ފަނޑިޔާރުންގެ އަދަދު ކުޑަކުރާ ބިލު ތަސްދީގު ނުކުރަން ޖަމިއްޔާތަކުން ގޮވާލައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުނުކުރަން ރާއްޖޭގެ ޖަމިއްޔާތަކުން ގޮވާލައިފި އެވެ.
ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ރައްޔިތުންގެ މަޖިލީހަށް ހުށަޙެޅި ބިލު އެންމެ ދެ ދުވަސް ތެރޭގައި ނިންމައި ފާސްކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. ނަމަވެސް އެ ބިލު ފާސްކުރިތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވީ އިރުވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލު ތަސްދީގެއް ނުކުރައްވަ އެވެ.
އެ ބިލާ މެދު ރާއްޖޭގެ އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ އިރު ރާއްޖޭގެ ފަސް ޖަމިއްޔާއަކުން ވެސް މިދިޔަ އަންގާރަ ދުވަހު ވަނީ އެ ބިލު ތަސްދީގުނުކުރަން ގޮވާލައިފަ އެވެ. އޭގެ ތެރޭގައި ޓްރާންސްޕޭރަންސީ މޯލްޑިވްސް، އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން މޯލްޑިވްސް، ސޭވް މޯލްޑިވްސް، ޒީރޯ ވޭސްޓް މޯލްޑިސް އަދި މެންޓަލް ހެލްތު ސަޕޯޓް ގްރޫޕް ހިމެނެ އެވެ.
އެ ފަސް ޖަމިއްޔާއިން ގުޅިގެން ނެރުނު ބަޔާނުގައި ބުނީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާގައި ވެސް ސަރުކާރުގެ އޮފިޝަލުންނާއި އަމިއްލަ ފަރާތްތަކަށް ވެސް ކޯޓުތަކަށް ނުފޫޒު ނުފޯރުވޭނެކަމަށް އޮތީ ކަނޑައެޅިގެން ބަޔާންކޮށްފައި ކަމަށެވެ.
އެހެން ނަމަވެސް ގޮނޑިގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުތައް ބާތިލުކުރަން ސުޕްރީމް ކޯޓަށް މައްސަލަ ވައްދާފައި ވަނިކޮށް އެ ކޯޓުގެ ފަނޑިޔާރުން އަދަދު މަދުކުރަން ބިލެއް ފާސްކޮށް އަދި ތިން ފަނޑިޔާރުން ސަސްޕެންޑްކުރިކަން ވެސް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
އެހެން ނަމަވެސް މިއީ ގޯސް ނިންމުމެއް ކަމަށާއި އަދި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ސަސްޕެންޝަންވެސް ވަގުތުން އުވާލަން ޖަމިއްޔާތަކުން ވަނީ ގޮވާލައިފަ އެވެ.
ބަޔާނުގައި އިތުރަށް ބުނީ
- މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ކުރިއަށް ގެންދަން ފުރުސަތުދީ ސުޕްރީމް ކޯޓުގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށް ގޮވާލައިފައިވޭ
- ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހަކީ ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވޭ އިސްލާހެއް ކަމަށް ބުނެ ބާ ކައުންސިލުން ވެސް ބުނެފައިވާކަން ފާހަގަކޮށްފައިވޭ
