ޚަބަރު

ކުލި ނުދެއްކޭ މީހާ ރަށަށް ދާން ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ޝަހީމް

ދެން އެމްވީ

ކުލި ނުދެއްކޭ މީހާ ރަށް ދާން ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވެފައި މިވަނީ މިވަނީ މާލެ އަދި ހުޅުމާލޭގައި ކުއްޔަށް ދިރިއުޅެމުންދާ ރައްޔިތުން ކުލި ނުދެއްކިގެން މަގުމަތި ނުވަނީސް، އެމީހަކު އަމިއްލަ ރަށަށް ދިޔުމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ގޮވާލައްވާފައި ވަނިކޮށެވެ.

ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަތޮޅުތަކުން ރައްޔިތުން މާލެ އައިސް ކުލި ދައްކައިގެން ދިރިއުޅެނީ ތައުލީމާއި ސިއްހަތާއި ވަޒީފާ ފަދަ ޒަރޫރީ ކަންކަމަށްޓަކައި ކަމަށެވެ.

"ކާރިސާއާ ގުޅިގެން ކުލި ކުޑަކުރި ފަރާތްތަކަށް ﷲގެ ހެޔޮ ޖަޒާ ދެއްވާށި، އާމީން" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް އިތުރަށް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަޅާފައިވާ ފްލެޓްތައް މި ދަނޑިވަޅުގައި އަވަސް ގޮތަކަށް އޭގެ ހައްގުވެރިންނަށް ދެއްވަން ޖެހޭ ކަމަށެވެ. އެއީ މިހާރު ކުރިމަތިވެފައިވާ ހާލަތަށް އިޖުތިމާއީ ރަނގަޅު ހައްލެއް އަންނާނެ ކަމެއް ކަމަށް ދެކޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، މެމްބަރު އީސާ ވިދާޅުވީ، ހާލުގައި ޖެހި އާއިލާ ނުބެލޭ ހިސާބަށް ކަންކަން ދިއުމުގެ ކުރިން ފަރުދީ ޒިންމާ އަދާކޮށް އަމިއްލަ ރަށަށް ބަދަލުވާން ޖެހޭ ކަމަށެވެ. އީސާ އިތުރަށް ވިދާޅުވީ، ކުއްޔަށް އެޕާޓްމެންޓް ދޭ ބައެއް ތަންތަނުގެ ވެރިން ކުލި ކުޑަކޮށްދިން ނަމަވެސް އަދިވެސް ބައެއް މީހުންނަށް ކުލި ދެއްކުމުގައި އުނދަގޫތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.

އީސާގެ މި ވާހަކައަށް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔައި ވާހަކަ ދައްކަމުންނެވެ. އެގޮތުން ގިނަ މީހުން ބުނެފައި ވަނީ އީސަގެ ވާހަކަފުޅަކީ ނިކަމެތި ރައްޔިތުން އިތުރަށް ނިކަމެތި ކޮށްލަން ދެއްކި ވާހަކައެއް ކަމަށާއި މިހާރު ކުރަން ޖެހިފައި އޮތް ކަމަކީ މާލޭގައި ދިރިއުޅެން މަޖުބޫރު ވެފައިވާ މީހުންނަށް ވެސް ރަނގަޅު ގޮތެއް ހޯދައިދިނުން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!