ އެއްފަހަރާ ކަމަށެވެ.

"ދެން މި ޝެޑިއުލް ވައިސްކޮށް ގެނެއްސިއްޔާ ވަރަށް ފަސޭހަކަމާ އެކު އެކަން ކުރެވިދާނެ. އެހެންނަމަވެސް މިހާރު އެޖެންޓުންނަށް ވެސް ގެނެވިއްޖެ. ބޯޓުތައް އަންނަނީ ވެސް އެއްފަހަރާ. ގާތްގަނޑަކަށް 10 ބޯޓު އެއްފަހަރާ އަންނަ ދުވަސްތައް ވެސް ދޭ،" އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ ކުރިއަށް އޮތް 3 މަހަށް ވަގުތީ ގޮތުން ނެގި މުވައްޒަފުން މަސައްކަތް ކުރާނީ ބޯޓުތަކުން މުދާ ހުސްކުރުމަށް ކަމަށެވެ. ރޯދަ މަހު މަސައްކަތުގެ ވަގުތު ކުޑަ ނަމަވެސް އެމްޕީއެލް މުވައްޒަފުން އިތުރު ވަގުތު މަސައްކަތް ކުރާނެ ކަމަށެވެ.

އެ ފިޔަވަޅު އެޅީ އެއްވެސް ދަތި ކަމެއް ނެތި ރޯދަ މަހު އާންމުންނަށް ބޭނުންވާ އަސާސީ މުދާ އަދި ކާބޯތަކެތި ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް ފާހަގަކުރި އެވެ.

ރޯދަ މަހު ހުކުރު ދުވަސް ފިޔަވައި ހަފުތާގެ ހުރިހާ ދުވަހަކު މުދާ ދޫކުރާ ގަޑިތައް ހިއްސާކުރަމުން ކާގޯ ކްލިއަރެންސްގެ ހެޑް އަހްމަދު ނާޒިމް ވިދާޅުވީ ކާގޯގެ ވެސް "ޑެއިލީ އެކްސްޕްރެސް" އަދި "ނޯމަލް އެކްސްޕްރެސް" ހިމެނޭ ކަމަށެވެ.

ޕޯޓުގެ މައި ބަނދަރުން ކޮންމެ ހަފުތާއެއްގެ ހޮނިހިރުން ފެށިގެން ބުރާސްފަތި ދުވަހަށް ނޯމަލް އެކްސްޕްރެސް ނޯޓް ކުރެވޭނެ ގަޑިތަކަކީ ރޭގަނޑު 8:00 އިން ފެށިގެން ޖެހިގެން އަންނަ ދުވަހުގެ 10:30 އަށް ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ޑެއިލީ އެކްސްޕްރެސް ނޯޓް ކުރެވޭނީ ހެނދުނު 9:15 އިން މެންދުރު 1:00 އަށް ކަމަށެވެ.

ނާޒިމް ވިދާޅުވީ ޑެލިވަރީ އޯޑަރު އޮންލައިންކޮށް ނަގަމުން ދާނީ ހުކުރު ދުވަސް ފިޔަވާ އެހެން ދުވަސްތަކުގެ ހެނދުނު 9:15 އިން ފެށިގެން މެންދުރު 1:00 އަށް ކަމަށެވެ. އަދި ރޭގަނޑު 9:15 އިން ފެށިގެން 10:30 އަށް ވެސް ޑެލިވަރީ އޯޑަރު ނަގަމުންދާ ކަމަށެވެ.

"ދެން އަޅުގަނޑުމެން ކޮންމެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަކަށް މި އިންނަނީ 150 ޓީއީޔޫސް. އެއީ ހަމަ އީކުއަލް ކޮންޓެއިނާ ދޫކުރަން މި ފެށީ. ދެން މިސާލަކަށް މި އަންނަނީ 27 ވިލޭރޭ ކަހަލަ ރޭރޭ، އަޅުގަނޑުމެން ބަންދުވާނެ. މިކަހަލަ ދުވަސް ދުވަހު މި އިންނަނީ 100 ޓީއީޔޫސް. އެއީ ބޮޑު ކޮންޓެއިނާ ނޫނީ 40 ފޫޓު ވެއްޖިއްޔާ ދެބައިކުޅަ އެއްބައި،" ނާޒިމް ވިދާޅުވި އެވެ.

އޮންލައިން ޝިޕްޓިންއަށް ރިކުއެސްޓް ކުރަން ފެށޭ ގަޑި އަދި ނިމޭ ގަޑި:

  • ހޮނިހިރު - ބުރާސްފަތި: ހެނދުނު 10:00 އިން ފެށިގެން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 09:00 އަށް

މާލެ ކޮމާޝަލް ހާބަރުން ކްލިއާކުރާ މުދާ ދޫކުރާ ގަޑިތައް:

  • ހުކުރު ދުވަސް ފިޔަވާ އެހެން ދުވަސްތަކުގެ ހެނދުނު 9:15 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 9:15 އިން ފެށިގެން 1:30 އަށް

ނާޒިމް އިތުރަށް ވިދާޅުވީ މި ގަޑިތަކާ އެއްގޮތަށް ހުޅުމާލެ ޓާމިނަލުން ވެސް ހިދުމަތް ދެމުންދާނެ ކަމަށެވެ. އަދި ކޮންމެ ނަމާދަކަށް ބަންގި ގޮވާ ވަގުތުން ފެށިގެން 20 މިނެޓުގެ ބްރޭކެއް މުވައްޒަފުންނަށް ދޭނެކަން ވެސް ފާހަގަކުރި އެވެ.