ޚަބަރު

ކޮވިޑް-19 އަކީ ޖަލުތަކުގައި އަނިޔާ ލިބެމުންދާ މީހުންގެ ދުއާކަމަށް ވެދާނެ: ސަލީމް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19ގެ ވަބާއަކީ ޖަލުތަކުގައި ތިބި މީހުންނަށް ނުހައްގުން ލިބޭ އަނިޔާއާ ގުޅިގެން ފޮނުވި ކޯފާއަކަށްވެދާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ޓީވީ ޕްރޮގްރާމެއްގައި ދިން އިންޓަވިއުއެއްގައި ސަލީމް ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޖަލުތަކުގައި ނުހައްގުން އަނިޔާލިބެމުންދާ ފަރާތްތައް އުޅެމުންދާ ކަމަށާއި އެމީހުން ކުރާ ދުއާ ﷲ ސުބުހާނަހޫ ވަތައާލާ އެއްވެސް ހުރަހެއް ނެތި ގަބޫލުކުރައްވާނެ ކަމަށެވެ.

އެހެންކަމުން ކޮވިޑް-19 އަކީ ޖަލުތަކުގައި ތިބި މީހުންގެ ދުއާ އިޖާބަކޮށް ހެއްދެވި ފަރާތުން ފޮނުއްވި ކޯފާއަކަށްވުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިންސާނިއްޔަތަށްޓަކައި ނަމަވެސް ޖަލުތަކުގައި ތިބި ފަރާތްތަކަށް ލުޔެއް ދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ކިހިނެތޯ އެނގޭނީ މިއީ ޖަލުތަކުގެ މީހުން ކުރާ ދުއާތަކުގެ ސަބަބުން އައި ކޯފާއެއް ނޫންކަމެއްވެސް މުސީބާތެއް ނޫންކަމެއްވެސް. ކިހިނެއްތޯ އަޅުގަނޑުމެންނަށް އެނގޭނީ. އެހެންވީމަ ދުނިޔޭގަ އޮތް އިލުމުވެރި ޖަމިއްޔާއިންވެސް ގޮވާލީ ޖަލުތަކުގައި ތިބި މީހުންނަށް ލުއިދޭން،" ސަލީމް ވިދާޅުވި އެވެ.

ސަލީމް އިތުރަށް ވިދާޅުވީ އެހެންކަމުން މި ކަހަލަ ދުވަސްވަރެއްގައި ޖަލުގެ ތަކުގައި ތިބި ފަރާތްތަކަށް މައާފުކޮށް، ލުއިދިނުން މުހިންމު ކަމަށެވެ. އެގޮތުން ކުރިއަށް އޮތީ ރޯދަމަސްކަމުން މި ސަރުކާރުން ކުރީގެ ރައީސް އަބްދުﷲ ޔާމިނަށް ލުއިއެއް ދޭނެކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!