ރިޕޯޓް

ކެޔޮނިރު: ރާއްޖޭގެ މުސްތަޤްބަލަށްޓަކައި ބިނާ ކުރަންވީ ބިޔަ ރަށް!

ދެން އެމްވީ ، ދެން އޮންލައިން

ދިވެހި ރާއްޖޭގެ ކުރިމަގަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ހަތަރު މައްސަލައަކީ:

1. އިގްތިސޯދީ ގޮތުން ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާ އަށް ބަރޯސާ ވާން ޖެހުން.

2.ކޮންޓްރޯލެއް ނެތި ބިދޭސީން ގިނަވެ، އާބާދީގެ ދެބައިކުޅަ އެއްބަޔާ އެއްވަރަށް ބިދޭސީން ޤައުމުގައި ތިބުން.

3.ތިމާވެއްޓަށް ގެއްލުން ލިބި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމަށް ބަދަލު އައިސް އުދައެރުންފަދަ ކަންކަން އާއްމުވުން.

4.ރާއްޖޭގެ ހާރިޖީ ސިޔާސަތު އިންޑިއާ ކޮޅަށް މާބޮޑަށް ބުރަވެ، މިނިވަން ކަމަށް އަސަރު ކުރާ ވަރަށް އިންޑިއާގެ ދަށުވުން. މި ހަތަރު މައްސަލަ އެވެ.

މި ހަތަރު މައްސަލައަށް ހައްލު ހޯދެން އޮތީ ދިވެހި ރާއްޖޭގެ އިގްތިސޯދަށް ވަރަށް ބޮޑު އިންޤިލާބީ ބަދަލެއް ގެނެސްގެންނެވެ. މިދެންނެވި އިންޤިލާބްގެ ފައުންޑޭޝަނަކަށް ހަދަން ޖެހެނީ ތިރީގައި ސިފަކޮށްފައި އެވާ ވާވު އަތޮޅުގެ "ބިޔަ ރަށް" އެވެ.

ވާވު އަތޮޅަކީ ގުދުރަތީ ގޮތުން ދެއަތޮޅެކެވެ. އެއީ އަސްލު ވާވު އަތޮޅާއި،އެއަތޮޅު ކައިރީ އޮންނަ "ވައްޓަރު" ނަމަކަށް ކިޔާ ގުދުރަތީ ކުޑަ އަތޮޅެކެވެ. ވާވު އަތޮޅަކީ ސައިޒުގެ ގޮތުންވެސް އަދި އާބާދީގެ ގޮތުން ވެސް ރާއްޖޭގެ އެންމެ ކުޑަ އަތޮޅެވެ. އަތޮޅުގައި 21 ވަރަކަށް ރަށް އޮތްއިރު މީހުން އުޅެނީ އެންމެ 5 ރަށުގައެވެ، އަދި މުޅި އަތޮޅުގެ އާބާދީއަކީ ގާތްގަނޑަކަށް 2000 އެވެ. ވާވު އަތޮޅުގެ އެންމެ އިރުމަތީ ފަރާތުން ފުއްތެޔޮމުލި އިން ފެށިގެންއަތޮޅުގެ އެންމެ ހުޅަނގު ފަރާތުން ފުއްސަރާ ދެމެދު، އަތޮޅުގެ ފުޅާމިނުގައި ގާތްގަނޑަކަށް 57 މޭލު ހުރެއެވެ.

ވާވު އަތޮޅުގެ 2000 ވަރަކަށް އާބާދީ އެހެން އަތޮޅަކަށް ބަދަލުކޮށް، ބަދަލުކުރި މީހުންނަށް ސަރުކާރުން ގެދޮރާއި ބަދަލު ދިނުމަށް ފަހު، ޑީޕްސީޑްރެޖިންގ ހަދައިގެން މުޅި ވާވު އަތޮޅު ހިއްކުމަކީ މީގެ ބާވީސް އަހަރު ކުރީން އިނގެރޭސި ހަފްތާ މަޖައްލާ "މަންޑޭޓައިމްސް" ގަ ލިޔުނު ލިއުމުން ފެށިގެންއަޅުގަނޑު ފާޅުކުރަމުން އަންނަ ޚިޔާލެކެވެ. މިއީ ޓެކްނިކަލް ގޮތުން މިހާރުދުނިޔޭގައި ޓެކްނޮލޮޖީ ހުރި، އަދި ކުރެވިދާނެ ކަމެކެވެ. ޚަރަދަށް ބަލާއިރު ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރުމުން، ދައުލަތުން އެއްވެސް ޚަރަދެއް ނުކޮށް ހިންގިދާނެ ބިޔަ މަޝްރޫއެކެވެ. ޑީޕްސީ ޑްރެޖިންގ އަކީ މާކަނޑުގެ އަޑިން ޕަމްޕް ކޮށްގެން ވެލި ނެގުމަށް ކިޔާ ނަމެކެވެ. މިގޮތަށް ބިންހިއްކައިގެން، މުޅި ވާވު އަތޮޅު އެއްކޮށް، ކަނޑުގެ ލޮނުގަނޑުން ފެށިގެންމަދުވެގެން 15 ފޫޓުގެ އުސްމިނަށް ހިއްކުމުން، އެއްފަސް ކޮށް އުފެދޭ ބޮޑުސިންގާ ރަށް ވެގެން ދާނީ މަދުވެގެން އެއް މިލިއަން މީހުންނަށް އެއްފަހަރާ އުޅެވޭ ފަދަ "ސޭފް އައިލޭންޑް" އަކަށެވެ.

މިފަދަ "ސޭފް އައިލޭންޑެއް" ހެދުމުން މަތީގައި ބަޔާންކޮށްފައިވާ، ރާއްޖޭގެ ކުރިމަގަށް އޮތް ހަތަރު ނުރައްކަލުގެ ތެރެއިން ތިންވަނަ ނުރައްކަލުން ސަލާމަތްވާން، އިންޝާﷲ، ވަރަށް މުހިއްމު މަގެއް ކޮށުނީ އެވެ. އެހެނީ، ވާވުއަތޮޅު އެއްކޮށް ހިއްކައިގެން އުފެއްދޭ ބިޔަ ރަށް ވެގެންދާނީ އެފަހަރާ އެއް މިލިއަން މީހުން އާބާދުކޮށް، އެތައް ބިޔަ ސިނާއަތްތަކެއް ގާއިމް ކުރެވޭ ވަރުގެ ބިން ބޮޑު، ބިޔަ ރަށަކަށެވެ. އަދި ކަނޑުގެ ލޮނުގަނޑުން ފެށިގެން 15 ފޫޓު އުސްކޮށް ހަދައި، ވަށައިގެން ޝީޓް ޕަައިލް ކޮށް ، ގެރިގާ ޖަހައިގެން، ހަދާ އިރު އަސްލު މިރަށުގެ އުސްމިން 25 ފޫޓަށް ހުންނާނެއެވެ. އެހެން ކަމުން މިބިޔަ ރަށް ވެގެން ދާނީ ކުރިމަގުގެ ތިމާވެށީގެ ނުރައްކަލުން ދިވެހި ރާއްޖޭގެ އާބާދީ، އިންޝާﷲ، ސަލާމަތް ކޮށްދޭނެ ތަނަކަށެވެ.

ވާވު އަތޮޅަކީ ރާއްޖޭގެ ވެރިރަށް މާލެއާވެސް އެހާ ދުރު އަތޮޅެއް ނޫނެވެ. ސްޕީޑް ލޯންޗްގައި ދޮޅުގަޑި އިރުން ދެވެއެވެ. އަދި އިންޖީނު ދޯނީގައި 4 ގަޑިއިރުން ދެވެއެވެ. މިފަދަ ބިޔަ މަޝްރޫއެއް ހިންގާނަމަ ވާވު އަތޮޅުގައިމިހާރު އޮތް 2 ރިސޯރޓަށް ވެސް ބަދަލު ދީ، އެހެން އަތޮޅަކުން 2 ރަށްދިނުމަށްފަހު ނަގަން ޖެހޭނެއެވެ.

ވާވު އަތޮޅުގެ އެތެރެވަރީގައި އެންމެ ފުން ހިސާބުގެ ފުންމިނަކީ ގާތްގަނޑަކަށް73 މީޓަރެވެ. މިސާލަކަށް ބަލާނަމަ ސިނަމާލެ ބްރިޖްގެ މައި ތަނބުތައް އެވަނީ ކަނޑުގެ އަޑިން 100 މީޓަރ ފުނަށް ފައްތާފައެވެ. އެހެންކަމުން މިޒަމާނުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން 73 މީޓަރ ފުން ވާވު އަތޮޅު އެއްކޮށްހިއްކާލުމަކީ ނުކުރެވޭ ވަރު ކަމެއްނޫނެވެ. އަދި ދެކުނު ޗައިނާ ކަނޑުގައި ޗައިނާ ސަރުކާރުން ބިންހިއްކައިގެން އުފައްދާފައިވާ ބޮޑެތި ރަށްތަކަށްބަލާއިރު ވާވު އަތޮޅު އެއްކޮށް ހިއްކުމުގެ ޓެކްނޮލޮޖީއާއި ތަޖުރިބާ، އަދިކޮންޓްރެކްޓަރ ފައިނޭންސަށް ބޭނުންވާ ފައިސާވެސް ޗައިނާއިން ލިބޭނެއެވެ. އަދި ޗައިނާ ނޫނަސް ޔޫރަޕްގެ ހޮލެންޑް ފަދަ ޤައުމުތަކަކީ ވެސް މިފަދަ ޓެކްނޮލޮޖީ އާއި ފައިނޭންސް ހުރި ޤައުމުތަކެވެ.

މިގޮތަށް ވާވު އަތޮޅު (ވައްޓަރުވެސް ހިމެނޭ ގޮތަށް) ހިއްކައިފިނަމަ ގާތްގަނޑަކަށް 3000 އަކަމޭލުގެ ބިޔަ ރަށެއް އުފެދޭނެއެވެ. އެއީ ގާތްގަނޑަކަށް މާލެވަރުގެ 1000 މާލޭގެ ބިމެވެ. އެފަދަ ބިޔަ ރަށެއް، ކަނޑުގެލޮނުގަނޑުން ފެށިގެން 15 ފޫޓު އުސްކޮށް ހިއްކައިފި ނަމަ، އެރަށްވެގެންދާނީ، ތިމާވެއްޓަށް އަންނަ ބަދަލެއްގެ ސަބަބުން ކަނޑުގެލޮނުގަނޑު އުފުލިއްޖެ ނަމަ، ދިވެހި ރައްޔިތުންގެ ނުވަތަ ދިވެހި ރާއްޖޭގެ މުސްތަޤްބަލް، އިންޝާﷲ، ޔަގީންކޮށްދޭނެ ބިޔަ ރަށަކަށެވެ. ހަމައެފަދައިން އިގްތިސޯދީ ބިޔަ އިންޖީނަކަށެވެ.!

މިތަނުގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކާއި، ބިޔަ ސީޕްލޭން ޓާރމިނަލް އަކާއި، ބޮޑެތި އާގު ބޯޓު އެލޯންގްސައިޑް ކުރެވޭ ވަރުގެ ޓްރާންސްޝިޕްމެންޓް ބަނދަރަކާއި، އާގުބޯޓު އެހެލައިގެން މަރާމާތު ކުރެވޭ ވަރުގެ ބޮޑު ޑްރައި ޑޮކިންގް ޔާޑަކާއި، އިރުގެ އަލިންނާއި ވައިންނާއި ކަނޑުގެ ރާޅުން ހަކަތަ އުފައްދާނެ މަރުކަޒުތަކާއި، ތަފާތު އުފެއްދުންތައް އުފައްދާ ކާރުހާނާ ތަކާއި، ސްކޫލް، ހޮޓެލް އަދި ކޮންޑޮމީނިއަމްސް އާއި ފްލެޓް ފަދަހުރިހާ ވަސީލަތްތައް ޤާއިމް ކުރެވޭނެއެވެ. އަދި ދަނޑުވެރިކަން ކުރާނެ ބޮޑެތިދަނޑުތަކާއި، ކުކިންގ އޮއިލް، ޓޮމާޓޯ ޕޭސްޓް، ޓޮމާޓޯ ސޯސް، ހިކި ކިރު،ގެރި ކިރު، ދިޔާ ކިރު ޕެކެޓް، ކުކުޅުގެ ބާވަތްތައް، ހަކުރު، ނޫޑުލްސް، ހަނޑޫ،ބިސްކޯދު، އިންޖީނު އޮއިލް، ކޫލެންޓް ފަދަ، އާއްމުކޮށް ބޭނުންކުރާ ތަފާތުމުދާ ޕެކް ކުރާ ކާރުޚާނާ ތަކާއި، މޮޓޯރ ސައިކަލް ފަދަ ތަކެތި އެސެމްބުލްކުރާ ކާރުޚާނާ ތައްވެސް ހުންނާނެއެވެ. މިތަނުގައި ބޮޑެތި އަދަދުންއިންވެސްޓް ކުރާ ބިދޭސީ އިންވެސްޓަރުންނަށް ރާއްޖޭގެ ކޯޕަރޭޓްރެސިޑެންސް ވިސާ ދެވޭނެއެވެ. ކޯޕަރޭޓް ރެސިޑެންސީ އަކީ ރައްޔިތަކަށްވުމެއް ނޫނެވެ. އެއީ ރައްޔިތަކަށް ލިބޭ ވޯޓުލުމުގެ ހައްޤުފަދަ ހައްޤުތައްނުލިބޭ، އެހެނަސް ވިސާއާ ނުލާ ރާއްޖޭގައި ދާއިމަށް އުޅުމުގެ ހުއްދައެވެ. މިދެންނެވި ފަދަ އިގްތިސޯދީ ބިޔަ އިންޖީނެއް އުފެއްދުމުން ރާއްޖޭގެ ކުރިމަގަށް އޮތްކަމަށް މަތީގައި ބަޔާންކޮށްފައިވާ ހަތަރު ނުރައްކަލުގެ ތެރެއިން ފުރަތަމަ ނުރައްކަލުން، އިންޝާﷲ، ސަލާމަތް ވުމުގެ މަގު ހުޅުވިގެން ދާނެއެވެ. އެއީ ހަމައެކަނި ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވުމުގެ ނުރައްކަލެވެ. މިފަދަ ބިޔަ އިގްތިސޯދީ އިންޖީނެއް އުފެއްދުމުން ރާއްޖޭގެ އާބާދީގެ ކޮންމެ ބޮލަކަށް މިތަނުން ހިލޭ ބިމެއް ނުވަތަ އެޕާރޓްމެންޓެއް ދެވޭނެއެވެ.

މިމަޝްރޫއު ގާއިމް ވުމުން ބިދޭސީ މަސައްކަތު މީހުން ގެންގުޅުމުގެ ހުއްދަ ދެވޭނީ ހަމައެކަނި ވާވު ސޭފް އައިލޭންޑްގައެވެ. އޭގެ ސަބަބުން، ރާއްޖޭގެ ކުރިމަގަށް އޮތް، މަތީގައި ބަޔާން ކޮށްފައިވާ ހަތަރު ނުރައްކަލުގެ ތެރެއިން ދެވަނަ ނުރައްކާ، ނުވަތަ ބިދޭސީން ކޮންޓްރޯލެއްނެތި އިތުރުވުމުގެ މައްސަލަ ހައްލުވާނެއެވެ. ބިދޭސީ މަސައްކަތު މީހުން ބެލެހެއްޓުމުގެ މައްސަލަ ހައްލުވެ، އެމީހުން އެއްފަސްވެގެންދާނެއެވެ. ރާއްޖޭގެއެހެން ރަށަކަށް ނުވަތަ އެހެން އަތޮޅަކަށް އެފަދަ ބިދޭސީންނަށް އެއިރުން ދެވޭނީ ހާއްސަ ވިސާއަކާއެކުގައެވެ.

ވާވު އަތޮޅުން އުފައްދާ ބިޔަ ރަށުގައި އިގްތިސޯދީ ހުރިހާ ހަރަކާތެއްގެ ބިޔަ މަޝްރޫއުތައް ހިންގަން ފެށުމުން ރާއްޖޭގެ އިގްތިސޯދު ބޫންކިޔާފައި ކުރިއަރައިގަންނާނެ އެވެ. ރާއްޖޭގެ ކުރިމަގަށް ހުރި ނުރައްކާ ތަކުގެ ލިސްޓުގައި، މަތީގައި ހިމަނާފައިވާ ހަތަރު ކަންތަކުގެ ތެރެއިން ހަތަރު ވަނައަށް އޮތް ކަމަކީ އިންޑިއާގެ އިގްތިސޯދީ އަދި ސިޔާސީ ހިޔަނީގެ ދަށުވެފައި ރާއްޖެ އޮންނަށް ޖެހުމުގެ ނުރައްކަލެވެ. ވާވު އަތޮޅުގެ ބިޔަ ރަށުގެ މަޝްރޫއުގެ ސަބަބުން އިންޑިއާފަދަ ޤައުމުތަކުގެ އިގްތިސޯދީ ހިޔަނިން ސަލާމަތްވެ، ސިޔާސީ އަދި އިގްތިސޯދީ ގޮތުން ހަށިފޮޅާލާފައި އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ބާރު، އިންޝާﷲ، ދިވެހި ދައުލަތަށް ލިބިގެންދާނެއެވެ.

މި ރަށުގެ ކާރުހާނާތައް ޑިޒައިން ކުރާ އިރު، ދިވެހިރާއްޖެއިން އެތެރެކުރާބާވަތްތަކުގެ ތެރެއިން އާއްމުކޮށް ބޭނުންކުރާ ކައްކާ ތެޔޮފަދަ ބާވަތްތައް ރާއްޖެއަށް އެތެރެކުރެވޭ މިންވަރު ބަލައި، އެކަމަށް ރިޢާއަތްކޮށް، އެތަކެތި ދިވެހިރާއްޖޭގައި އުފައްދައި، ނުވަތަ އެތަކެތި ގަނޑުކޮށް ނުވަތަ 'ރޯކޮށް' ރާއްޖެ އެތެރެކޮށް، ރިފައިންކޮށް، ޕްރެސެސްކޮށް އަދި ބަންދުކޮށް ދިވެހިބާޒާރަށް ނެރުމަށް ބޭނުންވާ ފެކްޓަރީތައް އެއިރުން ހެދޭނީ ވާވު އަތޮޅުގެބިޔަ ރަށުގެއެވެ. މިރަށަށް ކީދާނެ އެއް ނަމަކީ "ވާވު-ސޭފް-އައިލޭންޑް" އެވެ.

ވާވު އަތޮޅު ހިއްކާ އިރު، ވައްޓަރު ވެސް ހިއްކޭނެއެވެ. ވައްޓަރަކީ ގުދުރަތީބޮޑު ސިންގާ ހާބަރެކެވެ. ވައްޓަރު ހިއްކާނީ އެހާބަރު އޮންނަ ގޮތަށްވައްޓަރުގެ ވަށައިގެންނެވެ. މެދުގައި އޮންނަ ގުދުރަތީ ހާބަރު ނުހިއްކާ ބާއްވާގޮތަށެވެ. އެއަށްފަހު ވައްޓަރާއި "ވާވު-ސޭފައައިލޭންޑް" އާ ދެމެދު ބްރިޖަކުންގުޅާލުމަށް ފަހު ވައްޓަރު ބަނދަރު ވެގެންދާނީ ބޮޑު ސިންގާ، ބިޔަ،ޓްރާންސްޝިޕްމެންޓް ކޮންޓެއިނަރ ބަނދަރަކަށެވެ. މިކޮންޓެއިނަރބަނދަރާއި، ވާވު-ސޭފްއައިލޭންޑް ގައި ހަދާ އިންޓަރނޭޝަނަލްއެއަރޕޯރޓާއި، ފެކްޓަރީ ތަކާއި އެހެނިހެން އިންފްރާސްޓްރަކްޗަރގެސަބަބުން ވާވު ވެގެންދާނީ މެދުސައިޒުގެ ބޮޑު ޤައުމެއް ފަދަ ތަނަކަށެވެ. ހަމައެކަނި އެތަނުގެ އިގްތިސޯދުން މުޅި ދިވެހިރާއްޖޭގެ ހަރަދުތައް ޗަލުވާލެވޭވަރުގެ ބިޔަ އިގްތިސޯދަކަށެވެ. އެ ސަރަހައްދަކީ ޚާއްސައިކޮނޮމިކް ޒޯނަކަށްހަދައި، އިންވެސްޓަރުންނަށް ޚާއްސަ އިނާޔަތްތަކެއްދެވިގެން ދާނެއެވެ.

މިއީ ބިޔަ ތަސައްވުރެކެވެ. މިދިވެހި ޤައުމުގެ އިގްތިސޯދީ މިނިވަންކަމާއި ދިވެހި ރައްޔިތުންގެ ކުރިމަގުގެ ފޯރުންތެރިކަމާއި ޤައުމުގެ ތަރައްޤީ، އަދި،ރައްކާތެރިކަމާއި ގުޅިފައިވާ ބިޔަ ތަސައްވުރެކެވެ. "ވިޝަން 2025" އެކުލަވާލައި، އޭގެ އެންމެ މުހިއްމު ބައެއްގެ ގޮތުގައި "ވާވު-ސޭފްއައިލޭންޑް" ގެތަސައްވަރު ހަޤީގަތަކަށް ހެދުމުގެ މަސައްކަތް މިހާރުވެސް ފަށަންވީއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!