އެންމެ 2 ދުވަހުގެ ތެރޭ، ހުރިހައި ކަމެއް ނިންމައި ފަނޑިޔާރުންގެ ބިލު ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ރައްޔިތުންގެ މަޖިލީހަށް ހުށަޙެޅި ބިލު އެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސައްތާރުގެ ބިލުގެ ފުރަތަމަ ކިޔުން ހޯމަ ދުވަހު އިއްވާފައިވާއިރު، އިއްޔެ އިން އިއްޔެއަށް ބިލު ބަހުސް ވަނީ ނިންމާލާފަ އެވެ. އަދި ރެއިން ރެއަށް ޖުޑިޝަރީ ކޮމިޓީން ވަނީ ބިލުފާސްކޮށްފަ އެވެ.
މަޖިލީހުގެ ވޯޓުން ސިސްޓަމަށް މައްސަލަ ޖެހިފައިވާތީ މިއަދުގެ ވޯޓުލުން ކުރިއަށް ދިޔައީ މެންބަރުން އަތް ނަގައިގެންނެވެ.
ވޯޓުލުމުގެ ކުރިން ނަން އިއްވައި އެމްޑީޕީގެ 3 މެންބަރަކު ވަނީ ތަޅުމުން ނެރެފަ އެވެ.
ފަނޑިޔާރުންގެ ބިލު ފާސްކުރަން ފެންނަ ކަމަށް ވޯޓުދެއްވީ 68 މެންބަރުންގެ ވޯޓުންނެވެ. އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 9 މެންބަރުންނެވެ.
އެ ބިލު ރޭ ކޮމިޓީން ފާސްކޮށްފައިވަނިކޮށް، ފިލްޒާ އެ ބިލާ ގުޅޭ ކަންބޮޑުވުންތައް ފާޅުކުރައްވައި ލިޔުމެއް ކޮމިޓީއަށް ފޮނުއްވާފައިވެ އެވެ. މި ކަމާ ގުޅިގެން މިރޭ ބޭއްވުނު ޖުޑީޝަރީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއްގައި، ފިލްޒާގެ ކަންބޮޑުވުންތަކާމެދު މަޖިލީހުގެ ތަޅުމުގައި ގޮތެއް ނިންމުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހުށަހެޅުއްވި އެވެ.
ފިލްޒާ ފޮނުއްވި ލިޔުމުގައި ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބެލުމަކާނުލައި ގާނޫނު ބަދަލުކޮށްގެން ފަނޑިޔާރުން ވަކިކުރުމަކީ އިންސާފުވެރި ގޮތެއްތޯ ސުވާލު އުފެދޭ ކަމަށެވެ. ފިލްޒާ ފާހަގަކުރައްވާފައިވާ ގޮތުގައި، ފަނޑިޔާރަކު މަގާމުން ވަކިކުރުމުގެ މަރުހަލާ ފެށެނީ، އެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅުމުން ނުވަތަ އެފަދަ ޝަކުވާއެއް ނުވަތަ ތުހުމަތެއް ޖޭއެސްސީއަށް ފޯރުމުންނެވެ.
އަދި، ބިލުގައި ގާބިލުކަން ނެތް ކަމަށް ކަނޑައަޅައި ޖޭއެސްސީން ވަކިކުރަން ނިންމާ ފަނޑިޔާރުންނަށް ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒުތައް ދިނުމަށް ބިލުގައި ބަޔާންކޮށްފައިވުމަކީވެސް ދެކޮޅު ނުޖެހޭ ކަމެއްކަމަށް ފިލްޒާ ވިދާޅުވެފައިވެ އެވެ. މިފަދަ އިނާޔަތްތަކަކީ ޝަރަފުވެރިކަމާއެކު ވަކިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކެއްކަން ގާނޫނުގައި ބަޔާންކޮށްފައިވާކަންވެސް އޭނާ ފާހަގަކުރައްވާފައިވެ އެވެ.
ސަޓޯގެ ބިލުގެ ހުލާސާ
މިހާރު ސުޕްރީމް ކޯޓުގެ ބެންޗުގައި 7 ފަނޑިޔާރުން ތިއްބަވަ އެވެ. މެމްބަރު ސަޓޯ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް ބަދަލުކުރުމަށެވެ.
ވަކިކުރަން ޖެހޭ ދެ ފަނޑިޔާރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަނޑައެޅުމަށް ފަހު ރައްޔިތުންގެ މަޖިލިހަށް ފޮނުވަން ޖެހޭނެ ކަމަށް ބިލުގައިވެ އެވެ.
ބިލު ގާނޫނަކަށްވެ ގާނޫނަށް އަމަލުކުރަން ފަށާތާ 5 ދުވަސް ތެރޭގައި ޖޭއެސްސީން މަޖިލިހަށް ފޮނުވަން ޖެހޭނެ ކަމަށް ބިލުގައިވެ އެވެ. ރައްޔިތުންގެ މަޖިލިހަށް އެ ހުށަހެޅުން ލިބޭތާ 7 ދުވަސް ތެރޭގައި ވަކިކުރުމާ މެދު މަޖިލިހުން ގޮތެއް ނިންމަން ޖެހޭނެ އެވެ.
މި ބިލު ހުށަހެޅިފައި މި ވަނީ، ސިޔާސީ ޕާޓީން ވަކިކުރުމުން މަޖިލިހުގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލިހުން މިފަހުން ގާނޫނު އަސާސީއަށް ގެނައި ބަދަލު ބާތިލު ކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައި، އެ މައްސަލަ ކުރިއަށް ގެންދަން އެ ކޯޓުން ނިންމާފައި ވަނިކޮށެވެ.
މިހާރު ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލިހުގެ ނިންމުމަކާ ދެކޮޅަށް ހުށަހަޅާފައިވާ އެ މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ 7 ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.
ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަން ހުށަހެޅިއިރު، ބައެއް ފަނޑިޔާރުންގެ ވަކިކުރަން ސަރުކާރުން މަސައްކަތްކުރާ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. ސަރުކާރުން އޭރު ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ތާރީހު
ކޯޓުތަކުގެ ގާނޫނު ވުޖޫދުކޮށް، ސުޕްރީމް ކޯޓު އެންމެ ފުރަތަމަ އެކުލަވާލިއިރު ފަނޑިޔާރުންގެ އަދަދަކީ ހަތެކެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލިހުން އެ އަދަދު ފަހަކަށް ތިރިކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކިކުރި އެވެ.
މި ފަހަރު މަޖިލީހުން ފާސްކުރީ އެފަދަ ބިލެކެވެ.
މިހާރު އޮތް ގޮތަށް އަނެއްކާވެސް 7 ފަނޑިޔާރުންނަށް ބަދަލުކުރީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޭރު އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލިހުންނެވެ. އޭގެ ފަހުގައި އޭރު ސުޕްރީމް ކޯޓުގައި ތިއްބެވި ހުރިހާ ފަނޑިޔާރުންގެ މައްސަލަ ބަލައި ވަކިކުރަން ޖޭއެސްސީން ނިންމައި މަޖިލިހަށް ފޮނުވައިގެން ވަކިކުރި އެވެ.
މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަކީ އޭރުގެ މަޖިލިހުން ރުހުންދީ، އައްޔަންކޮށްފައިވާ ފަނޑިޔާރުންނެވެ.