ރިޕޯޓް

ތިބާގެ މައިންބަފައިންނަށް ނުދިން ކުލުނެއް، ދަރިން ފަރާތުން ލިބޭނެ ކަމަށް އުންމީދު ނުކުރާށެވެ.

ދެން އެމްވީ ، ދެން އޮންލައިން

މިދުނިޔޭގައިވާ އެންމެ މާތް އަދި މަތިވެރިވެގެންވާ ގުޅުމަކީ ދަރިއަކާއި މައިންބަފައިންނާއި ދެމެދު އޮންނަ ގުޅުމެވެ. މައިންބަފައިންނަށް އަޅާލާ އެމީހުންނަށް އިހުތިރާމު ކުރުމަކީ ކޮންމެ ދަރިއެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. ހަމަ އެފަދައިން ދަރިންނަށް ލޯބިދީ އެކުދިންނަކީ ހެޔޮލަފާ ، ދީނަށް ލޯބިކުރާ ކުދިންތަކެއްގެ ގޮތުގައި ބޮޑު ކުރުމަކީ މައިންބަފައިންގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔާތެކެވެ. މަދު ހާލަތެއްގައި ނޫނީ، ދަރިން ހިނގާނީ މައިންބަފައިންގެ ފިޔަވަޅު މަތިންނެވެ. ދަރިން ގާތުގައި ކަމެއް ކުރުމަށް ބުނުމަށްވުރެ މައިންބަފައިން އެކަން ކޮށްފައި ދަރިންނަށް ދެއްކުމަކީ މާ އެދެވިގެންވާ ގޮތެކެވެ.

ގިނަ މައިންބަފައިންގެ އެއް ޝަކުވާ އަކީ އެމީހުންގެ ދަރިން އެމީހުންނަށް އިހްތިރާމު ނުކުރުމެވެ. ދަރިން އަޅާނުލުމެވެ. އެހެންނަމަވެސް ހިނދުކޮޅަކަށްވެސް ވިސްނާލިން ހެއްޔެވެ؟ ތިބާގެ މައިންބަފައިންނާއި ދޭތެރޭ ކަންތައް ކުރީ ކިހިނެއްތޯ ހިތަށް އަރުވާލިން ހެއްޔެވެ؟ ތިބާގެ ދަރިން ކުރިމަތީ އަމިއްލަ މައިންބަފައިންނާއި ދޭތެރޭ އިހާނެތިކޮށް ކަންތައް ކުރީ ކިތައް ފަހަރު ހެއްޔެވެ؟ ދަރިންނަށް އެމަންޒަރު ފެނުމުން އެކުދިންނަށް ދަސްވާނީ ކޮންކަމެއް ހެއްޔެވެ؟

ޝައްކެއްވެސްނެތެވެ. ކޮންމެ މީހަކުވެސް ދިރިއުޅުމުގައި ބުރަ ވާނެއެވެ. މީހަކާއި އިނދެ ދިރިއުޅުމެއް ފަށައިގެން ދަރިން ލިބުމުން މައިންބަފައިންނާއި އެއް ހިޔާވަހިކަމެއްގެ ދަށުގައި ނޫޅެވިދާނެއެވެ. އެކަމަކު ތިބާ މީހަކަށް ހަދައިދިން މައިންބަފައިންގެ ހާލު ބަލައިލާނެ ވަގުތެއް ދުވާލަކު އެއްފަހަރު ވެސް ނުވަނީތޯއެވެ. މައިންބަފައިންނާއި އެއް ފަސްގަނޑެއްގައި ނޫޅުނު ނަމަވެސް ފޯނުން ގުޅައިލައިގެން އެމީހުންގެ ހާލު ބަލައިލާނެ ވަގުތެއް ހަމަ ނުވަނީތޯއެވެ.

އޮފީހުގައި އުޅެފައި ގެޔަށް އައިސް ބޯހަމަ ޖައްސާލާށޭ ކިޔާފައި އެކުވެރިންނާއި އެކު ކޮފީތަކުގައި އެތައް އިރެއް ހޭދާކުރާއިރު، ނުވަ މަސް ވަންދެން ތިބާ އެ ހަށިގަނޑު ތެރޭ ރައްކާތެރިކަމާއިއެކު ބެލެހެއްޓި މައިމީހާގެ ހާލު ބަލައިލަން ދިއުމުން ވަނީ ކޮން ގެއްލުމެއް ހެއްޔެވެ؟ ފިލްމު ބަލައި، ފޫހިވެގެން ކުރާނެ ކަމެއް ނެތިގެން އުޅޭއިރު، ތިބާ މީހަކަށް ހެދުމަށް ރެޔާއި ދުވާލު ބުރަ މަސައްކަތް ކުރި ބައްޕައަށް ގުޅައިގެން ވާހަކަ ދައްކާ ނުލެވޭނެ ހެއްޔެވެ؟

ތިބާގެ މައިންބަފައިން މުސްކުޅިވެ އަޅާލުމަށް އެދި ގޮވަމުން ދިޔައިރު ބީރުކަންފަތެއް ދިނުމަށްފަހު، މިއަދު ތިބާގެ ދަރިންގެ ފަރާތުން ކުލުނާއި އަޅާލުން ލިބޭނެ ކަމަށް އުންމީދު ކުރާނެ ކަމެއް ނެތެވެ. ދަރިން އިހްތިރާމު ނުކުރާތީ ޝަކުވާ ކުރާއިރު، ތިބާގެ މައިންބަފައިން ދިމާލަށް އަޑުލައި ހަޅޭއްލަވައި ވާހަކަ ދެއްކީ ކިތައް ދުވަހުކަން ހަނދާނެއް ނެތް ހެއްޔެވެ. ތިބާގެ މައިންބަފައިންނަށް ނުދިން ކުލުނެއް، ތިބާއަށް ދަރިން ފަރާތުން ވެސް ލިބޭނެ ކަމަށް އުންމީދު ނުކުރާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!