ދީން

ފަތިސްނަމާދަށްފަހު، އިރުއެރުމާ ދެމެދު ނިދުމުގެ ޙުކުމަކީ ކޮބާ؟

. ، ދެން އޮންލައިން

ﷲ އަށް حمد ކުރަމެވެ.

Ads by MWSC

އެއަށްފަހު ދަންނައެވެ. ފަތިސްނަމާދަށްފަހު، އިރުއެރުމާ ދެމެދު ނިދުމާ ބެހޭގޮތުން އެއްވެސް ޘާބިތު ދަލީލެއް (ޤުރުއާނާއި، ސުންނަތުން) ފެންނާކަށް ނެތެވެ. އެކަމަކީ  ހުއްދަ (މުބާޙް) ކަމެކެވެ. އެހެން ނަމަވެސް އެވަގުތުގެ މުހިއްމުކަން އަޅުގަނޑުމެން ދެނެގަންނަން ޖެހެއެވެ. އެގޮތުން ނަބިއްޔާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުން ފަތިސް ނަމާދަށްފަހު، އިރުއަރައްޖައުމަށް ދާންދެން މުޞައްލާ (އެބަހީ: ނަމާދު ކުރިތަނުގައި) ތިއްބަވާ ކަމުގައި ވެއެވެ. ސައްމާކު ބުން ޙަރްބުގެ އަރިހުން ރިވާވެގެންވެއެވެ.

قُلْتُ لِجَابِرِ بْنِ سَمُرَةَ: أَكُنْتَ تُجَالِسُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ؟ قَالَ: نَعَمْ كَثِيرًا، «كَانَ لَا يَقُومُ مِنْ مُصَلَّاهُ الَّذِي يُصَلِّي فِيهِ الصُّبْحَ، أَوِ الْغَدَاةَ، حَتَّى تَطْلُعَ الشَّمْسُ، فَإِذَا طَلَعَتِ الشَّمْسُ قَامَ، وَكَانُوا يَتَحَدَّثُونَ فَيَأْخُذُونَ فِي أَمْرِ الْجَاهِلِيَّةِ، فَيَضْحَكُونَ وَيَتَبَسَّمُ» [رواه مسلم / كتاب: المساجد ومواضع الصلاة / باب: فضل الجلوس في مصلاه بعد الصبح، وفضل المساجد / رقم: 670]

ޖާބިރު ބުން ސަމުރާ ގެ އަރިހުން ތިމަން އެއްސެވީމެވެ. (ސުވާލު ކުރެއްވީމެވެ.) ކަލޭގެފާނު ނަބިއްޔާ صلى الله عليه وسلم އަރިހުގައި އިށީނދެވަޑައިގަންނަވަމުތޯއެވެ. އެކަލޭގެފާނު ދެންނެވިއެވެ. އާދޭހެވެ. ވަރަށް ގިނައިންނެވެ. އެކަލޭގެފާނު صلى الله عليه وسلم ފަތިސްނަމާދު ކުރެއްވުމަށްފަހު އިރު ފާޅުވެއްޖެއުމަށް ދާންދެން މުޞައްލާގައި އިށީނދެވަޑައިގަންނަވެއެވެ. ދެންފަހެ އިރުއެރުމުން ތެދުވެވަޑައިގެން އަޅުގަނޑުމެން އަރިހަށް ވަޑައިގެން، ޖާހިލިއްޔަ ޒަމާނުގެ ވާހަކަތައް ދައްކަވައި ހީސަމާސަކޮށް ހައްދަވައެވެ. [ޞަޙީޙް މުސްލިމް 1/463 ނމ 670]

އަދި ހަމަ އެފަދައިން، އިތުރު އެކަލޭގެފާނު މިއުންމަތަށްޓަކައި ބުކޫރު (ދުވާލުގެ ކުރީ ކޮޅު) ގައި ބަރަކާތް ލެއްވުންއެދި ﷲ ގެ ޙަޟްރަތުގައި ދަންނަވާކަމުގައިވެއެވެ. ޞަޚްރު އަލް ޣާމިދީ ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

«اللَّهُمَّ بَارِكْ لِأُمَّتِي فِي بُكُورِهَا». وَكَانَ إِذَا بَعَثَ سَرِيَّةً أَوْ جَيْشًا بَعَثَهُمْ مِنْ أَوَّلِ النَّهَارِ «وَكَانَ صَخْرٌ رَجُلًا تَاجِرًا، وَكَانَ يَبْعَثُ تِجَارَتَهُ مِنْ أَوَّلِ النَّهَارِ فَأَثْرَى وَكَثُرَ مَالُهُ» [رواه أبو داود / كتاب: الجهاد / باب في الابتكار في السفر / رقم: 2606 ، والترمذي / كتاب: أبواب البيوع / باب: ما جاء في التبكير بالتجارة / رقم: 1212 وابن ماجه / كتاب: التجارات / باب: ما يرجى من البركة في البكور / رقم: 2236]

“އޭ ﷲ! މިއަޅާގެ އުއްމަތަށް، ދުވާލުގެ ކުރީކޮޅު (އެބަހީ: އެވަގުތުކޮޅުގައި) ބަރަކާތް ލައްވައިފާނދޭވެ.” އަދި އިތުރު އެކަލޭގެފާނު ލަޝްކަރެއް ތަނަކަށް ފޮނުއްވާނަމަ، ހެނދުނުގެ ކުރީކޮޅުގައި ފޮނުއްވައެވެ. ފަހެ ޞަޚްރު އަލް ޣާމިދީ އަކީ ވިޔަފާރިވެރި ބޭކަލެކެވެ. އެކަލޭގެފާނުގެ ޤާފިލާ ވިޔަފާރިއަށް ހެނދުނުގެ ކުރީކޮޅުގައި ފޮނުއްވާކަމުގައިވެއެވެ. އޭގެ ސަބަބުން ވިޔަފާރީގައި ފައިދާވެ، މުދާތައް އިތުރުވެގެންދެއެވެ. [އަބޫ ދާވޫދު، ތިރްމީޛީ، އިބްނު މާޖާ]

ބައެއް ޞަޙާބީ ބޭކަލުންގެ އަޘަރު (ދިރިއުޅެއްވިގޮތާއި ބަސްފުޅު) ތަކަށް ބެލުމަށްފަހު، ބައެއް ސަލަފުންގެ ބޭކަލުން ފަތިސްނަމާދު ފަހުން ނިދުން މަނާކުރެއްވިއެވެ. އެގޮތުން މަރްވާ ބުން ޒުބައިރު ވިދާޅުވާކަމަށް އިބްނު އަބީ ޝައިބާ ވިދާޅުވެފައިވެއެވެ. “ހެނދުނުގެ ކުރީކޮޅު ނިދާމީހާ، އެކަމުގައި ގޮސް ހަލާކުވެދާ ހުއްޓެވެ.” (އެބަހީ: މުދާ ހުސްވެދާ ހުއްޓެވެ.) [أخرج ابن أبي شيبة في مصنفه/ كتاب: الأدب / باب: ما قالوا في التصبح نومة الضحى وما جاء فيها / رقم: 25442]

ކުރުކޮށް ބުނަނީނަމަ، އަޅުގަނޑުމެން މިވަގުތު ހޭދަކުރަން ޖެހެނީ ދުނިޔެއާއި އާޚިރަތް ބާއްޖަވެރި ކުރުމުގައެވެ. ނުނިދުމުގެ ސަބަބުން އެމީހެއްގެ މަސައްކަތަށް ބުރޫއަރާނަމަ ނުވަތަ ވެދާނޭކަމަށް ހީވާނަމަ، އެވަގުތުގައި ނިދުން އެއީ މައްސަލައެއް އޮތްކަމެއް ނޫނެވެ. އަބީ ޔަޒީދް އަލްމަދީނީ ވިދާޅުވިއެވެ. “އެއްދުވަހެއްގައި ޢުމަރުގެފާނު ޞުހައިބްގެފާނާއި އެކީ ހެނދުނުގެ ވަގުތުކޮޅު ހޭދަކޮށްލެއްވުމަށްޓަކައި، އެކަލޭގެފާނުގެ އަރިހަށް (ގެކޮޅަށް) ވަޑައިގެންނެވި އިރު އެކަލޭގެފާނު އޮންނެވީ ނިދިކުރައްވާށެވެ. އުމަރުގެފާނު އެކަލޭގެފާނު ހޭފުޅުލެވެންދެން އަރިހުގައި ހުންނެވިއެވެ. ދެންފަހެ ޞުހައިބްއަށް ހޭލެވުނު އިރު އަރިހުގައި ޢުމަރުގެފާނު ހުންނެވީތީ ދެކެވަޑައިގެން ވިދާޅުވިއެވެ. އަމީރުލް މުއުމިނީން ތިމަންނައާއި ބައްދަލުކުރުމަށްޓަކައި ހުންނެވިއިރު ތިމަންކަލޭފާނު މިއޮވެވުނީ ހެނދުނުގެ އަރާމުނިދީގައި ނިދުކުރައްވާށެވެ. އެހިނދު ޢުމަރުގެފާނު ދެންނެވިއެވެ. ކަލޭގެފާނު ތިއަރާމުނިދިން ހޭލެއްވުމަށް، ތިމަންކަލޭގެފާނު ލޯބިނުކުރައްވަމެވެ.” [أخرج ابن أبي شيبة في مصنفه/ كتاب: الأدب / باب: من رخص في التصبح / رقم: 25454]

އަދި އަޞްރު ނަމާދަށްފަހު ނިދުމުގެ ޙުކުމަކީވެސް ހަމަ އެއް ޙުކުމެކެވެ. އެބަހީ: ހުއްދަ (މުބާޙް) ކަމެކެވެ. އަދި ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އެކަން މަނާކުރާ ޞައްޙަ ދަލީލެއް ވާރިދުވެފައެއް ނުވެއެވެ.  އަޞްރުފަހުން ނިދާމިހާގެ ވިސްނުންކޮށިވާކަމަށް ބުނާ ޙަދީޘަކީ ބާޠިލް ޙަދީޘެއެކެވެ. އަދި އިތުރު އެކަލޭގެފާނު އަރިހުން އެ حديث ثابت އެއްވެސް ނުވެއެވެ. [ސިލްސިލަތުއް ޟައީފް-39]

وﷲ أعلم

މަސްދަރު: ދި ސަލަފިއްޔާ

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!