މިއީ ނުފޫޒެއް ނެތި ނެރުނު ފުރަތަމަ ފްލެޓް ލިސްޓް: ރައީސް މުއިއްޒު

މިއީ ނުފޫޒެއް ނެތި ސަރުކާރުން ހިންގި ގެދޮރުވެރި މަޝްރޫއަކުން ގެދޮރު ލިބުނު މީހުންގެ ލިސްޓެއް ނެރުނު ފުރަތަމަ ފަހަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ސަރުކާރުން ޝަރުތުހަމަވާ ކަމަށް 8،000އެއްހާ މީހުން ކަނޑައެޅި ނަމަވެސް ލިސްޓު ބެލުމަށް ފަހު މިއަދު އާންމުކުރި ލިސްޓްގައި ޝަރުތު ހަމަވަނީ 1،800އެއްހާ މީހުންނެވެ. ލިސްޓުން ބަޔަކު އުނިވި ނަމަވެސް އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމުގެ ޔަގީން ކަން ރައީސް ދެއްވި އެވެ.
"މިދިޔަ ސަރުކާރުން އިއުލާންކުރި ލިސްޓްގައި ހުރި އެކިއެކި މައްސަލަތައް ބަލައި އޭސީސީން ފާހަގަކުރި މައްސަލަތައް ބަލައި، އެ ސަރުކާރުން ކަނޑައެޅި ޝަރުތުތަކާއި އުސޫލުތަކަށް ބަލައިގެން ލިސްޓް ނެރެފައި،" ރައީސް ވިދާޅުވި އެވެ.
ހައުސިންގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ސަރުކާރުގެ އެފަދަ މަސައްކަތް ހިންގާ އިދާރާތަކާއި މުއައްސަސާތަކުގެ އެންމެ ޖޫނިއާ ލެވެލްގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށި ހިސާބުން ވެސް 'ނުފޫޒެއް ނެތި ނެރުނު ލިސްޓަކީ މިއަދު ނެރުނު ލިސްޓު ކަމަށެވެ.
"މިއީ ރާއްޖޭގައި އަޅުގަނޑު ހަމަ ޔަގީނުން ވެސް ގެދޮރުވެރިކަމުގެ ދާއިރާގެ ކަންތައްތަކުގެ މައުލޫމާތު އެނގެން ފެށި ހިސާބުން އަދި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ އެންމެ ޖޫނިއާ ލެވެލް އިން ފެށިގެން އުޅެން ފެށި ހިސާބުން ވެސް ނުފޫޒެއް ނުފޯރުވާ ހައުސިން ލިބޭ މީހުންގެ ލިސްޓެއް ނެރުނު ފުރަތަމަ ފަހަރު،"
ދެ ސަރުކާރެއްގައި ހަތް އަހަރު ވަން ދެން ހައުސިން މިނިސްޓަރުގެ މަގާމު ފުރުއްވި، ރައީސް މުއިއްޒަކީ މިހާތަނަށް އައި އިރު ސޯޝަލް ހައުސިންގެ އެންމެ ބިޔަ މަޝްރޫއު ކަމުގައިވާ ހިޔާ ފްލެޓް މަޝްރޫއު ހިންގެވި ހައުސިން މިނިސްޓަރެވެ.
އޭރު ފްލެޓް ލިސްޓް ތައްޔާރުކުރީ އިންސާފުން ބޭރުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައި ވެސް ވެ އެވެ. ނަމަވެސް ރައީސް މުއިއްޒު ގެންދެވީ އެ ތުހުމަތުތައް ދޮގުކުރައްވަމުންނެވެ.
މިދިޔަ އެމްޑީޕީގެ ސަރުކާރުން އެ ލިސްޓުގައި ފްލެޓް ލިބޭނެ ކަމަށް ނިންމި ގިނަ ބަޔަކު އަތުން ފްލެޓް އަތުލި އެވެ. އޭގެ ތެރޭގައި މާލޭގައި ވަރަށް ހާލުގައި ދިރިއުޅޭ މީހުން ވެސް ހިމެނެ އެވެ.
މާލޭގެ މޭޔަރުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އަދި މިދިޔަ މަޖިލިސް އިންތިހާބުގައި ރައީސް މުއިއްޒަށް މާލޭން ބޮޑު މެޖޯރިޓީއެއް ހޯދީ، ގެދޮރުވެރިކަން ޔަގީންކޮށްދެއްވުމުގެ ބޮޑު ވައުދެއް ވެވަޑައިގެންފައި ވަނިކޮށެވެ.
މިރޭ ވެސް އެމަނިކުފާނު ދެން ދެއްވި ޔަގީންކަމަކީ ސަރުކާރުން މަސައްކަތްތައް ތަރުތީބު ކުރަމުން ދަނީ ދިވެހި ކޮންމެ މީހަކަށް ވެސް ފުރަތަމަ ގެދޮރުވެރިކަން ކަަށަވަރުކުރެވޭ ވަރަށް ހައުސިން މަޝްރޫއުތައް ހިންގެވުމަށެވެ.