ސައިކަލެއް ގޮސް، މަގުހުރަސްކުރަން ހުރި ކުޑަކުއްޖެއް ގައިގައި ޖެހި ކުއްޖާއަށް ބޮޑެތި އަނިޔާތަކެއް

ހުޅުމާލޭގެ މަގެއްގައި މަގު ހުރަސްކުރަން ހުރި ހަ އަހަރުގެ ކުޑަކުއްޖެއްގެ ގަޔަށް ސައިކަލެއް ގޮސް ޖެހި އެ ކުއްޖާއަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގީ ހުޅުމާލެ ނިރުޅުމަގުގައި ހުންނަ އެލް މޯބައިލް 3 ފިހާރަ ކައިރިންނެވެ. އެއީ މިދިޔަ ހުކުރު ދުވަހު ހަވީރު ހިނގި އެކްސިޑެންޓެއް ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓްގައި އަނިޔާވި ކުޑަކުއްޖާގެ ކަކޫ މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ކަނާތް ފަރާތު ތުންފަތް މަތިން ބައި އިންޗިއެެއްހާ ތަން ފަޅައިގެން ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި ސައިކަލު ދުއްވަން އިން މީހާގެ އަތުގައި އޮތީ 'އީ' ކެޓަގަރީގެ ލައިންސެންސެކެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
