ޚަބަރު

މެންބަރުންގެ ގޮނޑި ގެއްލުމާ ގުޅޭ މައްސަލައިގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް މާދަމާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓް. ދެން ފައިލް ފޮޓޯ

ޕާޓީން ވަކިވެއްޖެނަމަ މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް މާދަމާ ހެނދުނު 11:00 އަށް ތާވަލުކޮށްފި އެވެ.

Ads by STELCO

މި މައްސަލަ ހުށަހަޅާ ފަރާތުން އެދިފައިވަނީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމުގެ އެއްވެސް އަމަލެއް ހިންގިޔަ ނުދިނުމަށް ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް އަމުރެއް ނެރެދިނުމަށާއި، އިސާލާހާ ގުޅިގެން މިހާރު މަޖިލީހުގައި ތިބި އެއްވެސް މެންބަރަކާމެދު ފިޔަވަޅު އެޅުން ވަގުތީ ގޮތުން މަނާކުރުމަށެވެ.

ހުށަހަޅާފައިވާ މައްސަލައިގެ މައިގަނޑު އެދުމަކީ، މަޖިލީހުގެ މެންބަރަކު އިންތިހަބުވި ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހަކީ ގާނޫނުއަސާސީގެ އެކި މާއްދާތަކާ ހިލާފު، ބާތިލު އިސްލާހެއްކަމަށް ކަނޑައަޅައިދިނުމަށާއި، އެ އިސްލާހު މިހާރު ތިބި މެންބަރުންނަށް ތަތުބީގުކުރެވޭނެ އެއްޗެއް ނޫންކަމަށް ކަނޑައަޅައި ދިނުމެވެ.

ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅިފައިވަނިކޮށް، ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ބިލެއް މަޖިލީހުގައި ކުރިއަށްދާކަން ފާހަގަކުރެވެ އެވެ. އެގޮތުން، ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ބިލު މަޖިލީހުން ވަނީ ބަލައިގަނެ، ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފަ އެވެ.

މި ބިލަށް ވޯޓުދިނުމަށް ސަރުކާރުގެ ޕާޓީން ތުރީލައިން ވިޕެއް ނެރުނުނަމަވެސް، ދެ މެންބަރަކު އެ ވިޕާ ހިލާފުވެ، ވޯޓުގައި ބައިވެރިނުވިއެވެ. ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޕާޓީގެ ވިޕާ ހިލާފުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެފަ އެވެ.