ފަނޑިޔާރުންގެ ބިލަށް ޕީއެންސީގެ ހުރިހާ މެންބަރުން ތާއިދުކުރަން އަންގައިފި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށް ބެންޗުގެ އަދަދު ފަހަކަށް ބަދަލުކުރަން ޖެހޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަ ބިލަށް ޕީއެންސީގެ ހުރިހާ މެންބަރުން ތާއިދުކުރަން ޕީއެންސީގެ ޕާލަމަންޓަރީ ގްރޫޕު (ޕީޖީ) ލީޑަރު އިބްރާހިމް ފަލާހު މިރޭ އަންގަަވައިފި އެވެ.
އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވާއިރު، ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު (ސަޓޯ) އެވެ. އަބްދުއްސައްތާރު، ބިލު ހުށަހެޅުއްވީ އަމިއްލަ ހައިސިއްޔަތުންނެވެ.
ޕީއެންސީ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަކަށް މިރޭ ފޮނުވި މެސެޖެއްގައި ފަލާހު ވަނީ މާދަމާ އޮންނަ އެ ބިލުގެ އިބްތިދާއި ބަހުސް ގައި ޕީއެންސީގެ ހުރިހާ މެންބަރުން ބިލާ އެއްކޮޅަށް ވާހަކަ ދައްކަން އެދިވަޑައިގެންފަ އެވެ. އަދި ބިލަށް ވޯޓުދެއްވަންވެސް ފަލާހުގެ މެސެޖުގައި އެދިވަޑައިގެންފައިވެ އެވެ.
"...ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް، ހުރިހާ މެންބަރުންވެސް މި ބިލަށް ތާއިދުކޮށްދެއްވައި، ބަހުސް މަރުހަލާގައިވެސް ބިލަށް ތާއިދުކޮށް ވާހަކަފުޅު ދެއްކެވުން އެދެން" ފަލާހު ވިދާޅުވި އެވެ.
ބިލަށް ތާއިދުކޮށް މެންބަރުން ގާތު ފަލާހު އެދިވަޑައިގެންފައިމިވަނީ، ބިލާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުންގެ ބައްދަލުވުމެއް ވެސް ބާއްވާފައި ވަނިކޮށެވެ.
- ބައްދަލުވުމުގައި ގިނަ މެންބަރުންތަކެއް ބިލާ ދެކޮޅަށް ވާހަކަ ދެއްކެވި
- ޕާޓީން ނެރޭ ވިޕްލައިނަށް އިހުތިރާމު ކުރުމަށް ގިނަ މެންބަރުން އެއްބަސްވި
- ކޮންމެ ގޮތަކަށް ވިޕްލައިން ނެރުނަސް ވޯޓު ނުދޭނެ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި
ޕީޖީ ގްރޫޕު ބައްދަލުވުމުގައި ފާޅުގައި ބިލާ ދެކޮޅަށް ވާހަކަ ދެއްކި މެންބަރުންގެ ތެރޭގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން، މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އަދި ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލުގެ އިތުރުން ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެއިން ޝަރީފް އެވެ.
ސައްތާރު ބިލުގެ ހުލާސާ
މިހާރު ސުޕްރީމް ކޯޓުގެ ބެންޗުގައި 7 ފަނޑިޔާރުން ތިއްބަވަ އެވެ. މެންބަރު ސައްތާރު ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް ބަދަލުކުރުމަށެވެ.
ވަކިކުރަން ޖެހޭ ދެ ފަނޑިޔާރުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަނޑައެޅުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖެހޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.
ބިލު ގާނޫނަކަށްވެ ގާނޫނަށް އަމަލުކުރަން ފަށާތާ 5 ދުވަސް ތެރޭގައި ޖޭއެސްސީން މަޖިލީހަށް ފޮނުވަން ޖެހޭނެ ކަމަށް ބިލުގައިވެ އެވެ. މަޖިލީހަށް އެ ހުށަހެޅުން ލިބޭތާ 7 ދުވަސް ތެރޭގައި ވަކިކުރުމާ މެދު މަޖިލީހުން ގޮތެއް ނިންމަން ޖެހޭނެ އެވެ.
މި ބިލު ހުށަހެޅިފައި މި ވަނީ، ސިޔާސީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން މި ފަހުން ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލްކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައި، އެ މައްސަލަ ކުރިއަށް ގެންދަން އެ ކޯޓުން ނިންމާފައި ވަނިކޮށެވެ.
މިހާރު ވެރިކަންކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުގެ ނިންމުމަކާ ދެކޮޅަށް ހުށަހަޅާފައިވާ އެ މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ 7 ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.
ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަން ހުށަހެޅިއިރު ބައެއް ފަނޑިޔާރުންގެ ވަކިކުރަން ސަރުކާރުން މަސައްކަތްކުރާ ކަމަށް އަޑު ފެތުރިފައި ވަނިކޮށެވެ. ސަރުކާރުން އޭރު ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ތާރީހު
ކޯޓުތަކުގެ ގާނޫނު ވުޖޫދުކުރިއިރު ސުޕްރީމް ކޯޓު އެންމެ ފުރަތަމަ އެކުލަވާލިއިރު ވެސް ފަނޑިޔާރުންގެ އަދަދަކީ ހަތެކެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން އެ އަދަދު ފަހަކަށް ތިރިކޮށް އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކިކުރި އެވެ.
މި ފަހަރު ވެސް މަޖިލީހަށް ހުށަހަޅާފައިވަނީ އެފަދަ ބިލެކެވެ.
މިހާރު އޮތް ގޮތަށް އަނެއްކާ ވެސް 7 ފަނޑިޔާރުންނަށް ބަދަލުކުރީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޭރު އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުންނެވެ. އޭގެ ފަހުގައި އޭރު ސުޕްރީމް ކޯޓުގައި ތިއްބެވި ހުރިހާ ފަނޑިޔާރުންގެ މައްސަލަ ބަލައި ވަކިކުރަން ޖޭއެސްސީން ނިންމައި މަޖިލީހަށް ފޮނުވައިގެން ވަކިކުރި އެވެ.
މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަކީ އޭރުގެ މަޖިލީހުން ރުހުން ދީ، އައްޔަންކޮށްފައިވާ ފަނޑިޔާރުންނެވެ.